ނިމިދިޔަ 19 ވަނަ މަޖިލީހުގައި ރައީސް މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްުވުމަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އަވަސް އަރުވާލައިގެން އެމަނިކުފާނު ވަކި ނުކުރެވޭނެ ގޮތަށް 20 ވަނަ މަޖިލީހުގެ މަޖިލިސް ގަވައިދު މިއަދު ވަނީ ފާސްކޮށްފައި (ފޮޓޯ/މަޖިލިސް)

އަވަސް އަރުވާލައިގެން ރައީސް ވަކިނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކޮށްފި

މަޖިލީހުގެ ގަވައިދު ކުރިން އޮންނަ ގޮތުން ރައީސް އާއި ނައިބު ރައީސްގެ މަގާމުން ވަކިކުރުމުގެ މަރުހަލާ އޮންނަނީ އަވަސް ގޮތެއްގައި ނިމޭ ގޮތަށް

ރައީސް އައި ނައިބު ރައީސް އަވަސް އަރުވާލައިގެން މަގާމުން ވަކި ނުކުރެވޭ ގޮތަށް، އެ މަރުހަލާގައި އިތުރު ދުވަސްތައް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި މިހާތަނަށް އަމަލު ކުރަމުން އައީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލުކުރަމުންދިޔަ ގަވައިދަށެވެ.

މަޖިލީހުގެ އާންމު ކޮމިޓީން އެ ގަވައިދު މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އިސްލާހު ކުރުމުގެ މަސައްކަތް ނިންމައި ބައެއް ބަދަލުތަކާ އެކު ވަނީ މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހަޅާފަ އެވެ.

އެ އިސްލާހުތަކާ އެކު ގަވައިދު ފާސްކޮށްފައި ވަނީ، ޖަލްސާގައި ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާ އެކު އެވެ. ވަކި ކޮޅަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތަފްސީލު - 19 ވަނަ މަޖިލީހުގެ ގަވައިދަށް އާންމު ކޮމިޓީން ގެނެސްފައިވާ އެންމެ ބޮޑު އިސްލާހަކީ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރާއިރު، މަޖިލީހުން ކުރަން ޖެހޭ މަރުހަލާތަކުގެ ވަގުތުތަކަށާއި މުއްދަތުތަކަށް ބަދަލު ގެނެއުމެވެ.

އެ އިސްލާހުތަކުގެ ނަތީޖާއަކީ އަވަސް އަރުވާލައިގެން އެފަދަ މައްސަލައެއްގައި ގޮތް ނިންމުމުގެ ފުރުސަތު ނުލިބުމެވެ. އެގޮތުން:

  • ރައީސް އާއި ނައިބު ރައިސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލާ ހަތް މެންބަރުން ކޮމިޓީއަށް އެ މައްސަލަ ލިބޭތާ ގިނަވެގެން 10 ދުވަސް ތެރޭ ތަހުގީގު ނިންމުން؛ ކުރިން އޮންނަނީ ގިނަވެގެން ފަސް ދުވަސް ތެރޭ ރިޕޯޓު ނިންމާ ގޮތަށް

  • އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަން ޖެހެނީ މަދުވެގެން 24 ގަޑިއިރުގެ ނޯޓިސް މެންބަރުންނަށް ދިނުމަށް ފަހު؛ ކުރިން އޮންނަނީ މަދުވެގެން ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭ ގޮތަށް

  • ކޮމިޓީއަށް އެއްވެސް މީހަކު ހާޒިރު ކުރާ ނަމަ، މަދުވެގެން ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެ؛ ކުރިން އޮންނަނީ މަދުވެގެން ދެ ގަޑިއިރުގެ ނޯޓިސްއެއް ދިނުމަށް

  • ތަހުގީގު ކޮމިޓީގެ ރިޕޯޓު ރައީސް އާއި ނައިބު ރައީސަށް ފޮނުވާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަސް ތެރޭ ލިޔުމުން ޖަވާބުދާރީވުމަށް؛ ކުރިން އޮންނަނީ ދެ ދުވަސް ތެރޭ ލިޔުމުން ޖަވާބުދާރީވާން ޖެހޭ ގޮތަށް

މަޖިލިސް ގަވައިދު އިސްލާހު ކުރި އާންމު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެ މުއްދަތުތަކާއި ވަގުތަކަށް ބަދަލުކޮށްފައިވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ކުރިން ގަވައިދުގައި ދީފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ މުއްދަތުތަކެއް ކަމެއް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް