މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ހުރިތަން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސްޕޯޓްސް ކޯޕަރޭޝަން އުވާނުލެވި 34 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ

މީގެ 8 އަހަރު ކުރިން އުފެއްދި ސްޕޯޓްސް ކޯޕަރޭޝަން ހިންގަން ފިނޭންސް މިނިސްޓްރީން ވަނީ 36.5 މިލިއަން ރުފިޔާ ދީފައި

ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މަޝްވަރާކުރަމުން ދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެ ކުންފުންޏަށް 34.5 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީގެ 8 އަހަރު ކުރިން އުފެއްދި ސްޕޯޓްސް ކޯޕަރޭޝަންގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްޗަށް އެކުލަވާލާފައިވާ ރިވިއު ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓް އޮފީހުން ވަނީ ނެރެފަ އެވެ. އެ ރިޕޯޓްގައި ވަނީ:

  • އެ ކުންފުންޏަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި އޭގެ ސަބަބުތައް ތަފްސީކޮށް ފާހަގަކޮށްފައި

ތަފްސީލް - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ %100 ހިއްސާ އޮތް އެ ކުންފުންޏަށް، 2022ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން ވަނީ 36.5 މިލިއަން ރުފިޔާ ދީފަ އެވެ. އެހެން ނަމަވެސް ސްޕޯޓްސް ކޯޕަރޭޝަން އުފެއްދި ވިޔަފާރިތައް ނުކުރެވި އެ ކުންފުނި ހިންގަން ޖެހިފައި އޮތީ ގެއްލުމުގަ އެވެ. އެގޮތުން:

  • އެ ކުންފުންޏަށް 34.5 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ 

  • ހަތް އަހަރު ތެރޭ އެ ކުންފުންޏަށް އާމްދަނީއަށް ލިބުނީ 1.1 މިލިއަން ރުފިޔާ

  • އަހަރަކު އެ ކުންފުނި ހިންގަން އެވްރެޖްކޮށް 6-7 މިލިއަން ރުފިޔާގެ އަދަދެއް ހަރަދުވޭ؛ ނަމަވެސް އާމްދަނީއަށް ލިބެނީ 200،000ރ. 

  •  މި ފަހުން އާމްދަނީ ދަށްވެ އާމްދަނީއަށް އަހަރަކު 2،000ރ. ވެސް ލިބިފައި އެބަހުރި 

  • ފިނޭންސުން އަހަރަކު އެ ކުންފުނި ހިންގަން 5 މިިލިއަން ރުފިޔާ ދޭން ޖެހޭ 

އެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަން އުފެއްދި ވިޔަފާރިތައް ނުކުރެވި އެ ކުންފުންޏަށް ގެއްލުންވަމުން ދަނީ އެ ކުންފުންޏަށް ހަވާލުކުރަން ޖެހޭ ކަމަށް ކުޅިވަރު ގާނޫނުގައި ބުނެފައިވާ ތަންތަން ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ނުވާތީ އެވެ. އެގޮތުން:

  • ކުޅިވަރު ކުޅެން ހަދާފައިވާ ތަންތަން ސްޕޯޓްސް ކޯޕަރޭޝަން އުފައްދާތާ އެއް އަހަރު ތެރޭ އެ ކުންފުނިން މެނޭޖްކުރަން ހަވާލުކުރަން ޖެހޭނޭ ކަމަށް ބުންޏަސް މަޝްވަރާކޮށް އެމްއޯޔޫތައް ހެދިފައި ހުއްޓަސް އަމަލީ ގޮތުން އެ ތަންތަން އެ ކުންފުންޏާ ހަވާލުކޮށްފައެއް ނުވޭ 

  • ސްޕޯޓްސް ކޯޕަރޭޝަނާއި ޕީއެސްއެމް ގުޅިގެން ހިންގަން ޖެހޭ ކުޅިވަރަށް ހާއްސަ ޓީވީ ޗެނަލްގެ ކަންކަން ވެސް ގާނޫނުގައި ބުނެފައިވާ ގޮތަށް ކުރިއަކަށް ނުދޭ 

ފާހަގަކޮށްލެވޭ - އެހެންވެ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުން މަޖިލީހާއި ސަރުކާރަށް ލަފާ ދީފައި ވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މެންޑޭޓްތައް އަލުން ރިވިއުކޮށް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުންފުނި ހިންގޭނޭ މަގެއް ވީހާ ވެސް އަވަހަކަށް ހޯދުމަށެވެ. 

އެނގުން މުހިންމު - ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް މަޝްވަރާކުރި އެވެ. އެހެން ނަމަވެސް އެކަން ތަންފީޒު ކުރެވިފައެއް ނުވެ އެވެ. އެކަން ތަންފީޒު ކުރަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް