މީގެ ދެ މަސް ކުރިން ޝަހީމް، އިސްލާމިކް މިނިސްޓްރީގައި ޝަރީފާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ސަލާމް ކުރައްވަނީ. (ފޮޓޯ/ މިނިސްޓްރީ)

އަވަހާރަވި ޝަރީފަކީ ދީލަތި، ހުލްގު ހެޔޮ ބޭފުޅެއް: ޝަހީމް

މީގެ ދެ މަސް ކުރިން ޝަރީފާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ބައެއް ކަންކަން ޝަހީމް ވަނީ ހިއްސާކުރައްވާފައި

މިއަދު އަވަހާރަވި ވިޔަފާރިވެރިޔާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) އަކީ މިސްކިތްތައް ހެދުމަށް ހޭދަ ކުރެއްވި ދީލަތި، ހުލްގު ހެޔޮ ބޭފުޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށި ކުއްޔަށް ނަންގަވާފައިވާ ފަރާތް ކަމަށްވާ ހުސައިން ޝަރީފަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި ވަނީ އަވާހަރާވެފަ އެވެ.

އެއާ އެކު، އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ، މީގެ ދެ މަސް ކުރިން ޝަރީފާ އެކު ބޭއްވެވި އެންމެ ފުރަތަމަ ބައްދަލުވުމާ ގުޅޭ ބައެއް ކަންކަން ހިއްސާ ކުރައްވާފަ އެވެ.

ތަފްސީލު - ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި، ދެ މަސް ކުރިން އިސްލާމީ މަރުކަޒުގައި ބޭއްވެވި ބައްދަލުވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ:

  • އެ ބައްދަލުވުމުގައި، އަމިއްލަ ހަރަދުގައި މާލޭގެ އިބްރާހިމީ މިސްކިތް އަލުން ބޮޑުކޮށް، ގުއްބު ލާފައި ހެދުމަށް ޝަރީފް ހުށަހެޅުން ހުށަހެޅުއްވި؛ އެ ޕްރޮޕޯސަލްއަށް މިނިސްޓްރީން ވަނީ ހުއްދަ ވެސް ދީފައި

  • އިތުރު މިސްކިތްތައް ރާއްޖޭގައި ގާއިމް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވުމުން، އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި

"[ޝަރީފް] އެެއްސެވީ، ކިހާ ވަރެއްތޯ ބޭނުންވަނީ؟ އަޅުގަނޑުމެން މިސްކިތް އެޅޭނެ އަދަދު ދެންނެވީމަ، ވަގުތުން ވަގުތަށް އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި،" ޝަހީމް ލިޔުއްވާފައިވެ އެވެ.

"އެ ދުވަހު އަޅުގަނޑު ހިތަށް އެރި ރާއްޖޭގައި ހާދަ ދީލަތި މީހުން އުޅެ[އޭ]. ޝަރީފަކީ ހާދަ ދީލަތި ބޭފުޅެކޭ."

ޝަރީފްއާ ބައްދަލުވި ފުރަތަމަ ދުވަހު ވެސް އޭނާގެ ފަރާތުން ފެނުނީ، ޝަހީމް ވިދާޅުވި ގޮތުގައި، ދީލަތި ކަމެވެ. އަދި އެއީ ހުލްގު ހެޔޮ ބޭފުޅެއްގެ ގޮތުގައި ވެސް ޝަހީމް ސިފަކުރެއްްވި އެވެ.

"މާތްﷲ ޝަރީފަށް ހެޔޮ ޖަޒާ ދެއްވާށި. އޭނާއަށްޓަކައި ސުވަރުގެއިން ގަނޑުވަރެއް ބިނާކުރައްވާށި،" ޝަހީމްގެ ޕޯސްޓު ނިންމާލައްވަމުން އޭނާ ވިދާޅުވެފައިވެ އެވެ.

ޝަރީފަކީ ކާކު؟

ޝަރީފަކީ ކ. ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. އެ ކުންފުނި އުފައްދާފައި ވަނީ 1994ގަ އެވެ.

ކޮވިޑުގެ ކުރިން އެ ރިސޯޓް ހިންގީ ޔޫއޭއީގެ ޖުމެއިރާ ކުންފުނިންނެވެ. އޭގެ ފަހުން، އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ، ރާއްޖޭގައި މިހާރު ވެސް ނުވަ ރިސޯޓް ހިންގާ އަދި އިންޑިއާ އާއި ލަންކާ ފަދަ ގައުމުތަކަށް ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެޓްމޮސްފިއާ ކޯ ކުންފުނިންނެވެ.

ބޮލިފުށީގެ އިތުރުން ވެސް ޝަރީފް ވަނީ ޓޫރިޒަމްގެ އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ޝަރީފަކީ ރާއްޖޭގެ މައި ވައިގެބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެ އެވެ.

ކޮމެންޓް (1)

ސިކުނޑި

15 ޖުލައި 2024
ޝަރީފަށް ހެޔޮ ރަހްމަތް ލައްވާށި! އެހެނަސް މިިނިސްޓަރު ތިޔަ ވިދާޅުވާއެއްޗަކުން ކުޑަކޮށް ހިތް ނުތަނަވަސްވޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް