ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޗައިނާ ޓިއަންޔިންގް ކުންފުނީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުން.

މޫސާ ޒަމީރު

ޒަމީރުގެ ޗައިނާ ދަތުރު: މަޝްރޫއުތައް ކުރިއަށްގެންދަން މަޝްވަރާތަކެއް

ކޮންސްޓްރަކްޝަން މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާއި އެ ގައުމުގެ އެކި ކުންފުނިތަކުގެ ވެރިންނާ ވަނީ ބައްދަލުކުރައްވާފައި

ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކުގައި ޗައިނާގެ އެހީ ހޯދުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ އެކި ކުންފުނިތަކާ މަޝްވަރާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްވަރާ ބައްދަލުވުންތައް ބޭއްވީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ޒަމީރު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ތަފްސީލު - ޒަމީރު މިއަދު ބައްދަލުކުރެއްވި ކުންފުނިތަކުގެ ތެރޭގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އަދި ޗައިނާ ޓިއަންޔިންގް ހިމެނެ އެވެ.

އެ ބައްދަލުވުންތަކުގައި:

  • ސީމެކްގެ ޗެއާމަން ވެންގް ބޯއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވި

  • ރަސްމާލެ އާއި ގުޅިފަޅު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްގެންގޮސް، އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި

  • ސީއެސްސީއީސީ އާއި ޗައިނާ ޓިއަންޔިންގްއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކުންފުނިތަކާ ގުޅިގެން ކުނި މެނޭޖު ކުރުމާއި އިޔާދަކުރަނިވި ހަކަތަ ތަރައްގީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ޒަމީރުގެ ޗައިނާ ދަތުރު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހަށެވެ. 

މި ދަތުރުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް