އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މިރޭ އައްޔަންކުރެވުނު ހިސާން ހުސައިން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާ ސަލާމް ކުރައްވަނީ. (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަންކޮށްފި

ެއޭނާ ނައިބު ރައީސްކަމަށް އައްޔަނުކުރެވުނީ ގައުމީ މަޖިލީހުގެ އިއްތިފާގުން

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ރައީސް ހިސާން ހުސައިން އައްޔަން ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމަށް ހިސާން އައްޔަންކުރިކަން އިއުލާނުކޮށް، އޭނާއަށް މަރުހަބާ ކިޔައި އެމްޑީޕީގެ 'އެކްސް' އެކައުންޓުން މިރޭ ވަނީ ޕޯސްޓެއް ކޮށްފަ އެވެ.

ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ހިސާން ސަލާންކުރައްވާ ފޮޓޯއާ އެކު ކޮށްފައިވާ އެ ޕޯސްޓުގައިވާ ގޮތުން، ހިސާން ނައިބު ރައީސްކަމަށް އައްޔަންކުރީ ގައުމީ މަޖިލީހުގެ އިއްތިފާގުންނެވެ.

އެނގުން މުހިއްމު - އެމްޑީޕީން އޮގަސްޓު 2022ގައި ބޭއްވި އެޕާޓީގެ ކޮންގްރެސްއިން ޕާޓީގެ އަސާސީ ގަވައިދަށް ގެނެސްފައިވާ އިސްލާހާ އެކު، ނައިބު ރައީސްގެ މަގާމަކީ ކުރިމަތިލާން ހުޅުވާލައިގެން އިންތިހާބު ކުރާ މަގާމެއް ނޫނެވެ. އެގޮތުން:

  • އިސްލާހުކޮށްފައިވާ އަސާސީ ގަވައިދުގެ 64 ވަނަ މާއްދާގައިވާ ގޮތުން ނައިބު ރައީސްގެ މަގާމަކީ ޕާޓީގެ ރައީސްއަށް އެހީތެރިވުމުގެ ގޮތުން އެނާ ހަމަޖައްސަވާ ބޭފުޅަކު އައްޔަން ކުރާ މަގާމެއް؛ ނަމަވެސް އެކަން ކުރަން ޖެހެނީ ގައުމީ މަޖިލީހުގެ ރުހުމާ އެކު

  • އެ މަގާމަށް ޕާޓީގެ ރައީސް ހުށަހަޅާ ނަމަކަށް ގައުމީ މަޖިލީހުގެ ރުހުން ނުލިބިއްޖެ ނަމަ، އިތުރު ފަރާތެއްގެ ނަން ހުށަހަޅަން ޖެހޭ

ފާހަގަކޮށްލެވޭ - މިދިޔަ ފެބްރުއަރީ މަހު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ޝާހިދު ވަޑައިގެންނެވި އިރު، ނައިބު ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ. ކުރިން އެ މަގާމުގައި ހުންނެވީ ޑިމޮކްރެޓްސްގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.  

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ހިސާން އެ މަގާމަށް ހަމަޖެއްސުމަށްޓަކައި ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމީ، ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑާޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމުން އެކަމަށް ވެސް ރިއާޔަތްކުރުމަށް ފަހު އެވެ.

"ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާ އިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ،" ތުޅާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވެފައިވެ އެވެ

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ނޮމިނޭޓްކޮށްދެއްވުމުން އެކަން ގަބޫލުކުރެއްވި ކަމަށް ވިދާޅުވެ، ގައުމީ މަޖިލިސް މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް