މ. މުލި (ފައިލް ފޮޓޯ/ އެމްޓީސީސީ)

މ. މުލި

މުލީގެ ކަރަންޓު މައްސަލަ 2 ދުވަސް ފަހުން ހައްލުުކޮށްފި

މުލިން ކަރަންޓު ކެނޑިފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 8 ހާއިރު

މ. މުލީގެ ހުރިހާ ތަނަކުން ކަރަންޓު ގޮސްފައިވާ މައްސަލަ ދެ ދުވަސް ތެރޭ ހައްލުކޮށްފައިވާ ކަމަށާއި މިހާރު ރަށް އާންމު ހާލަތަކަށް އައިސްފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މުލީގައި ކަރަންޓު ހިދުމަތް ދެމުން އަންނަ ފެނަކަ ބްރާންޗުގެ ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ހެނދުނު 8 ހާއިރުން ފެށިގެން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެއާ އެކު، ސްކޫލާއި ވިޔަފާރިތައް ވެސް ބަންދު ކުރަން ޖެހުނެވެ.  

ކައުންސިލްގެ ބަސް - ރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ސާކިފް މިއަދު 'ދައުރު'އަށް ވިދާޅުވީ، ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވުނީ ރޭ ދަންވަރު 3 ހާއިރު ކަމަށެވެ. 

"މީގެ ފަސް ވަރަކަށް މަސް ކުރިން ރަށަށް ގެނެސްފައިވާ މުޅިން އާ 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގުޅައިގެން، އިއްޔެ އިރާކޮޅުން ފެށިގެން ކަރަންޓު ދެމުން ދިޔައީ... މުޅި ރަށަށް އެއްކޮށް ކަރަންޓު ދެވުނީ ރޭ ދަންވަރު 3 ހާއިރު،" އޭނާ ވިދާޅުވި އެވެ.

ސާކިފް ވިދާޅުވި ގޮތުގައި، ކަރަންޓު ދިނުން އެހާ ލަސްވީ އެ ޖަނެރޭޓަރު ނުގުޅައި އެހެން ގޮތް ގޮތުން މައްސަލަ ހައްލު ކުރަން އުޅުމުންނެވެ. އަދި ފަހުން އާ ޖަނެރޭޓަރު ގުޅީ، ފ. އަތޮޅުން ޓީމެއް އައިސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މުއްޔަށް ކަރަންޓު ލިބުން ލަސްވުމުން އިއްޔެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް