ނަޝީދު، އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ކައިވެނީގައި.
އަނަންތު އަމްބާނީގެ ކައިވެނި ހަފްލާ: މެހެމާނުންގެ ތެރޭގައި ނަޝީދު
އޭޝިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުމްބާއީގައި ހުންނަ އަމްބާނީގެ ހިއްސާ އޮންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރާއި އާއިލާގެ ގޭގައި މިދިޔަ ހަތަރު ދުވަހަށް ދިގުދެމިގެންދިޔަ އަނަންތު އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާ ނިމުނީ ރޭގަ އެވެ.
ތަފްސީލު - އެ ކައިވެނީގެ ހަފްލާގައި އިންޑިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ މުނިފޫހިފިލުވުމާއި ކުޅިވަރާއި ވިޔަފާރީގެ ދާއިރާ އާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ވަނީ ބައިވެރިވެފަ އެވެ.
ނަޝީދު ފިޔަވައި ރާއްޖޭގެ ސިޔާސީ އެހެން ބޭފުޅަކު އެ ހަފްލާގައި ބައިވެރިވިކަން އެނގިފައެއް ނުވެ އެވެ. އަދި ލީކުވެފައިވާ މެހެމާނުންގެ ލިސްޓުގައި ވެސް ނަޝީދު ފިޔަވައި ދިވެހި ސިޔާސީ ބޭފުޅެއްގެ ނަމެއް ނެތެވެ. ނަޝީދަކީ އަބަދު ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.
ނަޝީދުގެ އިތުރުން އެ ހަފްލާގައި ބައިވެރިވެވަޑައިގަތް ބޭރު ގައުމުތަކުގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަން އަދި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ހިމެނެ އެވެ.
އެނގުން މުހިންމު - މިއީ މި އަހަރުގެ އެންމެ އަގުބޮޑު އަދި ތާރީހުގައި ވެސް ވެސް ބޭއްވި އެންމެ އަގުބޮޑު އެއް ކައިވެނީގެ ހަފްލާ އެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަނަންތު އާއި ރާދިކާގެ ކައިވެންޏަށް 320 މިލިއަން ޑޮލަރު (4.9 ބިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ. މުޅި ކައިވެނީގެ ބަޖެޓުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހަރަދުކޮށްފައިވަނީ، ހަފްލާގެ ކުރިން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތްތަކަށް ކަމަށްވެ އެވެ.
އެ ހަރަކާތްތައް ފެށީ 1 މާޗުގަ އެވެ. އުފާ ފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ބިއްލޫރިގެ ގަނޑުވަރެއް ބިނާ ކުރުމާއި ދެ މީހުންގެ ލޯބީގެ ވާހަކަ، 5،000 އަށްވުރެ ގިނަ ޑްރޯންއާ އެކު އުޑުމަތިން ދައްކާލުމުން ފެށިގެން ގޮސް ހޮލީވުޑާއި ބޮލީވުޑް ފަންނާނުންގެ ހުށަހެޅުންތަކާއި އަގުބޮޑު ކްރޫޒް ދަތުރުތައް ހިމެނެ އެވެ.
ކޮމެންޓް (1)
ޖެނިން