'އަންވެއިލިން ވިޒަންސް 2024' އަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން ބައްލަވާލައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
އާޓިސްޓުންނަށް ބޭނުންވާ ކަންކަމަށް އަހަރަކު 25 މިލިއަން ރުފިޔާގެ ގްރާންޓެއް ދޭން ނިންމައިފި
އާޓިސްޓުންނަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް ހޯދުމާއި، އެހެނިހެން ކަންކަމަށް ހަރަދުކުރަން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިގެން ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީގެ ފަރާތުން އިންތިޒާމުކުރާ 'އަންވެއިލިން ވިޒަންސް 2024' ބައްލަވާލައްވަން އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސް މުއިއްޒު ވިދާޅުވީ އާޓިސްޓުން ކުރިއަރުވަން ގިނަ ކަންތައްތަކެއް ކުރަން ރާވާ އަދި މިހާރުވެސް ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެމްއޭސީ އާއި ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކާއި އަމިއްލަ އެހެން ޖަމާއަތްތަކުން މިކަމުގެ ތެރެއަށް ވަންނަން [ކުރެހުމަށް] ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.
"މިވަގުތު މާ ބޮޑު ބަޖެޓެއް ނެތް. އެކަހަލަ ފުރުސަތުތައް ވަރަށް ހަނި. އެކަމަކު މި އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން މި އިންޑަސްޓްރީއަށް ހަރަދުކުރުމަށް، ތިބޭފުޅުންނަށް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން."
އާޓިސްޓުންނަށް އެމީހުންގެ މަސައްކަތްތައް ދައްކާލަން މިހާރު އޮތް ޖާގައިގެ ކުޑަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އާޓް ގެލެރީ ހުންނަ އިމާރާތުން ޖާގަ ދެވެން އޮތް މިންވަރަކަށް ޖާގަ ދިނުމަށް ފަހު ހުޅުމާލެއިން ވެސް ހާއްސަ ޖާގައެއް ދޭނެ ކަމަށެވެ.
"ހުޅުމާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައިވާ އެއް މަޝްރޫއަކީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގޭ އެކިއެކި ދާއިރާތަކުގެ އެކިއެކި ކަންކަމަށް ބޭނުންވާ ޖާގަ ހަމަޖެއްސުން. އެކަމަށްޓަކައި ވީހާވެސް އަވަހަކަށް މަސައްކަތްތަކެއް ފަށައި އެކަން ހާސިލް ކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ތަނުގައި އާޓިސްޓުންނަށް މަސައްކަތް ކުރެވޭނެ ސްޓޫޑިއޯތައް ވެސް ހުންނާނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން އާޓް އެގްޒިބިޝަން ބޭއްވުމުގެ ފުރުސަތު އާޓިސްޓުންނަށް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ މެނިފެސްޓޯގައި ހިމެނޭ އާޓިސްޓުންގެ މަސައްކަތް އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ވިއްކައިގެން އާމްދަނީ ހޯދައިދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް (3)
ޙަބަރޭ
ބަޖެޓް
_އާލް