އައިޖީއެމްއެޗް ހޮސްޕިޓަލް

އައިވީއެފް

ހިލޭ އައިވީއެފް ދިނުމާ ގުޅޭ އުސޫލު އާއްމުކޮށްފި؛ އެހީ ދޭނީ ޝަރުތުތައް ފުރިހަމަވެ އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް

އައިވީއެފް އެހީ ލިބޭނީ އަނބިމީހާއަށް 42 އަހަރު ނުވުމާ އެކު، ފިރިމީހާއަށް 55 އަހަރު ނުވާނަމަ؛ އަދި ކައިވެންޏަށް 3 އަހަރުވީއިރު ދަރިމައިނުވާނަމަ

ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)، އަދި އިންޓްރޫޔޫޓްރައިން އިންސިމިނޭޝަން (އައިޔޫއައި) ފަރުވާ، އާސަންދައިން ހިލޭ ދިނުމާ ގުޅޭ އުސޫލު އިއްޔެ އާއްމު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އައިވީއެފް ހިދުމަތް ރާއްޖޭގައި މިހާރު ލިބެން ހުރީ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީ ޓޮޕުން އެކަންޏެވެ. މި ހިދުމަތަށް ޓްރީ ޓޮޕުން 46،000ރ. ނަގާއިރު، އައިވީއެފް ފަރުވާ އާސަންދައިގައި ހިމެނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެކަން ވަނީ މިިދިޔަ ހަފްތާގައި ނިންމައިފަ  އެވެ.

ރައީސް އޮފީހުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ބުނެފައިވާ ގޮތުން، ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެ ހިދުމަތް އައިޖީއެމްއެޗުން ހޯދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް (ޕީސީއޯއެސް) އާއި އެންޑްރޯމެޓްރިއޯސިސް ފަދަ ދަރިމައިވުމާ ގުޅޭ އެހެނިހެން މައްސަލަތަކަށް އާސަންދައިގެ ތެރެއިން މިހާރު ފަރުވާ ހޯދެ އެވެ. އަދި އައިވީއެފް ހިދުމަތް ވެސް އާސަންދައިން ލިބޭގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އިއްޔެ ވަނީ އެކަމާ ގުޅޭ އުސޫލު އާއްމުކޮށްފަ އެވެ. އެ އޫސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15އިން ފެށިގެންނެވެ.

ތަފްސީލް - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެގޮތުން އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން

  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން

  • ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން

  • ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން

  • ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން

  • ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން

  • ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން

  • ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން

  • އައިވީއެފްގެ ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، އައިވީއެފްގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން

އުސޫލުގައި ވާގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.

ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށެވެ. މިގޮތަށް ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ އުމުރާއި ކައިވެނީގެ މުއްދަތުގެ އިތުރުން އާންމުދަނީ ލިބޭ މިންވަރަށް ވެސް ސްކީމް ބޯޑުން ރިއާޔަތް ކުރަންޖެހެ އެވެ.

އެނގުން މުހިންމު - މިދިޔަ އަހަރުގެ މެއި މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފަރުވާ ތައާރަފްކުރި ފަހުން، އެ ހޮސްޕިޓަލުގެ ކިޔުގައި 150 ވަރަކަށް މީހުން ތިބިއިރު، މިހާތަނަށް 16 މީހުންނަށް އައިވީއެފް ފަރުވާ ވަނީ ދީފަ އެވެ. އޭގެ ތެރެއިން، ހަ މީހެއްގެ ފަރުވާ ކާމިޔާބުވެ، ބަލިވެއިނދެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް