ރައީސް މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި. (ފޮޓޯ/ރައީސް އޮފީސް)

މި ދައުރުގައި ޗައިނާގެ ލޯނުތައް ދައްކަން ނުޖެހޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ: ރައީސް

ރައީސް ވިދާޅުވީ ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތަކާއި އެ ލޯނުތަކުގެ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނުދައްކާ ގޮތަށް ހަމަޖެއްސުމުގެ ފަންނީ މަސައްކަތް ކުރަމުންދާ ކަމަށް

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާއި އެ ދަރަންޏަށް އަރާ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައްކަން ނުޖެހޭ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެނގުން މުހިއްމު - ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ %20 އެވެ.  

 ތަފްސީލް - ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވައި ބޭރުގެ ދަރަނި މެނޭޖު ކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި:

  • ޗައިނާ ސަރުކާރުން ވަނީ މީގެ ކުރިން ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތަކާއި އެ ލޯނުތަކުގެ  އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި؛ މިހާރު ކުރިއަށް ދަނީ އެކަމުގެ ފަންނީ މަސައްކަތް

  • އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ ރާއްޖެއިން ދައްކަން ޖެހިފައި އޮތް 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ފަސް ކޮށްދީފައި

  • ޔޫއޭއީއަށް ދައްކަން އޮތް ލޯނު ވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައި

ބުނީ ކީކޭ؟ ".... އަޅުގަނޑުމެން އެކި ކަންކަމުގައި ނަގާފައި ހުރި ލޯނުތައް ލުއި ގޮތަކަށް ބަހާލައިގެން، ކުރިއަށް އޮތް ފަސް އަހަރު އިގްތިސޯދު މެނޭޖުކުރުމަށްޓަކައި، މި ދެންނެވި އިގްތިސޯދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި، ރޭވިފައި އޮތް ގޮތަށް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، އެއާ އެކު ވެސް، މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަންޏާއި އިންޓްރެސްޓް މެނޭޖު ކުރުމަށްޓަކައި:

  • ފައިސާ ޗާޕު ކުރުމަކާ ނުލާ 3.8 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ދައްކާފައި

  • އެއްވެސް ލޯނެއް ޑީފޯލްޓެއް ނުވޭ

ފާހަގަކޮށްލެވޭ - ޗައިނާ އިން ދަރަނި ފަސް ކޮށްދޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ރޭ ވިދާޅުވި އިރު، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިން މިދިޔަ މޭ މަހު ވިދާޅުވެފައި ވަނީ އެ ދަރަނިތައް ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ސަފީރު އޭރު ވިދާޅުވެފައިވާ ގޮތުގައި:

  • ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ ފަހަރުގައި ރާއްޖެއިން ހިންގާ އާ މަޝްރޫއުތަކަށް ކުރިއަށް އޮތް ތަނުގައި ޗައިނާއިން ދަރަނި ނުނެގޭ ގޮތް ވެދާނެ

  • ދަރަނީގެ ކަންކަން ކުރިއަށްގެންދަން މަސައްކަތްކުރަނީ ވަރަށް ބޮޑަށް ވިސްނައިގެން؛ ރާއްޖެއިން ދައްކަން ޖެހޭ ދަރަނި އިތުރަށް ބޮޑުވާކަށް ޗައިނާއިން ނޭދޭ

  • އެހެންކަމުން، މިހާރު ޗައިނާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި އެ ގައުމުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކަށް

ފަސްމަންޒަރު - ޗައިނާގެ ދަރަނިތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭން ނުވަތަ ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ފަށަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެވަޑައިގެން ވެސް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން މާޗު މަހު ބުނީ، ޗައިނާއަށް ދައްކަން ހުރި ލޯނުތައް ރީސްޓަރަކްޗާ ކޮށްފައި ހުރި ކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ގުޅުންހުރި - ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުގައި އޭނާ ވަނީ ޗައިނާގެ އެގްޒިމް ބޭންކާ ބައްދަލުކުރައްވާފަ އެވެ.

އެ ބޭންކުގެ ޗެއާމަން ވޫ ފޫލިންއާ އެކު ބޭއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިގްތިސާދީ އަދި މާލީ މައުލޫމާތު ޒަމީރު ދެއްވި އެވެ. އަދި ރައީސް މުއިއްޒުގެ އިސްލާހީ ޕްރޮގްރާމާއި މުސްތަގުބަލުގައި އެ ބޭންކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮމެންޓް (2)

ޖާހިދު

31 ޖުލައި 2024
ދެން ތި ދަރަނިތައް އެޅޭނީ ދެން އަންނަ ސަރުކާރުގެ ބޮލުގައި
0 0

ހިމާރުލްގައުމު

27 ޖުލައި 2024
އަށްމަސް ތެރޭ މަހަކު ދެފަހަރު އާދޭސް ދެންނެވީމަވެސް ވީވަރު މިއީ. އެއްޗެއް ލިބޭތޯ ކުރި ދަތުރުތަކުގެ ޙަރަދު ބޮޑު މި އަންނަ ދައުރަށް ދަންމާލީމަ އެ ކުޑަވި އިންޓަރެސްޓަށްވުރެ. މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެ، ޔާމީނުގެ އިގްތިސާދީ ވިސްނުމެއް ނުހުންނާނެ ތިއައިން އެކެއްގެވެސް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް