އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ: (ފޮޓޯ/އާސަންދަ)
ސަރުކާރުގެ އެހީގައި އައިވީއެފް ފަރުވާ ދޭނެ ފުރަތަމަ 37 މީހުން ކަނޑައަޅައިފި
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް)، އަދި އިންޓްރާޔޫޓްރައިން އިންސެމިނޭޝަން (އައިޔޫއައި) ފަރުވާ، އާސަންދައިން ހިލޭ ފޯރުކޮށްދޭނެ ފުރަތަމަ 37 މީހުން ކަނޑައަޅައި މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އައިވީއެފް ފަރުވާ އާސަންދަގައި ހިމެނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ފަރުވާ ފޯރުކޮށްދޭނެ އުސޫލެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކަނޑައަޅާފައިވާއިރު ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ، އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށް ކަމަށް އެންސްޕާއިން ބުނެ އެވެ.
ތަފްސީލް - އެންސްޕާ އިން މިއަދު ވަނީ އައިވީއެފް ފަރުވާ އަށް ފުރަތަމަ ބުރުގައި ހުށަހެޅި މީހުންގެ ތަފްސީލު އާންމުކޮށްފަ އެވެ.
އެ އިދާރާ އިން ބުނީ ފުރަތަމަ ބުރުގައި އެހީއަށް އެދި 153 މީހުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ.
އެންސްޕާގެ އިއުލާނުގައި ބުނީ:
-
މި އަހަރު އައިވީއެފް ފަރުވާއަށް އެހީ ހަމަޖައްސައިދޭނީ 100 ދެމަފިރިންނަށް
-
15 މޭގެ ނިޔަލަށް ފޯމު ހުށަހެޅި 153 ފަރާތްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވީ 37 މީހުން
އެންސްޕާ އިން ބުނީ، ފުރަތަމަ ބުރުގައި އެހީ ހަމަޖެހުނު މީހުން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން އެންސްޕާ އިން ބުނީ:
-
15 މެއިގެ ނިޔަލަށް ލިޔެކިޔުން ހަމަނުކޮށް ހުށަހަޅާފައިވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅޭނެ
-
އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށް ވެސް އެ މުއްދަތުގެ ތެރޭގައި އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ
ފާހަގަ ކުރެވޭ -އައިވީއެފް ހިދުމަތް ރާއްޖޭގައި މިހާރު ލިބެން ހުރީ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީ ޓޮޕުން އެކަންޏެވެ. މި ހިދުމަތަށް ޓްރީ ޓޮޕުން 46،000ރ. ނަގަ އެވެ.
ކޮމެންޓް (1)
ސަރުކާރު