ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އަމީރަކީ ގައްދާރެއް؛ ހައްޔަރު ކުރަން ޖެހޭ: ސަލީމް

ސަލީމް ވިދާޅުވި ގޮތުގައި، ގައުމަށް ގައްދާރުވާ މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅާ ދޫކޮށްލައިގެން ނުވާނެ

މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރަކީ "ގައްދާރެއް" ކަމަށް ސިފަކުރައްވައި އޭނާ ހައްޔަރު ކުރުމަށް ޕީއެންސީގެ ފަރާތުން މަޖިލީހުގައ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ނަވަރާ ވަނަ މަޖިލީހުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރެއްވި ސަލީމް މިގޮތަށް ގޮވާލެއްވީ، މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ތަފްސީލު - ސަލީމްގެ ވާހަކައިގައި އޭނާ ވަނީ އެމްޑީޕީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެ ސަރުކާރުގައި ހަރަދަށް ޒިންމާވާ ގާނޫނުގެ މައްދާތައް ސަސްޕެންޑްކޮށް، ފައިސާ ޗާއިޕްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"އަޅުގަނޑަކީ މާލިއްޔަތު ކޮމިޓީގައި މިދިޔަ ތިން ދައުރުގައި ވެސް އިން މީހެއް. މިދިޔަ ދައުރުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު މިތަނަށް ވަޑައިގަންވާ ކޮންމެ ފަހަރަކު އާދޭސްކޮށް އަޅުގަނޑު ދަންނަވަން މިނިސްޓަރޭ އެއްގޮތަކަށް ވެސް ތިހެން ނުހައްދަވާށޭ، މިއީ އަޅުގަނޑުގެންގެ ގައުމޭ، ތިވަރަށް ދަރަނި ނުނަންގަވާށޭ،" 2009 އިން ފެށިގެން އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވާ ސަލީމް ވިދާޅުވި އެވެ.

"ހަމަ ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ، ނޫނެކޭ ތިމަންނަ ބޭނުން ވަރަކަށް ދަރަނި ނަގާނަމޭ."

އެއާ އެކު، ސަލީމް، އަމީރު ސިފަކުރެއްވީ "ގައުމަށް ގައްދާރުވި މީހެއް"ގެ ގޮތުގަ އެވެ.

"އެހެންވީމަ، ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި މީނަ [އަމީރު] އެބަ ޖެހޭ ހިފައި ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން،" ސަލީމް ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ، ދެން އަންނަ ވަޒީރުން ވެސް މިގޮތަށް އަމަލު ކުރާނެ."

އަވަށްޓެރި ސްރީ ލަންކާ ބަގުރޫޓުވުމުން އެކަމުގެ ޒިންމާވާ މީހުން ޖޫރިމަނާ ކުރި ކަމަށް ވިދާޅުވެ، ސަލީމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޖޫރިމަނާކޮށްގެން އެކަނި މިކަން ބާއްވައިގެން ނުވާނެ އެވެ.

"ގައުމަށް ގައްދާރުވާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހުއްޓުމާ އެކު ފައިސާ ޗާޕް ކުރަން ނިންމި ނިންމުން އަމީރު އަބަދު ވެސް ދިފާއު ކުރައްވަ އެވެ. އަމީރު މި ފަހުން ވިދާޅުވި ގޮތުގައި، އެއީ އެ ދަނޑިވަޅަށް އެޅި މުހިންމު ފިޔަވަޅެކެވެ. 

ކޮމެންޓް (1)

ސިކުނޑި

3 ޖުލައި 2024
ޔާމީނު ދަރަނި ނަގާފަ ހުޅުމާލެއިން ތަންކޮޅެއް ދިނީމާ ސަލީމުވެސް އިނީ އަތްޖަހަން! ގައްދާރުން ހިފާ ހައްޔަރު ކުރަންޏާ ތިތާކު ނުހުންނާނެ ސަލާމަތްވާނެ އެކަތިވެސް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް