ޗައިނާ ސަފީރު ވަންގް ލީޝިން. (ދައުރު ފައިލް ފޮޓޯ)

ރާއްޖެ-ޗައިނާ

ލޯނުތައް ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ނެތް: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ވިދާޅުވީ ދަރަނިތައް ދެއްކުން ފަސްކޮށްފި ނަމަ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ޗައިނާއިން އިތުރަށް ލޯނު ނުނެގޭނެ ކަމަށް

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި އިތުރަށް ރީސްޓްރަކްޗާ ކުރުން، ނުވަތަ އެ ދަރަނިތައް ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގް ލީޝިން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ، އިއްޔެ ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.  

އެނގުން މުހިއްމު - ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ %20 އެވެ.

މި ލޯނުތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭން ނުވަތަ ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ފަށަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން މާޗު މަހު ބުނީ، ޗައިނާއަށް ދައްކަން ހުރި ލޯނުތައް ރީސްޓަރަކްޗާ ކުރެވިފައި ހުރި ކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ބުނީ ކީކޭ؟ - "ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ފަހަރުގައި [ރާއްޖެއިން ހިންގާ] އާ މަޝްރޫއުތަކަށް [ކުރިއަށް އޮތް ތަނުގައި ޗައިނާއިން] ދަރަނި ނުނެގޭ ގޮތް ވެދާނެ،" ދަރަނި ދެއްކުން ފަސްކުރަން ނުވިސްނަވާ ސަބަބަކަށް ޗައިނާގެ ސަފީރު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، މި މައްސަލައަށް ހައްލެއް ހޯދަން [ދެ ގައުމުގެ] ޓެކްނިކަލް ސްޓާފުން ދަނީ މަސައްކަތް ކުރަމުން."

ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި:

  • ދަރަނީގެ ކަންތައްތައް ކުރިއަށްގެންދަން މަސައްކަތްކުރަނީ ވަރަށް ބޮޑަށް ވިސްނައިގެން؛ ރާއްޖެއިން ދައްކަންޖެހޭ ދަރަނި އިތުރަށް ބޮޑު ވާކަށް ޗައިނާއިން ނޭދޭ

  • އެހެންކަމުން، މިހާރު ޗައިނާއިން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި އެގައުމުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކަށް

"އެކަމަކު ހުރިހާ ކަމެއް ހިލޭ އެހީގެ ދަށަކުން ނުކުރެވޭނެ. އެހެންކަމުން އެހެން ގޮތްގޮތުން އާ މަޝްރޫއުތަކަށް ފައިސާ ހޯދަން ތިޔަ ބޭފުޅުން ދިވެހި ސަރުކާރަށް އެހީތެރިވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ނޫސްވެރިންގެ ބައްދަލުވުމުގެ ބައިވެރިންނަށް ވަންގް ލީޝިން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އިއްޔެގެ ބައްދަލުވުމުގައި، ޗައިނާ އިން ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސަން އުޅޭ ކަމަށް އެކި ފަރާތްތަކުން ދައްކާ ވާހަކައަށް ވެސް ސަފީރު ރައްދު ދެއްވާފައިވެ އެވެ. އެގޮތުން، އެ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުކުރޭތޯ އަދި އެއްވެސް ސަރުކާރަކުން ރާއްޖެ އެފަދަ ދަންތުރައެއްގައި ޖެއްސޭނެ ގޮތަށް ކަންކަން ކުރައްވާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ސަފީރު އިތުރަށް ވިދާޅުވީ:

  • ޗައިނާ އަކީ އަބަދުވެސް ރާއްޖެއާ އެކު ގުޅިގެން މަސައްކަތް ކުރާ ގައުމެއް 

  • ޗައިނާގެ ލޯނުގައި ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަކީ ޗައިނާއިން ބޭނުންވެގެން ހިންގި މަޝްރޫއުތަކެއް ނޫން؛ ޗައިނާ އިން ރާއްޖޭގައި ހިންގާފައިވާ ހުރިހާ މަޝްރޫއެއް ވެސް ހިންގީ ރާއްޖެއިން ބޭނުންވެގެން

  • އެ މަޝްރޫއުތަކާ ބެހޭ ހުރިހާ ނިންމުންތަކެއް ވެސް ނިންމާފައިވަނީ ރާއްޖެއިން

ކޮމެންޓް (4)

ނަންނަ

17 މޭ 2024
ތި ކަމުގެ ހައްލަކީ ސިޔާސީ މަޤާމުތައް އަދިވެސް އިތުރުކުރުން.
3 0

އަލީ ދިއްދޫ

17 މޭ 2024
އިންޑިއާ ޗައިނާގެ ތަފާތު ފެނިއްޖެއްނުން
3 0

ޢަލި

17 މޭ 2024
@އަލީ ދިއްދޫ ތި އާޓިކަލް ރަގަޅަށް ކިޔާބަލަ. އިންޑިޔާއިން ހިލޭ އެހީ އޭކިޔާފަ ދިނީ ލޯނު . ޗައިނާއިން ބުނެފައި އޮތީ ސީދާ ހިލޭ އެހީ ދޭވާހަކަ އަދި ލޯނުތަކަށްވެސް އެހެން ހައްލެއް ހޯދާ ވާހަކަ .
1 1

ޙަސަނާ

17 މޭ 2024
ހުސް ދޮގު ހަދަނީ ސަރުކާރުން. ޗަައިނާގެ ދަރަނި ދަންތުރައިގަ ޖެހިއްޖެ
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް