ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ މެންބަރުން ސަސްޕެންޑްވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި މެންބަރުންނަށް ހާޒިރުވެވޭނީ ވަކި މައްސަލަތަކެއްގެ ވޯޓަށް އެކަނި
24 ޖުލައި 2024
3

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށް އެ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ މި ދައުރުގެ ގަވާއިދު ކޮމެޓީން ނިންމި ގޮތް މަޖިލީހަށް ހުށަހަޅައި އެ ގަވާއިދު ފާސްކޮށްފަ އެވެ.

ތަފްސީލް - މަޖިލީހުގެ އާ ގަވާއިދު މިއަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ހިލާފުވެއްޖެ ނަމަ އަޅާނެ އާ ފިޔަވަޅުތަކެއް ވަނީ ހިމަނާފަ އެވެ. ސުލޫކީ މިންގަނޑާ ހިލާފުވުން މާނަކޮށްފައިވަނީ ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ އަދި ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމަކާ ހިލާފުވުމެވެ.

އެއިން ކަމަކާއި ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނާފައިވަނީ:

  • މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާ ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން

  • އެ މެންބަރަކު ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން

  • ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުން

  • މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން

  • މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުން

ނަމަވެސް، ވަކި މައްސަލަތަކެއްގެ ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމުގައި އެ މެންބަރުންނަށް ބައިވެރިވެވޭނެ އެވެ. އެ މައްސަލަތަކަކީ:

  • ރައީސް މަގާމުން ވަކިކުރުން

  • ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ

  • ފަނޑިޔާރުންގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުުރުމުގެ މައްސަލަ

  • ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ މައްސަލަ

މެންބަރުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ކުރުން ހުއްދަ ނޫން ކަންކަން ވެސް އިތުުރުކޮށް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި:

  • ރިޔާސަތާ ދިމާލަށް ނުވަތަ އެހެން މެންބަރަކާ ދިމާލަށް ރުޅިވެރިކަމާ އެކު ހަޑިހުތުރު ބަހުން މުހާތަބުކުރުން

  • މެންބަރެއްގެ ގާތަށް ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގާތަށް ރުޅިވެރިކަމާ އެކު ދިއުން ނުވަތަ މެންބަރެއްގެ ގައިގައި ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގައިގައި ރުޅިވެރިކަމާ އެކު އަތްލުން

  • ރިޔާސަތާ ދިމާލަށް ނުވަޔަ ވަކި މެންބަރަކާ ދިމާއަށް ނުވަތަ އިދާރީ މޭޒާ ދިމާލަށް ރުޅިވެރިކަމާ އެކު އެއްޗެއް އެއްލުން

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުލޫކީ މިންގަނޑުތަކާއި ހިލާފުވެެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކެއް މަޖިލީހުގެ މިދިޔަ ދައުރުގެ ގަވާއިދުގައި ހިމަނާފައެއް ނުވެ އެވެ. މިއަދުން ފެށިގެން މަޖިލީހުން އަމަލުކުރަމުންދާނީ މިއަދު ފާސްކުރި އާ ގަވާއިދަށެވެ.

ކޮމެންޓް (3)

ސިކުނޑި

24 ޖުލައި 2024
މަޖިލީހުގެ ރިޔާސަތުގެ ފެންވަރު ހާމަވޭ ގަވައިދު ތަކަށް ގެނެވޭ އިސްލާހުތަކުންއެކަނިވެސް! ދައުލަތުގެ ތިންބާރުގެ ތެރެއިން ދެ ބާރުގައި ޕީއެޗްޑީ އަނެއް ބާރުގައި ޓީޗަރެއް! ކަރާމާތް ހިފެހެއްޓޭނީ މިހާވަރަށް! ބުއްދިއެއްނުވާ ދޫނިސޫފާ ސޫފިވެސް ކާން އުޅެނީ އަރުން ދިރޭވަރުގެ މަސްމަހާމެއްސެވެ!!!
0 0

ބ ޓ މަޖިލިސް

24 ޖުލައި 2024
ވ އަވަހައް ޙުދުމުޙްތާރު ވެރިކަމަކާދިމާލައް މިސްރާބު މިޖެހީ. ދެން އަޱުއިވޭނީ މަޖިލީހުގެ ރައީސް ފަސްއަހަރުގެ ދައުރެއް ނުނިމެނީސް ވަކިނުކުރެވޭނެ ވާހަކަ. ސިޔާސީ ކަންކަމުގަ ދެވޭނެ އެންމެ ދުރައްތިޔަހެރީ ދެވިފަ ދެން އޮތްސޭނީ އިރު.
1 0

ޖަންވީ

24 ޖުލައި 2024
މުސާރަ ކަނޑާތަ؟؟ ސަސްޕެނޑު ކުރީމަ ދެފައި ދަމާފަ ގޭގަ އޮންނާނީ ނުވަތަ ބޭރު ދަތުރެއް އަޅާނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް