ޔާމީން ރަޝީދު

ޔާމީން ރަޝީދުގެ މަރު: އިސްތިއުނާފް ކުރި މައްސަލަ 2 އަހަރު ފަހުން ހައިކޯޓުގައި ފަށައިފި

މި މައްސަލާގައި ކުށް ސާބިތުވި މީހުންގެ ފަރާތުންނާއި، ކުށް ސާބިތުނުވާ މީހުންގެ ތެރެއިން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ވެސް ކުރިއަށް ގެންދަނީ އެކުއެކީގައި

ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފި މައްސަލައިގެ އަޑުއެހުންތައް މިއަދު އެ ކޯޓުގައި ފަށައިިފި އެވެ. 

މައްސަލައިގެ ފެށުން - އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް، ޔާމީން މަރާލުމުގެ ކުށް ސާބިތުވީ، ދެ މީހުންގެ މައްޗަށް އެކަންޏެވެ. އެއީ:

  • 1-

    އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ 

  • 2-

    އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399

އެ މަރަށް ފަސް އަހަރެއްހާ ދުވަސް ފަހުން 2022ވަަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމުގައި ކުށް ސާބިތުނުވާ ކަމަށް ނިންމި ހަތަރު މީހުންގެ ތެރެއިން، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، އިސްތިއުނާފް ކުރަން ނިންމީ ދެ މީހުންގެ މައްސަލަ އެކަންޏެވެ. އެ ދެމީހުންނަކީ:

  • 1-

    މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ

  • 2-

    އިސްމާއިލް ރަޝީދު މ. ތާއިފް

މި މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި އޮންނަތާ ދެ އަހަރު ދުވަސް ފަހުން މިއަދު ހައިކޯޓުން އަޑުއެހުންތައް ފަށަން ބޭއްވި، ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވި ގޮތުގައި، އެ ހަތަރު މީހުންގެ އިސްތިއުނާފް ވެސް ކުރިއަށް ގެންދާނީ އެއްކޮށެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވައިރު، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުނީ، ކުށް ސާބިތުވި ދެ މީހުންގެ ފަރާތުން ކޮށްފައިވާ އިސްތިއުނާފީ މައްސަލައިގެ އެކަންޏެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް އިއްވުން ދެން އޮންނަ އަޑުއެހުމެެއްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއުލާންކުރި އެވެ.

އެނގުން މުހިންމު - ޔާމީން ރަޝީދު މަރާލީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު، އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގަ އެވެ. މި މައްސަލައިގެ އަޑުއެހުންތަކަކީ ކްރިމިނަލް ކޯޓުގައި ވެސް ދިގުދެމިގެންދިޔަ އަޑުއެހުންތަކެކެވެ.

ޔާމީން ރަޝީދުގެ ތަހުގީގުގެ ބައެއް ކަންކަން 'ދޯދިޔާކޮށް' ގޮސްފައިވާކަން ފާހަގަކޮށް، ދައުލަތުން އިހުމާލުތަކެއްވެފައިވާ ކަމަށް އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ފާހަގަކޮށްފައި ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް