ރާއްޖޭގައި ދަރިން ވިހާ ނިސްބަތް މަދުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދަނީ އިތުރުވަމުން. (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ވޯލްޑް ބޭންކް

ޕެންޝަން ނިޒާމު ބަދަލުކޮށް، ހަރަދުކުޑަކުރަން ވޯލްޑް ބޭންކުން ލަފާދީފި

އެ ބޭންކުން ބުނި ގޮތުގައި ވަޒީފާ އަދާކުރާ އާބާދީ ކުޑަވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވާއިރު، މިހާރު އޮތް ޕެންޝަން ނިޒާމު ދެކޮޅުނުޖެހޭނެ

ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި އިންތިހާއަށް ބޮޑުވާނެ ކަމަށް އަންދާޒާތަކުން ދައްކާ އިރު ރާއްޖޭގައި އޮތް ހަރަދު ބޮޑު ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ނިޒާމަށް ބަދަލު ގެންނަން ވޯލްޑް ބޭންކުން ލަފާދީފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން މިގޮތަށް ލަފާދީފައިވަނީ، 'ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިއާ: ޓުވާޑްސް ޕްރޮގްރެސިވް އުނިވާސަލިޒަމް'ގެ ނަމުގައި ދެކުނު އޭޝިއާގެ ގައުމުތަކާ ބެހޭގޮތުން މި މަހު ނެރެފައިވާ ތަފްސީލީ ރިޕޯޓެއްގަ އެވެ.

އެ 362 ސަފްހާގެ އެ ރިޕޯޓުގައި، އިޖުތިމާއީ ރައްކާތެރިކަމުގެ ރޮނގުން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ލަފާދީފައިވެ އެވެ.

ފާހަގަކޮށްލެވޭ - އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ފާހަގަކުރެވޭ ބައެއް ކަންކަމުގެ ތެރޭ، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އުޅެނީ ވަރަށް ކުރީގަ އެވެ. އެގޮތުން، ވިހެއުމުގެ ތެރޭގައި އަދި ޅަފަތުގައި ކުޑަކުދިން މަރުވާ ނިސްބަތާއި ކުޑަކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރުމާއި ފަގީރުކަމުގެ ނިސްބަތަށް ބަލާއިރު، ދެކުނު އޭޝިއާގައި އެންމެ ރަނގަޅު ނަތީޖާއެއް ލިބިފައިވަނީ ރާއްޖެ އަށެވެ.

ނަމަވެސް، މާލީ ގޮތުން އެންމެ ހާލު ދެރަ ގައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާއާ ދާދި އެއްހަމައެއްގައި ރާއްޖެ ގުނާލެވެ އެވެ. ދެން، އެންމެ ކަންބޮޑުވާ ކަމަކަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އިންތިހާއަށް ބޮޑުވަމުންދާ ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެވެ.

ތަފްސީލް - ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2050 އަންނަ އިރު، މުޅި ދެކުނު އޭޝިއާގައި ވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑުވާނީ ދިވެހި ރާއްޖޭގަ އެވެ. އެގޮތުން:

  • 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދަނީ އިތުރުވަމުން؛ 2050 އަންނަ އިރު ކުދިން އުފަންވާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ހަތަރު ގުނަ ވާނެ

  • އާބާދީ އިތުރުވާނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، 2060 އަންނަ އިރު ރާއްޖޭގެ ޖުމްލަ އާބާދީގެ %32 އަށް ވާނީ އުމުރުން ދުވަސްވީ މީހުން

  • އެހާތަނަށް ދާއިރު، މަސައްކަތް ކުރާ އުމުރުގެ މީހުންނާ އަޅާބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ނުވަތަ މުސްކުޅިކޮށްފައިވާ މީހުންގެ އާބާދީ %60 އާ ކައިރި ކުރާނެ ކަމަށް ލަފާކުރެވޭ

ދެކުނު އޭޝިއާގެ ގައުމުތަކުގައި 2060އާ ހަމައަށް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ މިންވަރު. (ގްރެފިކްސް/ ވޯލްޑް ބޭންކު)

ބުނީ ކީކޭ؟ - އެހެންކަމުން، މާލީ ހާލަތަށް ރިއާޔަތްކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ ރޮނގުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި، ރާއްޖޭގެ ޕެންޝަން ނިޒާމު އެކުލަވާލާފައިވާ ގޮތް ވޯލްޑް ބޭންކުން ފާހަގަކުރި އެވެ.

ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް %90 ހަރަދު ކުރަނީ ޕެންޝަން ސްކީމަށެވެ. ބާކީ ފައިސާ ހަރަދުކޮށްފައިވަނީ ކޮންޑިޝަނަލް ކޭޝް ޓްރާންސްފާތަކަށެވެ. އޭގެތެރޭގައި އެކަނިވެރި މައިންނަށްދޭ ފައިސާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތާއި ކޮވިޑްގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ދިން ފައިސާގެ އިނާޔަތް ހިމެނެ އެވެ.

ރާއްޖެ އަކީ މުޅި ދެކުނު އޭޝިއާގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ނިސްބަތުން އެންމެ ބޮޑު ހަރަދެއް ކުރާ ގައުމެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު ވެސް، ރާއްޖެއިން ޕެންޝަންގެ ގޮތުގައި ދޭ މިންވަރު ބޮޑެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި:

  • ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށްދޭ ޕެންޝަން ބޮޑު (މަދުވެގެން މަހަކު 5،000ރ. ލިބޭ)، އަދި ކުރިއަށް އޮތްތަނުގައި ވަޒީފާ އަދާކުރާ އާބާދީ ކުޑަވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވާއިރު ދެމެހެއްޓެނިވި ގޮތެއްގައި އެ ޕެންޝަން ދެވޭނެ ކަމަކަށް ނުބެލެވޭ

  • އެހެންކަމުން ޕެންޝަން ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލު ގެނެސް، މުޅި ނިޒާމުގެ ހަރަދު ކުޑަކުރަން ޖެހޭ

  • ވަޒީފާއިން މުސްކުޅިކުރާ އިރު، އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށްފައި ބަހައްޓަން ހިތްވަރުދޭން އިނާޔަތްތަކެއް ތައާރަފުކުރެވިދާނެ

ޕެންޝަންގެ ގޮތުގައި އެއްވެސް ވަރަކަށް ފައިސާ ނުދައްކާ މީހުންނަށް ވެސް 65 އަހަރު ފުރުމުން ޕެންޝަން ފައިސާ ލިބޭގޮތަށް އޮތުމަކީ، ވޯލްޑް ބޭންކުން ސިފަކުރި ގޮތުގައި، ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަމަށް އޮތް ނުރައްކަލެކެވެ. އެހެންކަމުން، ޕެންޝަންގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކޮންމެހެން ކަވަރޭޖް އިތުރުކުރަން ލަފާ ދިނެވެ.

ބޭންކުން ބުނި ގޮތުގައި، ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަންޖެހޭ ފަރާތްތައް ނުވަތަ 'ކޮންޓްރިބިއުޓަރީ ކަވަރޭޖް' އިތުރުކޮށް، ވަޒީފާއިން ރިޓަޔާ ކުރާއިރު ފައިސާ ރައްކާކުރާނެ އިތުރު ގޮތްތަކެއް ތައާރަފުކުރެވިދާނެ އެވެ. މީގެ އިތުރުން، ޕެންޝަން ފަންޑުގެ ބޭނުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހިފަން ވެސް ވޯލްޑް ބޭންކުން ލަފާ ދިނެވެ. އެގޮތުން:

  • ވަޒީފާ ނުލިބިފައި ތިބޭ ފަރާތްތަކަށް އިންޝުއަރެންސް ބެނެފިޓް ތައާރަފް ކުރުމަށް ޕެންޝަން ސްކީމަށް ލިބޭ ފައިސާއިން ބައެއް ކަނޑައެޅުން

  • ދާއިމީ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ޕެންޝަން ސްކީމުން ފައިސާ ނެގޭނެ މިންގަނޑެއް ކަނޑައަޅާ، ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ޕެންޝަނުން ވަކި މިންވަރަކަށް ފައިސާ ނެގޭ ގޮތަށް ހެދުން

  • ދައުލަތުން ސްޕޮންސާކޮށްގެން، ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދަށް ބަލާ، ލައިފް-އިންޝުއަރެންސް ޕްރޮގްރާމެއް ހިންގުން

  • މޯގޭޖް ކުރުމާއި ޑައުން ޕޭމަންޓު ދެއްކުމަށް މިހާރަށް ވުރެ ބޮޑަށް ފްލެކްސިބިލިޓީ ދީ، ނަގާ އަދަދު ޖަމާކުރާކަން ކަށަވަރު ކުރުން

  • ޕެންޝަން ފަންޑަށް ލާރި ޖަމާކުރަން އިތުރު އިންސެންޓިވްތަކެއް ދިނުން

ޕެންޝަން އޮފީސް ހުންނަ އެލައިޑް ބިލްޑިން އިމާރާތް. (ފޮޓޯ/މޯލްޑިވްސް ފައިނޭންޝަލް ރިވިއު)

އެނގުން މުހިއްމު - ރާއްޖޭގެ ޕެންޝަން ނިޒާމަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން، 2009 ވަނަ އަހަރު ތައާރަފު ކޮށްފައިވާ މަލްޓިޕިލާ ޕެންޝަން ނިޒާމެކެވެ. މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ. އެއީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.

ރާއްޖޭގެ ޕެންޝަން ނިޒާމު މިހާރު އޮންނަ ގޮތުން:

  • ވަޒީފާ އަދާކުރާ ހުރިހާ ދިވެހިންގެ އަތުން އަދި ވަޒީފާ ދޭ ފަރާތުގެ އަތުން ވެސް ކޮންމެ މަހަކު މުސާރައިގެ %7 (މުޅިއެކު %14) ޕެންޝަން ފަންޑަށް ޖަމާކުރޭ

  • އުމުރުން 65 އަހަރު ފުރުމުން މި ނިޒާމުގެ ތެރެއިން ޕެންޝަން ފޯރުކޮށްދެވޭ؛ ޕެންޝަން ލިބުމަށް ޝަރުތު ހަމަވާނަމަ 55 އަހަރު ފުރުމުން ޕެންޝަން ނެގުމުގެ ފުރުސަތު ވެސް އޮވޭ

  • ވަޒީފާ އަދާ ނުކުރާ މީހުންނާއި ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ރައްކާކުރެވޭ ފައިސާއިން އެކަށީގެންވާ ޕެންޝަނެއް ނުލިބޭނެ މީހުންނަށް ވެސް ޕެންޝަން ލިބޭ އުމުރު ހަމަވުމުން އަސާސީ ޕެންޝަން ދޭ

ކޮމެންޓް (5)

ޙަސަންތަކުރުބެ

18 ޖުލައި 2024
ތިދެއްކެވިހާ ވާހަކަތަކުގެ ޒިއްމާ އުފުލަންޖެހެނީ ސަރުކާރުން. ހިތާމަޔަކީ ޕްރަޑަކްޓިވިޓީއެއް ނުފެނި އިންތިޚާބު ތަކުގެ ޥަޢުދުނާމާ އިން އަތައްގޮވި ގޮވުން. ވަޢުދުވީ މަޔަކު އެކަނިވެރި ވުމުން ފައިސާދޭން. އެއީ ސަރުކާރުގެ ޒިއްމާއެއްތޯ. އެޒިއްމާއަކީ ވަރިކުރިމީހާގެ ޒިއްމާއެއް. ހުވަފަތް ވުމުން ފައިސާދޭންވެސް ކޮންމެހެން ނުޖެހޭ އެމީހުނަށް ވަޒީފާއަދާކުރެވޭނެ. އަދި ޕެންޝަނާ ހަމަޔަށް ދާން 2 އަހަރު އިތުރުވެސް ކުރެވޭނެ. 3 ގަޑިއިރު ދެދިމާލަކަށް ދުއްވާފަ އެބަލިބޭ ސަރުކާރުގެ ކުންފުނިތަކުން 12000 ރުފިޔާ. 5 އަހަރު މަޖްލިސް ގޮނޑިހޫނުކޮށްލީމަ ލަގްޒަރީ ދިރިއުޅުމެއްގައި ހޭދަކުރާނެ ފައިސާ އެމެމްބަރަކަށް ލިބޭ. މިއީކަންހިގާގޮތް. އެއްވެރިކަމުން އަނެއްވެރިކަމަށް ނަގުލުވާއިރު ދައުލަތުގެ ޚަޒާނާހުސް ކޮށްލައިގެން ނިއްމާލަނީ. އެއިން މައްސަލައެއް ނުބެލި ފައިސާ ދައުލަތަށް ނުލިބޭ. ޤައުމުގެ ކުދިވިޔަފާރީގައި ތިބީ ބޭރުމީހުން.ބަޔަކު މުސްކުޅިވަންދެން ވަޒީފާ އަދާކޮށްފަ ތިޔަ ޕެންޝަންއޮފީހާއި ހަވާލުކުރި 14 ޕަސެންޓް އެމީހުނަކަށް ނުނެގޭ. ދައުލަތް ހިންގަންވީ އަމާނާތްތެރިވެގެން.
0 0

ބައި

17 ޖުލައި 2024
ދެން އެއްވެސް މީހަކު މަރުނުވަނީތަ މިގައުމުން. ވޯލްޑްބޭންކަކީ ހިތަށް އެރިހާ އެއްޗެއް ކިޔުއްވައި ބުލީކުރާ ބައެއް.
1 0

ހަސަނާ

16 ޖުލައި 2024
އަސާސީ ޕެންޝަން ދެނީ އެއްވެސް ލާރި އެއް އެމީހުން ޖަމާނުކޮށް. ރިޓަޔަމަންޓު ސްކީމުގަ އަހަރުމެން މުސާރައިން އެބައި ކަނޑާފަ އެ ލިބެނީ އެހާ އުނދަގޫ ކޮށް. އެކަމަކު މަރުވާ އިރަށް ވާރިސުންނަށް އެއްފަހަރާ ލިބޭ
1 0

އޭނސް

16 ޖުލައި 2024
ފިނޭންސް އަކަށް ނޭނގޭ ޕެންޝަން އޮފީހުގެ ލާރި ބޭނުންކުރަކަށް. އެތަނުގައި ހުރި ލާރިން މުސްކުޅިންނަށް ދެވޭނެ ދޯ ރުފިޔަ ސަރުކާރުން ހަރަދުނުކޮށް
0 0

ބޭބެ

17 ޖުލައި 2024
@އޭނސް އެތަނުގައި ހުންނާނީ ވަޒީފާ އަދާކުރާ މީހުން އެމީހުންގެ މުސާރައިން ޖަމާކޮށްފައި ހުންނަ ފައިސާ. އެފައިސާ ކިހިނަކުން އުމުރުން އަހަރުވާ ކޮންމެ މީހަކަށްދޭނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް