ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓު ބޭންކާ ބައްދަލުކުރެއްވުން.

މޫސާ ޒަމީރު

ޒަމީރުގެ ޗައިނާ މަޝްވަރާތައް: މިއަދުގެ ބައްދަލުވުންތަކުގައި ޗައިނާ އެގްޒިމް ބޭންކާއި އޭއައިއައިބީ

އެ ބައްދަލުވުންތަކުގައި މަޝްރޫއުތަކަށް ފައިސާ ހޯދުމާއި މުސްތަގުބަލުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޗައިނާގެ ދެ ބޭންކަކާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ޒަމީރު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ތަފްސީލު - މާދަމާގެ ނިޔަލަށް ކުރައްވާ އެ ދަތުރުގައި ޒަމީރު މިއަދު ބައްދަލުކުރެއްވީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޗައިނާ އެގްޒިމް ބޭންކްއާ އެވެ.

އޭއައިއައިބީއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ އިޔާދަކުރަނިވި ހަކަތަ އާއި ދަތުރުފަތުރާ ގުޅޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފޫލިންއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިގްތިސާދީ އަދި މާލީ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި ރައީސް މުއިއްޒުގެ އިސްލާހީ ޕްރޮގްރާމާއި މުސްތަގުބަލުގައި އެ ބޭންކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރި އެވެ.

ގުޅުންހުރި ކަމެއް - ޒަމީރުގެ މި ދަތުރުގައި މީގެ ކުރިން ވަނީ ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާއި އެކި ކުންފުނިތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖޭގެ މަޝްރޫއުތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް