ކަރެކްޝަންސްއިން ބަލަހައްޓަމުން އަންނަ މާފުށީ ޖަލު (ފައިލް ފޮޓޯ/ ޕީއެސްއެމް)

މަކަރާއި ހީލަތް

ޖަލުން ހިންގާ ސްކޭމުތައް ހުއްޓުވަން ޖެހި އެންޓަނާގެ ބޭނުމެއް ނުހިފޭ: ކަރެކްޝަން

އެންޓަނާ ބޭނުންކުރާ ކަމަށާއި އެންޓަނާ ޖެހުމުގެ ސަބަބުން ކުރިން ޖަލު ތެރެއަށް ރޭންޖު ނުލިބޭ ބައެއް ގޮޅިތަކަށް ރޭންޖު ވެސް ލިބޭ ކަމަށް ޑީސީޕީ ވިދާޅުވި

ގާނޫނީ މައްސަލަތައް ހުރުމުގެ ސަބަބުން މާފުށީ ޖަލުން ހިންގާ ސްކޭމުތައް ހުއްޓުވަން ޖެހި އެންޓަނާގެ ބޭނުން ނުހިފޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޭންކު މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އިއްޔެ ވިދާޅުވީ މާފުށީ ޖަލުގައި ބެހެއްޓި އެންޓަނާއަށް އަރާ ހުރިހާ ނަންބަރުތަކެއްގެ ވެރިފިކޭޝަން ފުލުހުންނަށް ދޭން ޓެލެކޮމް އޮޕަރޭޓަރުންނަށް އުނދަގޫ ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ މިހާރު ވެސް އެންޓަނާ ބޭނުންކުރާ ކަމަށާއި އެންޓަނާ ޖެހުމުގެ ސަބަބުން ކުރިން ޖަލު ތެރެއަށް ރޭންޖު ނުލިބޭ ބައެއް ގޮޅިތަކަށް ރޭންޖު ވެސް ލިބޭ ކަމަށެވެ.

"މިހާރު ބޮޑަށް އެންޓަނާއަށް ހިޓުވާ ނަންބަރުތަކުގެ މައުލޫމާތު ލިބޭތޯ އެނގޭނީ ފުލުހުންނަށް. އަޅުގަނޑުމެންގެ އެއްވެސް މުވައްޒަފަކު ވެސް، އޮފިސަރަކު ވެސް މިހާރު ބޭނުން ކުރާނީ ނަންބަރު ޕޮލިހުންނަށް ދީގެން. އެންޓަނާއަށް ހިޓުވަންޏާ އެނގޭނެ މުވައްޒަފުން ބޭނުން ކުރާ ނަންބަރެއްތޯ ނުވަތަ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އިތުރަށް ވިދާޅުވީ، ޖަލުން ސްކޭމު ކޯލުތައް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ސަބަބަކީ ދުނިޔޭގެ އެއްވެސް ޖަލެއް ނެތް އެއްކޮށް ބްލޮކު ކުރެވިފައެއް ފޯނު އަދި ކޮންޓްރަބޭންޑްސް ނުވަންނަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ ކަމަށާއި ޖަލަށް އެފަދަ ތަކެތި ވެއްދުން އެއްކޮށް ހުއްޓުވޭނެ ކަމަށް އެއްވެސް އިރަކު ވިދާޅު ނުވާނެ ކަމަށް ވެސް ޑީސީޕީ ވިދާޅުވި އެވެ.

"ވަނުން އެކަށީގެންވޭ. އެކަން އެގޮތަށް ކުރިއަށް ދިޔުން ވެސް އެކަށީގެންވޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މަސައްކަތްތައް މިހާރު ބައްޓަން ކުރަމުން މިދަނީ ޖަލަށް ކޮންޓްރަބޭންޑްސް ވަންނަ މިންވަރު މަދުކޮށް، އަޅުގަނޑުމެންގެ އޮފިސަރުން އިތުރަށް ސްކޭނުކޮށް، ޖަލަށް ވަންނަ، ވެއްދޭ އެއްޗެހި އަޅުގަނޑުމެން ވަރަށް ބޮޑަށް ވެރިފައިކުރަމުން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ކުރިއާ އަޅާބަލާއިރު ޖަލަށް ވެއްދުން މަނާ ތަކެތި ވަންނަ މިންވަރު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ވެސް އިބްރާހިމް ފާހަގަކުރެއްވި އެވެ.

ގުޅުން ހުރި - ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ސްކޭމު ކޯލުތައް ކުރާ މައްސަލަ ހައްލު ކުރުމަށް މާފުށީ ޖަލުގައި ވަނީ އެންޓަނާއެއް ބަހައްޓައިފަ އެވެ. ސްކޭމު މައްސަލަތައް ހުއްޓުވުމަށް ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅިގެން ވެސް ކަމާ ބެހާ ފަރާތްތަކުން ވަނީ ގިނަ ފިޔަވަޅުތައް އަޅައިފަ އެވެ.

ސިމް ވިއްކާއިރު ވަގުތުން ސިމް އެކްޓިވޭޓްވެފައި ހުރުމުގެ ބަދަލުގައި އެ ސިމް ކާޑެއް ގަތް މީހެއްގެ މައުލޫމާތު ދިރާގު ނުވަތަ އުރީދޫއަށް ލިބުމުން ނޫނީ އެކްޓިވޭޓް ނުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.

ކޮމެންޓް (3)

ގަރުދިޔަވަޒީރު

28 ޖުލައި 2024
އަޅުގަޑު އެކަނި ތިކަންހައްލުކޮއްލާނަން 3 މަސްދުވަހުން
0 0

ޙަސަޏާ

25 ޖުލައި 2024
ޑެޕިއުޓީގެ މިހިރީ ނުވާ ވިސްނުން. ބަދަލު ކުރަންޖެހޭ
1 0

ސިކުނޑި

25 ޖުލައި 2024
ސެކިއުރިޓީއަކީ މިސަރުކާރުން ދަންނަ އެއްޗެއްނޫން! އެއަށްވުރެ މާ ގަޅި ހުރިހާ އެންމެންވެސް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް