ރާއްޖޭގެ ފަރާތުން އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިދަ އުފުލާ ދީމާ (ވ) އަދި އިބާދުﷲއާ ރައީސް (ކ) ދިދަ ހަވާލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ކުޅިވަރުގެ ދާއިރާ ކުރިއަށް ގެންދިޔުމަކީ ސިޔާސަތެއް: ރައީސް
މުހިންމު ނުކުތާތައް
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި
ހުކުރު ދުވަހު ޕެރިހުގައި ފަށާ އޮލިމްޕިކް މުބާރާތުގައި ރާއްޖޭގެ 5 އެތުލީޓަކު ހަތަރު ކުޅިވަރެއްގައި ބައިވެރިވާނެ
ރައީސް މިއަދު ވަނީ އޮލިމްޕިކްސްއަށް ދާ ދިވެހި އެތުލީޓުންނާ ދިދަ ހަވާލުކުރައްވާފައި
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުޅިވަރަށް ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށާއި އެއިން މިހާތަނަށް ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން މަސައްކަތް ނުކުރާ މިންވަރަށް މަސައްކަތް ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަރާތުން އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާ ރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއަށް ގެންދާނެ ކަމަށެވެ.
ބުނީ ކީކޭ؟ - "ރައްޔިތުން އުންމީދުކުރަނީ ޓްރާންސްފޮމޭޝަނަލް ކުރިއެރުމެއް ކުޅިވަރަށް ގެނައުން. އިރާދަކުރެއްވިއްޔާ އެ އަޒުމުގައި ކުޅިވަރު ކޮމިއުނިޓީގެ ފުރިހަމަ ބައިވެރިވުމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގެ އެކި ކުޅިވަރުތައް ގެންދިއުމަކީ އަޅުގަނޑުމެން އެންމެން ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ."
ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ނިންމައި އެކަންކަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށްޓަކައި އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ކުޅިވަރަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް އެތައް ކަމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ކުރިއަށްހުރި މުބާރާތްތަކުގައި ރާއްޖޭގެ ގިނަ އެތުލީޓުންނަށް ބައިވެރިވެވޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރަހައްދީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ މައިދާނުގައި އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި އެ ލިބޭ ފުރުސަތުތައް އިތުރުކުރުމާއި ރާއްޖޭން ބޭރުން ވެސް ތަމްެރީނު ހޯދުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ތަރުތީބު ކުރެވިގެން ރޭވިގެން ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތް ތަރުތީބު ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަށް މިފަަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ފަސް ކުޅުންތެރިޔަކު ބައިވެރިވާނެ އެވެ. އެއީ:
-
ފާތިމަތު ދީމާ - ޓޭބަލް ޓެނިސް
-
ފާތިމަތު ނަބާހާ - ބެޑްމިންޓަން
-
އިބާދުﷲ އާދަމް - އެތުލެޓިކްސް
-
މުހައްމަދު އާން ހުސައިން - ފެތުން
-
އާއިޝަތު އުލްޔާ ޝާއިގް - ފެތުން
ފްރާންސްގެ ޕެރިހުގައި އޮލިމްޕިކްސް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ އެވެ.
ކޮމެންޓް (1)
ތަކުރު