އިއްޔެ ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އީސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

އީ-ވޯޓިންއަށް ދިޔުމުގެ ވިސްނުމެއް ނެތް، ރައްޔިތުން އިތުބާރެއް ނުކުރާނެ: އީސީ

އީސީން ބުނި ގޮތުގައި، 2009 އިން ފެށިގެން އީ-ވޯޓިންގެ ވާހަކަ ދައްކަމުން އައި ނަމަވެސް، އިދިކޮޅުގައި އޮންނަ ބަޔަކު އަބަދުވެސް އެކަމާ ދެކޮޅު

ރާއްޖޭގެ އިންތިހާބުތަކުގައި ވޯޓު ކަރުދާހުން ވޯޓުލުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން)އަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރައްޔިތުން އިތުބާރު ކުރާނެ ބަދަލަކަށް ވެސް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - އީސީން މިގޮތަށް ބުނީ، އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު އޮންލައިން ވޯޓަކަށް [އީ-ވޯޓިން] ދިއުމުގެ ވިސްނުމެއް ނެތް. އެ ވޯޓިންއަށް ދިޔަ ބައެއް ޔޫރަޕްގެ ގައުމުތަކުން ވެސް މިހާރު ވަނީ، އެނބުރި ކަރުދާސް ވޯޓަށް އައިސްފައި. މީގައި އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ ހިތުގައި އަދިވެސް ސުވާލު އުފެދޭނެ އެ މީހުންނަށް ވޯޓު ކަރުދާސް ނުފެނި [ނުވަތަ] ޖަހާފައި އިންނަ ފާހަގަ ނުފެނި އަޅުގަނޑުމެންނަށް ނަތީޖާ އޮތީ މިގޮތަށޭ ބުނީމަ،" އީ-ވޯޓިންއަށް ދިއުމުގެ ވިސްނުމެއް ގެންގުޅެންތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި އީސީގެ ރައީސް އަހްމަދު ފުއާދު ވިދާޅުވި އެވެ.

"މިސާލަކަށް ދައްކާލަން ބަލާއިރު ވެސް، އޭގެ ޝީޓެއް ހުއްޓަސް އޭގައި ސުމެއް އެކެއް، ސުމެއް ސުމެއް، އެގޮތަށް އެއްޗެހިތަކެއް ހުއްޓަސް ރައްޔިތުންނަށް އެއީ ކޯއްޗެއްކަން ނޭނގޭނެ."

މީގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުއާދު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ވޯޓުލުމުގެ ނިޒާމަކީ ދުނިޔޭގެ ހުރިހާ އެންމެންހެން ވަރަށް ބޮޑަށް އެއަށް ތައުރީފްކޮށް، ސުވާލު ނުފެދޭ ވަރަށް ބަލައިގެންފައިވާ ނިޒާމެކެވެ. އަދި އެ ކޮމިޝަންގެ ވިސްނުމަކީ ސީދާ ވޯޓުލުން އޮންލައިން ނުކޮށް، އެއާ ގުޅިފައިވާ އެހެން މަސައްކަތްތައް އޮންލައިން ކުރުން ކަމަށް ފުއާދު ވިދާޅުވި އެވެ.

"މިސާލަކަށް ރީ-ރަޖިސްޓްރީ ކުރުމާއި ވޯޓާސް ލިސްޓު ވެބްސައިޓުތަކުން ފެނުމާއި ވޯޓުލާ ތަންތަން އާންމު ކުރުން ފަދަ ކަންކަން. އެހެން ނަމަވެސް، ވޯޓުލާ ކަރުދާސްކޮޅު އިންނަނީ، ހަމަ ކަރުދާސްކޮޅުގެ ގޮތުގައި،" ފުއާދު ވިދާޅުވި އެވެ.

މި ނިޒާމް ކާމިޔާބުކަމަށް ފުއާދު ދެކެވަޑައިގަންނަވާ އެއް ސަބަބަކަށް ވިދާޅުވީ، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ބަލިވި މީހުން ވެސް އަދި މޮޅުވި މީހުން ވެސް ނަތީޖާގައި އެއްވެސް މައްސަލައެއް ނެތް ގަބޫލު ކުރުން ކަމަށެވެ.

"އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް ހޯދިފައި އޮތް ވަރަށް ބޮޑު ކާމިޔާބެއް. ރައްޔިތުން ރަނގަޅަށް ބަލައިނުގަންނަނީ ވެސް އިލެކްޓްރޯނިކް ވޯޓަކަށް ދާންވެއްޖިއްޔާ، ރައްޔިތުން އޭތި ބަލައިނުގަންނަނާނެ،" ފުއާދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އީ-ވޯޓިންއަކަށް ދިއުމުގެ ވާހަކަތައް 2009 އިން ފެށިގެން ރާއްޖޭގައި ދައްކަން ފަށާފައިވާކަން ފާހަަގަކުރައްވައި ފުއާދު ވިދާޅުވީ، މި ބަދަލަކީ އަބަދުވެސް ސަރުކާރުގައި ތިބޭ މީހުން ގެންނަ ބޭނުންވާ ކަމެކެވެ. ނަމަވެސް އިދިކޮޅުގައި އޮންނަ އިރު، އެކަމާ އަބަދުވެސް އެފަރާތްތަކުން ދެކޮޅު ހަދާކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އިދިކޮޅުގައި އޮންނަ އިރު، އެމްޑީޕީން ގަބޫލެއް ނުކުރޭ. ޕީޕީއެމް އިދިކޮޅުގައި އޮންނަ އިރު ޕީޕީއެމް ގަބޫލެއް ނުކުރޭ،" ފުއާދު ވިދާޅުވި އެވެ.

އެ މައުލޫގައި އިތުރަށް ވާހަކަ ދައްކަވަމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އީސީގެ ނައިބު ރައީސް އަލީ ނަޝާތު ވިދާޅުވީ، މިހާރު އޮތް ކޮމިޝަނުން ނިންމުމެއްގެ ގޮތުގައި މީގެ ކުރިން އީ-ވޯޓިންނަށް ނުދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ދެން ގާނޫނަކުން ނުވަތަ އެ ނޫން އެއްޗަކުން ލާޒިމްކޮށްފިއްޔާ އަޅުގަނޑުމެންނަށް ކުރުން ލާޒިމް ކަމެއް. އެހެން ނަމަވެސް، މިހާރު އޮތް މި ކޮމިޝަންގެ އެއްވެސް ޕްލޭނެއްގައި އިލެކްޓްރޯނިކް ވޯޓަކަށް ދިޔުމެއް ނެތް،" ނަޝާތު ވިދާޅުވި އެވެ.

އިންތިހާބު އެއްކޮލުމުން ދައްޗެއް ނެތް، 130 މިލިއަން ސަލާމަތް ވާނެ: އީސީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ބޭނުންވާކަން ރައީސް މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ. އަދި އެކަމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިއްޔެގެ ކޮމިޓީގައި ބައެއް މެންބަރުން ވަނީ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ކޮމިޝަންގެ ހިޔާލު ވެސް ހޯއްދަވާފަ އެވެ. 

"އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި އެންމެ ކުޑަވެގެން 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" ދެ އިންތިހާބު އެއްކޮށްލުމުން ކިހާ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެތޯ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮލުމުން އެއްވެސް އުދަނގުލެއް ކުރިމަތިވާނެތޯ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ކުރެެއްވި ސުވާލުގެ ޖަވާބުގައި ފުއާދު ވިދާޅުވީ، ކޮމިޝަނަށާއި ރައްޔިތުންނަށް ވެސް އެ ބަދަލާ އެކު ވާނީ ފަސޭހަ ކަމަށެވެ.

ދެ އިންތިހާބު އެކުގައި ބާއްވާ ނަމަ، ދެ ކަރުދާސްކޮޅު އޮންނާނެ އެވެ. ފުއާދު ވިދާޅުވީ އެގޮތަށް ދެ ކަރުދާސްކޮޅު ދީގެން ދެ އިންތިހާބު އެކުގައި ބާއްވަން އުދަނގުލެއް ނެތް ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެން [ދެ ކަރުދާސްކޮޅު ދީގެން އިންތިހާބު ބާއްވައިގެން] އެކަން ތަޖުރިބާކޮށްފައި މި ވަނީ. އެއީ އުދަނގޫ ކަމަކަށް ނުވޭ،" ފުއާދު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް، ކައުންސިލްގެ މެންބަރުކަމަށް އަދި އަންހެންނަށް ހާއްސަ ގޮނޑިތަކަށް ފާހަގަ ޖަހަން ޖެހެ އެވެ. ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުން ދޭން ޖެހޭނީ ދެ ކަރުދާސްކޮޅެވެ.

"ދެ ނަމެއްގައި އެކަނި ފާހަގަ ޖަހަން ޖެހޭނީ. އެހެންވީމަ، އިލެކްޝަންސް ކޮމިނަށް ވެސް އަދި ވޯޓުލާ މީހުންނަށް ވެސް ތަކުލީފަކަށް ނުވާނެ،" އުފާދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފުއާދު ވިދާޅުވީ:

  • ދެ އިންތިހާބު އެއްކޮލުމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް %90އަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް

  • އެއީ އަބަދު ވެސް ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުންނަ ނިސްބަތް މަޖިލިސް އިންތިހާބަށް ވުރެ ގިނަ

  • މަޖިލިސް އިންތިހާބުގައި ވޯޓުލާ ބައެއް މީހުންގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުދާ ބައެއް މީހުން ވެސް ތިބެދާނެ؛ ހަމަ އެގޮތަށް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހާ މަޖިލިސް އިންތިހާބުގައި ވޯޓުލާން ނުނިކުމެ އެބަ ހުރޭ

އޭގެ އިތުރުން، ބޭރު ގައުމުތަކުގައި ދިގު ދަތުރެއް ކުރުމަށް ފަހު، ވޯޓު ފޮށި ބަހައްޓާ ސިޓިއަކަށް ވޯޓުލާން ދެ ދަތުރު ކުރުމުގެ ބަދަލުގައި އެ ދިވެހިން އެއް ދަތުރު ކުރަން ޖެހުމަކީ ވެސް ފަސޭހައެއްގެ ގޮތުގައި ފުއާދު ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް