ހައި ކޯޓުގައި މިއަދު ބޭއްވި މަހްމޫދު މަރުގެ މައްސަލާގެ ޝަރީއަތުގައި ސާލިމް
މަހްމޫދުގެ މަރު: ސާލިމް މަރަން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި
އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - އޮކްޓޫބަރު 2021ގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވަ އެވެ.
މަހްމޫދު މަރާލިކަމަށް ސާލިމް ވަނީ ތަހުގީގީ މަރުހަލާ އާއި ކްރިމިނަލް ކޯޓުގައި ވެސް އިއުތިރާފުވެފަ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން:
-
ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ސާލިމް މަރަން
-
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ މަރަށް މަރު ހިފާ މައްސަލަތަކުގައި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ބޭނުންވާތީ
ތަފްސީލް - ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ހައި ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމީ މަރުގެ ހުކުމް ދަށު ކޯޓުން ސާބިތުކޮށްފައިވަނީ ސާލިމްގެ އިއުތިރާފުން އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ކަމުން ސާލިމް މެރުމަށް ދަށު ކޯޓުން ކުރި ހުުކުމް ދެމެހެއްޓުމަށެވެ. އަދި އެއީ ސައްހަ ހުކުމެއް ކަމަށް ނިންމި އެވެ.
މިގޮތަށް ހައި ކޯޓުން ހުކުމްކުރީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގްލަބިއްޔަތުންނެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ބުނެފައިވަނީ:
-
ކުށެއްގެ ދައުވާ ލިބޭ ފަރާތްތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް މި މައްސަލާގައި އެންމެ ފުރިހަމައަށް ސާލިމަށް ދަށު ކޯޓުން ކަށަވަރުކޮށްދީފައިނުވޭ
-
އިއުތިރާފެއް ހޯދުމުގެ ކުރިން އެމީހެއްގެ ދުސްތޫރީ ހައްގުތައް ކަށަވަރު ނުކޮށްދޭ ހާލަތުގައި އޭނާގެ ކިބައިން ހޯދާފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަކަށް ގަބޫލެއް ނުކުރެވޭނެ
-
އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމާ އެކު، ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ފަހު ޖަވާބުދާރީވާން ސާލިމަށް ފުރުސަތުދީ އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް އަންގަން ޖެހޭ
ނަމަވެސް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވިދާޅުވީ މި މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދިޔަ އޯޑިއޯ/ވީޑިއޯ ބެލިއިރު އޭނާގެ މައްޗަށް ދައުވާ އިއްވުމުގެ ކުރިން ލިބިދޭން ޖެހޭ ހައްގުތައް، ތަރުޖަމާން މެދުވެރިކޮށް، އަންގާފައިވާކަން ސާފުކޮށް އެނގޭ ކަމަށެވެ.
ގާނޫނީ އިޖުރާއަތުގައި ބުނާ ކަންކަަމުގެ ތެރެއިން ދަށުން ކޯޓުން ސާލިމަށް ސާފުކޮށް ނުދީ އޮތީ މީހަކު މަރަން އުޅުމުގެ ކުށާއި ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށާ ގުޅޭ ގޮތުން ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. ނަމަވެސް ދައުވާކުރި އަސްލު ކުށް ކަމުގައިވާ ގަސްތުގައި މީހަކު މެރުމުގެ ކުށާއި އެ ކުށުގެ އަދަބު ސާލިމަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން އަސްލު ކުށް ސާލިމުގެ މައްޗަށް ސާބިތުކުރެވޭތީ އެ ކުށާ ގުޅޭ އެހެނިހެން ކުށްތަކުގެ ވާހަކަ ކިޔާ ނުދެވި އޮތްއޮތުމަކީ އިޖުރާއީ ގޮތުން މި މައްސަލައަށް އަސަރުކުރާނެ އަދި އެކަމުގެ ސަބަބުން ސާލިމަށް ބޭއިންސާފެއް ލިބިދިން ކަމެއް ކަމަކަށް އަހުރެން ނުދެކެން. ސަބަބަކީ ސާލިމަށް ސާބިތުވަނީ އިބްތިދާއީ މަރުހަލާގައި އޭނާއަށް ކިޔައިދީފައިވާ ކުށް ކަމަށް ވާތީ،" ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވިދާޅުވި އެވެ.
މި ރައުޔުއަށް ފަނޑިޔާރު ފާތިމަތު ފަރްހީޒާ ތާއީދުކުރެއްވި އެވެ.
ހައި ކޯޓުގެ ނިންމުމުގައި ބުނީ:
-
ހައްގެއް ލިބިގެންވާކަން ކަށަވަރުކުރަން ލިއުމެއް ހަދައި އިނގިލީގެ ނިޝާން ނެތުމަކީ، އެ ހައްގުތައް ކަށަވަރުނުވާ ކަމަށް ބުނެ، އެކަންކަން ލިބިދިންކަން ކަށަވަރުކުރެވޭނެ އެހެން ވަސީލަތްތައް ހުއްޓައި، އެޔަށް ނުބަލައި ދޫކޮށްލެވޭނެ ކަމެއް ނޫން
-
އެފަދަ ބޭއިންސާފެއް އޮތް ކަމަށް ދަށު ކޯޓުގައި ސާލިމްގެ ފަރާތުން ވެސް ސާލިމްގެ ވަކީލުގެ ފަރާތުން ވެސް ފާހަގަކޮށްފައެއް ނުވޭ
-
މަހްމޫދު މަރާލި ގޮތް ސާލިމް ޝަރީއަތުގެ މަޖިލީހުގައި ތަފްސީލުކޮށް ކިޔައިދީފައިވާއިރު، އެ ވާހަކަތައް ކިޔައިދިން ގޮތުން މަހްމޫދު މެރުމުގެ ގަސްތު އޭނާގެ ކިބައިގައި އޮތްކަން ސާފުކޮށް ދެނެގަނެވޭ
-
މަހުމޫދުގެ ހަށިގަނޑު ފޮރުވަންވެގެން ކުރި ކަންކަމާ ބެހޭ ގޮތުން ސާލިމް ކިޔައިދިން ވާހަކަތަކުން ވެސް އެނގެނީ އޭނާގެ ނިޔަތުގެ ނުބައިކަމާއި ގަތުލު އާންމުގެ އަަމަލަށް ސާފުކޮށް ޝަރީއަތުގައި ސާލިމް އިއުތިރާފްވާކަން
-
ދަށު ކޯޓުގައި ކުށަށް އިއުތިރާފުވީ ފުލުހުން މަޖުބޫރުކޮށް، އިއުތިރާފު ވެއްޖެ ނަމަ ގައުމަށް ފޮނުވައިދޭނެ ކަމަށް ފުލުހުން ބުނެފައި ވާތީ ކަމަށް ހައި ކޯޓުގައި ސާލިމް ބުނި ނަމަވެސް އެއީ ދަށު ކޯޓުގެ އެއްވެސް މަރުހަލާއެއްގައި ސާލިމް ބުނި އެއްޗެއް ނޫން
-
އެހެންކަމުން އެއީ ބަޔަކު އޭނާއަށް ލައިދީގެން ދައްކާ ވާހަކައެއް ކަމަށް ގަބޫލުކުރަން ފުރުސަތު އެބަ އޮތް
-
ދަށު ކޯޓުގެ މަރުހަލާގައި އެތައް އަޑުއެހުމެއްގައި ތަކުރާރުކޮށް ސާލިމް އެ ކުށަށް އިއުތިރާފުވުމަށް ފަހު މިހާރު އެ އިއުތިރާފަކީ މަޖުބޫރުކޮށްގެންވީ އިއުތިރާފެއްކަމަށް ބުނެ އެ އިއުތިރާފުން އޭނާއަށް ރުޖޫއަވެވޭނެ ކަމަށް ނުދެކެން
މައްސަލައިގެ ހުލާސާ
ސާލިމަކީ ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން އުޅުނު މީހެެކެވެ. އޭނާ މަހުމޫދު މަރާލީ އުމުރުން ދުވަސްވީ މީހާ ވެސް އުޅޭ ގޭގެ ތެރޭގަ އެވެ. ތަހުގީގަށް ފަހު ފުލުހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގަ އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ސާލިމް ދިރިއުޅުނު ގެ ބަލައި ފާސްކުރި އިރު، އެ ގެއިން މަހުމޫދުގެ ބައެއް ތަކެތި ވެސް ފެނިފައިވެ އެވެ.
އެނގުން މުހިންމު - ދަށު ކޯޓަކުން މަރުގެ ހުކުމް ކުރިޔަސް، އެ ހުކުމާ މެދު މަތީ މަރުހަލާގެ ކޯޓުތަކުން ވެސް ގޮތެއް ނިންމަން ޖެހެ އެވެ. އެހެންވެ، ހައި ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރުމާ އެކު ދެން މި މައްސަލަ ފޮނުވާނީ ސުޕްރީމް ކޯޓަށެވެ. މަތީ މަރުހަލާގެ ކޯޓުތަކުން ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލުވެ، މަރަށް މަރު ހިފަން ހުކުމް ކުރިޔަސް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒެއް ނުކުރެ އެވެ.