މިފްކޯގެ މަސް ބޯޓެއް: އެ ކުންފުނިން ވަނީ މަހުގެ އާ އަގުތައް ކަނޑައަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިފްކޯ

މި ހަފްތާގައި މަސް ގަންނަ އަގަކީ 16ރ.އަށް ކަމަށް މިފްކޯއިން ކަނޑައަޅައިފި

މިފްކޯއިން ނިންމާފައި ވަނީ ކޮންމެ ހަފްތާއަކު ބޭރުގެ މާކެޓްގައި ހުރި އަގަށާއި އެކްސްޕޯޓަށް ދާ ހަރަދަށް ބަލައި، އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައެޅުމަށް

މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިފްކޯއިން މަސް ގަންނަ އެންމެ މަތީ އަގަކީ ކިލޯއެއް 16ރ. ކަމަށް އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއިން މިއަދު ނިންމީ، 1 ޖުލައި، މާދަމާއިން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާށެވެ. އެގޮތަށް އަގު ކަނޑައަޅަނީ، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބަލައިގެންނެވެ. މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ.

ތަފްސީޅު - މާދަމާއިން ފެށިގެން މި ހަފްތާއަށް މަސް ގަންނަ އަގުތައް އެ ކުންފުނިން މިރޭ ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން:

  • 1.5 ކިލޯއިން މަތީގެ އައިސް މަސް (ކަނޑުމަހާއި ކަންނެލި): ކިލޯއެއް 16ރ.އަށް 

  • 1.5 އިން މަތީގެ ނޯމަލް މަސް އައިސް ނާޅާ (ކަނޑު މަހާއި ކަންނެލި): ކިލޯއެއް 14ރ.އަށް

  • 1.5 އިން ދަށުގެ އައިސް މަސް (ކަނޑުމަހާއި ކަންނެލި): ކިލޯއެއް 7ރ.އަށް 

  • 1.5 އިން ދަށުގެ ނޯމަލް މަސް އައިސް ނާޅާ (ކަނޑު މަހާއި ކަންނެލި): ކިލޯއެއް 5ރ.އަށް

ރިޔާސީ ކެމްޕެއިން ތެރޭ ކުރީގެ ސަރުކާރުން މަހުގެ އަގު 25ރ.އަށް ހެދި ނަމަވެސް ފަހުން މި ސަރުކާރުން އެ އަދަދު ވަނީ ފެބްރުއަރީ މަހު 20ރ.އަށް ދަށްކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގަތީ މަސް ކިލޯއެއްގެ އަގު 20ރ.އަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ.

އެކަމަކު ދައުލަތުގެ މާލީ ހާލަތު ދަށްވެ، މިފްކޯއަށް ސަބްސިޑީ ދޭން ވަނީ ދަތިވެފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅާށެވެ.

މިފްކޯއަށް ނުގަނެވޭ އަގެއްގައި މަސް ގަންނަން އެ ކުންފުންޏަށް ފައިސާ ދޭން ޖެހެނީ ސަރުކާރުންނެވެ.

މިފްކޯއިން ނިންމާފައި ވަނީ މަސްވެރިންނަށް މިހާތަނަށް ނުދީ ހުރި ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދައްކާ ހަލާސްކުރާށެވެ. އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް މަސްވެރިންނަށް ދޭން އެބަ އޮތެވެ.

ކޮމެންޓް (1)

ތިރިކުރޭ

1 ޖުލައި 2024
މާރުކޭޓް އަގަށްތިރިކުރޭ އަދިހަމަ އެއްވެސް ވަރަކަށް ޓެކުސްފައިސާއިން ސަބުސިޱީ ދީގެންނުވާނެ. އައިސް ވިއްކުމުގަވެސް ދިވެހި ފަޅުވެރިން ތިބިނިސްބަތްބަލާފަ ކޯޓާއުސޫލުން ވިއްކަންވީ. އާއިލާތަކޭ ކިއާފަ މުޅިންވެސް ގެންގުޅެނީ ބޭރުމީހުން ދޯނިތަކުގަ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް