ޔާމީން ރަޝީދު މަރާލިކަން ސާބިތުވި ދެ މީހުން. (ފޮޓޯ/ ޕޮލިސް)

ޔާމީން މަރާލިކަމުގެ ކުށް ސާބިތުވި 2 މީހުން ވެސް ހައި ކޯޓަށް

ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން މީގެ ކުރިން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި
21 އޭޕްރީލު 2022

ތޫނު އެއްޗެހިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މައްސަލައިގެ ފެށުން - އޭޕްރިލް 2017ގައި ޔާމީން މަރާލިތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން، މިދިޔަ ޖެނުއަރީ 19ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ދައުވާ ކުރި މީހުންގެ ތެރެއިން ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ދައުލަތުން ބުނާ ދެ މީހުން އުމުރަށް ޖަލަށްލާށެވެ. އެ ދެ މީހުންނަކީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ

  • އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399

ވީ ކިހިނެއް؟ - އެ ދެ މީހުންގެ ފަރާތުން ވެސް މިހާރު ވަނީ ހުކުމް އިސްތިއުނާފު ކުރަން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު، އެ މައްސަލަ އަދި ބަލައިގަނެ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ޔާމީންގެ އާއިލާއަށް ދިނުމަށެވެ. އެއީ މަރަށް މަރު ހިފަން ޔާމީންގެ ވާރިސުން ބޭނުން ނުވުމުންނެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ހުކުމެއް ކުރިޔަސް ތަންފީޒު ކުރަން ޖެހެނީ 25 އަހަރެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ މީހުންނަކީ:

  •  މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ

  • ހަސަން ޝިފާޒު، މ. ކުދެހިގެ

  • އިސްމާއިލް ރަޝީދު މ. ތާއިފް

  • ހުސައިން ޒިޔާދު، މ. ކޮޅުފުށީ އީސްޓް

އެނގުން މުހިންމު - މި ހަތަރު މީހުންގެ ތެރެއިން ދިފްރާން އާއި އިސްމާއިލް ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަނެއް ދެ މީހުންގެ މައްސަލަ އިސްތިއުނާފް ނުކުރީ، އެ އޮފީހުން ބުނި ގޮތުގައި، އެ ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް