18 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: 2012-2017އަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއާޕޯޓު ވީއައިޕީ ލޯންޖު ބޭނުންކޮށްގެން މަޖިލީހުން ހަރަދުކޮށްފައިވޭ

މަޖިލިސް މެމްބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ދޭން ފާސްކޮށްފި

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކަން ފާސްކޮށްފައިވަނީ ކޮމިޓީގެ އަގުލަބިއްޔަތުން

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އިތުރުން އެބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށާއި، އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން މިއަދު ކޮމިޓީން ފާސްކޮށްފި އެވެ.

އެނގުން މުހިއްމު - މީގެ ކުރިން އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.   

ވީ ކިހިނެއް؟ - މެމްބަރުންނާއި މެމްބަރުންގެ އާއިލާގެ ބޭފުޅުންގެ އިތުރުން މެމްބަރުންނާ އެކު ދަތުރުކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ވީއައިޕީގެ ހިދުމަތް ދޭން ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ހަތް ވަނަ އާންމު ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

މެމްބަރުންނަށް ވީއައިޕީ ލައުންޖުން ހިދުމަތްދޭ އުސޫލަށް ބަދަލު ގެންނަން ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައިވަނީ، މެމްބަރުން ވީއަޕީ ލައުންޖުގެ ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވަނި ވަރަށް ޒިންމާދާރުކޮށް ކަމަށް ވިދާޅުވެ، މެމްބަރުންނާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެ ހިދުމަތް ދޭން ނިމިދިޔަ 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. 

އެ ހުށަހެޅުމާ މެދު ކޮމިޓީގެ ބައެއް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ކޮމިޓީގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.

ތަފްސީލް - އެ ހުށަހެޅުމާ މެދު ހިޔާލުފާޅުކުރަށް ކޮމިޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލުމުން ޕީއެންސީގެ މެމްބަރުން ތާއީދު ކުރެއްވީ ކުރީގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށްފައިވާތީ، ހަމަ އެގޮތަށް ކޮމިޓީން ވެސް ފާސްކުރުމަށެވެ.

ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ވެސް ހުށަހެޅުން އޮތްގޮތަށް ފާސްކުރަން ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެކަން "ފާލުން ނެއްޓޭ" ކަމަށްވާ ނަމަ، ނުވަތަ މެމްބަރުން އެކަމުގެ ނާޖާއިޒު ފައިދާ ނަންގަވާ ކަމަށް ވާނަމަ ކޮމިޓީގެ ސަމާލުކަމަށް އެކަން ވަގުތުން ގެނެސް، އެކަން ހަމައަކަށް އަޅުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި އަޅުގަނޑުމެންނަކީ ކުޑަކުދިންނެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ގައުމުގެ ހާލަތާއި ހުރިހާ ކަމަކަށް ވެސް ބަލާފައި އަޅުގަނޑުމެންގެ މި ދަތުރުތަކާ އެއްޗެހި ރާވާއިރުގައި އެޔަށް އިތުރުވުމެއް ނާންނާނެ ގޮތަކަށް އެކަން ރާވާނެ ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މެމްބަރުންނާ އެކު ދަތުރުކުރާ އެންމެންނަށް ވީއައިޕީގެ ހިދުމަތް ލިބޭ ގޮތަށް މަޖިލީހުން ފާސްކުރި ނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ފިނޭންސް މިނިސްޓްރީން ވެސް އެކަމަށް އެއްބާރުލުން ލިބިގެން ކަމަށް އިދާރީ މޭޒާ ހަވާލާދެއްވާ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ފާހަގަކުރެއްވި އެވެ.

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް 2012 އިން 2017އަށް ދައުލަތުން 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާކަން 2021ގެ ފަހުކޮޅު ވަނީ ހާމަވެފަ އެވެ. އޭގެ ތެރެއިން 2017ގައި، މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ރިކޯޑް އަދަދަކަށް ހޭދަކޮށްފައިވެ އެވެ.

އުސޫލު ބަދަލުކޮށް، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން 2021ގެ ސެޕްޓެމްބަރު މަހު ނިންމާފައިވެ އެވެ. އެ ނިންމުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެ، އާންމުންގެ ނުރުހުން އަމާޒުވުމުން އެ ނިންމުން މުރާޖައާކުރަން ނިންމި އެވެ.

އެއަށްފަހު، މެމްބަރުންނަށް ވީއައިޕީ ލިބޭ އުސޫލަށް މިހާ ބޮޑު ބަދަލެއް ގެންނަން ނިންމާފައިވަނީ މިއަދުގެ އާންމު ކޮމިޓީގަ އެވެ.

ކޮމެންޓް (1)

ޙަސަނާ

17 ޖުލައި 2024
ރައްޔިތުން ކިއުގަ. ރައްޔިތު ހޮވާ މެމްބަރު ވީ އައި ޕީ ގަ. ޑިމޮކްރެސީގެ މޮޅުކަން
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް