ހުޅުމާލެ ފޭސް 2 ގައި ބިދޭސީން މަސައްކަތް ކުރާތަން. ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ކުންފުނިތައް ގިނަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބިދޭސީންގެ ފީތަކަށް ފައިސާ ނުދައްކާ ކުންފުނިތައް ހާމަކޮށްފި

ބިދޭސީންނާ ގުޅޭގޮތުން ދޫކުރާ ހުއްދަތަކަށް 100،000ރ. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތައް މިނިސްޓްރީން ވަނީ ހާމަކޮށްފައި

ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން ވަޒީފާދޭ ފަރާތުން ދައުލަތަށް ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000ރ. އަށް ވުރެ މައްޗަށް އަރައި، 1،000އަށް ވުރެ ގިނަ ފަރާތްތަކުގެ މައުލޫމާތު ހޯމް މިނިސްޓްރީން މިރޭ ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ބިދޭސީންނާ ގުޅޭގޮތުން ދޫކުރާ ހުއްދަތަކަށް، ވަޒީފާދޭ ފަރާތްތަކުން ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސްކުރަން ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ މިދިޔަ މަހު ކުރީކޮޅު އިއުލާނުކޮށްފަ އެވެ.

އެ ފިޔަވަޅުގެ ދަށުން އެ މިނިސްޓްރީން މިރޭ ވަނީ ބިދޭސީންގެ ކަންކަމާ ގުޅިގެން 100،000ރ. އަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުދައްކާ ހުރި ކުންފުނިތަކާއި މީހުންގެ ތަފްސީލް ހާމަކޮށް، ލިސްޓެއް ނެރެފަ އެވެ.

ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތުގެ ނަމާއި ނަންބަރާއި ދައްކަން ޖެހޭ ވޯކް ޕާމިޓް ފީ، ކޯޓާ ފީ އާއި ކެންސަލޭޝަން ފީގެ އަދަދާއި މުޅިއެކު ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު ހިމަނާފައިވާ މި ލިސްޓުގައި، 1،026 ފަރާތެއްގެ ނަން އެބައޮތެވެ.

ތަފްސީލް - ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ މިންވަރުން ތަރުތީބު ކޮށްފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮތީ ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އެވެ. އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 27 މިިލިއަން ރުފިޔާއާ ކައިރި ކުރެ އެވެ.

ލިސްޓުގެ ދެވަނަ އަދި ތިންވަނައިގައި އޮތް އެޑްވާންސް ގޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ބްރައުން ބިލްޑާޒް ޕްރައިވެޓް ލިމިޓެޑުން ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އުޅެނީ، ކޮންމެ ކުންފުންޏަކަށް 14 މިލިއަން ރުފިޔާ އިން މަތީގަ އެވެ.

ފާހަގަކޮށްލެވޭ - ލިސްޓުގެ ހަތަރުވަނައިގައި އޮތް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަކީ ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު އާއި އޭނާގެ ދަރިކަނބަލުން އަދި އެމްއެމްޕީއާރުސީގެ ކުރީގެ ޗެއާޕާސަން ނޫރައިން ޖަނާހުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ލިންކްޑް-އިން ދައްކާ ގޮތުގައި:

  • ޖަނާހު އަކީ އެ ކުންފުނީގެ ގްރޫޕް ޗެއާމަން

  • އަދި ނޫރައިން އަކީ އެ ކުންފުނީގެ ވައިސް ޗެއާ

ހޯމް މިނިސްޓްރީގެ ލިސްޓުގައި ވާގޮތުން އެ ކުންފުނިން ދައުލަތަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.

ލިސްޓުގެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި މަޝްހޫރު ރިސޯޓު ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތައް ފާހަގަކޮށްލެވެ އެވެ. އޭގެތެރޭގައި ލިސްޓުގެ 30 ވަނައިގައި އޮތް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ ގޮތުގައި:

  • 123 ފަރާތަކުން ދައުލަތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ

  • 117 ފަރާތަކުން ދައުލަތަށް 500،000ރ. އަށްވުރެ ގިނައިން ދައްކަން ޖެހޭ

  • ލިސްޓުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ހިއްސާ އޮތް ކުންފުނިތައް ހިމެނޭ

އެނގުން މުހިއްމު - މިދިޔަ މަހުގެ ކުރީކޮޅު ހޯމް މިނިސްޓްރީން ވަނީ ބިދޭސީންނާ ގުޅޭގޮތުން ދޫކުރާ ހުއްދަތަކަށް، ވަޒީފާދޭ ފަރާތްތަކުން ނުދައްކާ ހުރި ފައިސާ ދެ ހަފްތާ ތެރޭގައި ދައްކާ ހަލާސް ކުރަން އަންގާފަ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީން އޭރު ކުރި އިއުލާނުގައި ވާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނާއި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާ ބެހޭ ގަވައިދުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ގިނަ އަދަދެއްގެ ބަޔަކު ނުދައްކަ އެވެ. އެގޮތުން:

  • 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުދައްކާ އެބައޮތް

  • މިއީ 10،000 އަށް ވުރެ ގިނަ ވަޒީފާ ދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ލައްކައަކަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މުއްދަތުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް: 

  • އާންމުކޮށް އިއުލާނު ކުރާނެ

  • އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ

  • އެ ފަރާތްތަކަށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ

ގުޅުންހުރި - ގަވައިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާ ގުޅޭ އުސޫލުތައް މުރަޖައާކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ދެނެގަނެ، ގަވައިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.  

ކޮމެންޓް (2)

ޢަބްދުﷲ

25 ޖުލައި 2024
ހޯމް މިނިސްޓަރ މީ މޭން އެކޭ، އެހެންމިނިސްޓްރީ ތަކަށްވުރެ މާކުރީގަ އެ އުޅުއްވަނީ
2 0

ބާއި

25 ޖުލައި 2024
@ޢަބްދުﷲ ވޯ ހަމާރާ ބާއިހޭ . ބޮހޮތު ތަގަޅާ އާދަމީ ހޭ. ޕަޅާ ލިކާ އާދަމީ ހޭ ނަ. އިސް ދައުރުމޭ ސަބް ކުޗް ޓީކު ހޯޖާއޭ ގާ /...//
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް