16 ޖުލައި 2024: ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ކޭއެފްސީ

ކޭއެފްސީ މާލޭ ރެސްޓޯރަންޓަށް އަނެއްކާ ވެސް ގެއްލުން ދީފި

ފުލުހުން ބުނިގޮތުގައި ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ތަޅާލައި އެތަނަށް ގެއްލުންދީފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:32 އެހާއިރު

މާލޭގައި ހިންގާ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީއަށް އަނެއްކާ ވެސް ބަޔަކު ރޭ ގެއްލުންދީފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އަމީނީމަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ތަޅާލައި އެތަނަށް ގެއްލުންދީފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:32ގަ އެވެ.

ތަފްސީލް - ގާކޮށި ފްލެޓްތަކުގެ ތިރީގައި ހިންގާ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވަނީ ގާބުރިއަކުން ޖަހައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

3 އޭޕްރީލް 2024: ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓް ކުރުމަށް ގޮވާ ކުރި މުޒާހަރާ (ދައުރު ފޮޓޯ/އަޒްމީ)

އެނގުން މުހިންމު - މާލޭ ގާކޮށި އިމާރާތުގެ ތިރީގައި ހުންނަ ކޭއެފްސީ އައުޓްލެޓް ނިސްބަތްވަނީ ބައިނަލްއަގްވާމީ ބޮޑެތި ރެސްޓޯރެންޓްތައް ހިންގާ އެމެރިކާގެ 'ޔަމް އިންޓަނޭޝަނަލްސް' އަށެވެ. 

އެ ރެސްޓޯރަންޓް ޗެއިނުން އިޒްރޭލަށް އެހީތެރިވާ ކަމަށް ބުނެ ގާޒާ ހަނގުރާމަ ފެށުނު ފަހުން މާލޭގައި ވެސް އަންނަނީ، ކޭއެފްސީން ވިޔަފާރި ނުކުރުމަށް ގޮވާލާ އެތަނުގެ ކުރިމަތީ ދޭތެރެ ދޭތެރެއިން އަޑުއުފުލަމުންނެވެ. މީގެ އިތުރަށް ކޭއެފްސީން ވިޔަފާރި ނުކޮށް، އެތަން ބޮއިކޮޓް ކުރުމަށް ގޮވާލާ އިންޒާރު ދިނުމާ އެކު، ޕޯސްޓަރު ފަދަ ތަކެތި ވެސް އެތަނުގެ ބޭރުގައި ދޭތެރެ ދޭތެރެއިން ހަރުކުރެ އެވެ. 

މިދިޔަ ނޮވެމްބަރު މަސްތެރޭ ވެސް ބަޔަކު ވަނީ ކޭއެފްސީގެ މި އައުޓްލެޓަށް އިންޒާރުދީ ކަޅުތޮޔޮ ޖަހާފަ އެވެ. އަދި އޭގެފަހުން މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވެސް ވަނީ އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް