ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުން

ރާއްޖެ-ޗައިނާ

ރާއްޖޭގެ މާލީ އިސްލާހީ ޕްރޮގްރާމަށް ޗައިނާއިން އެހީވުމަށް އެދިއްޖެ

އެކަމަށް އެދިވަޑައިގެންނެވީ މިނިސްޓަރު ޒަމީރު ހިމެނޭ ގޮތުން ތިން މިނިސްޓަރުން ޗައިނާއަށް ކުރައްވާ ދަތުރުގައި އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭ މައުލޫމާތު ޗައިނާއާ ހިއްސާކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިސްލާހީ ޕްރޮގްރާމަށް ޗައިނާގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިނިސްޓަރު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ މާލީ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފަ އެވެ.

ތަފްސީލް - ދެ މިނިސްޓަރުންގެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ މާލީ އިސްލާހުތަކާ ގުޅޭ މައުލޫމާތު މިނިސްޓަރު ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެ މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ:

  • ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ދެއްވި

  • ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާގުޅޭ މަޝްވަރާތައް ކުރި؛ އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި އުމްރާނީ ތަރައްގީ އަދި ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފައިވޭ

އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން އިތުރަށް ބުނީ ޗައިނާއަކީ  ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރު ޒަމީރު ޗައިނާގެ ފޮރިން މިނިސްޓަރަށް ޝުކުރުއަދާކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްތައް އިތުރުކުރުމަށް ދެ ގައުމުން ވެސް އެއްވަސްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޗައިނާގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް