ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ފެބްރުއަރީ މަހު ކޫއްޑޫގައި އިހުތިޖާޖުކުރި މަސްވެރިންނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލުކުރައްވަނީ (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

މިފްކޯ

މަހުގެ އަގު ކުޑަކުރަން މިފްކޯއިން ނިންމައިފި

މިފްކޯއިން ބުނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުންނަ ނިސްބަތަށް ބިނާކޮށް ކޮންމެ ހަފުތާއަކު މިފްކޯއިން އަގު އިއުލާންކުރަމުން ދާނެ ކަމަށް

މުހިންމު ނުކުތާތައް

ކުރިއަށް އޮތް ތަނުގައި މަސް ކިލޯއެއް ގަންނާނީ ބާޒާރުގެ އަގާއި މިފްކޯގެ ހަރަދަށް ބިނާކޮށް

މި އަހަރުގެ މިހާތަނަށް ސަރުކާރާއި މިފްކޯއިން ވަނީ މަސްވެރިންނަށް 831 މިލިއަން ރުފިޔާ ދޫކޮށްފައި

މިހާތަނަށް މަސްވެރިންނަށް ނުދީ އޮތް ފައިސާ މާދަމާ ދީ ހަލާސްކުރާނެ ކަަމަށް ވެސް ބުނި

މާދަމާއިން ފެށިގެން، ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު ކުޑަކޮށް، ބާޒާރުގެ އަގަށް ފައްތަން ނިންމާފައިވާ ކަން އެ ކުންފުނިން ދެންމެ ހާމަކޮށްފި އެވެ. 

ވީ ކިހިނެއް؟ - މިކަމާ ގުޅޭ ގޮތުން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން އަތުން ގަންނަ މަހަށް ގަވައިދުން އަގު ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތު ބަދަލުކުރަނީ މިހާތަނަށް ނުދެވި ހުރި ފައިސާ ދައްކާ ހަލާކޮށްފަ އެވެ. އެގޮތުން މާދަމާގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ވެސް ބުންޏެވެ. 

ބުނީ ކީކޭ؟ - "1 ޖުލައި [މާދަމާ]އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުން ދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގަ އެވެ. މި އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ އެވެ،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.

ތަފްސީލު - މިފްކޯއިން ބުނި ގޮތުގައި އެ ކުންފުންޏަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަން ޖެހިފައިވާ ފައިސާ ސަރުކާރާއި އެ ކުންފުންޏާ ގުޅިގެން މާދަމާ ދައްކާ ހަލާސްކުރާނެ އެވެ. އެގޮތުން:

  • މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މި އަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފައި 

  •  އޭގެ އިތުރުން ކުންފުނީގެ އާމްދަނީން މަސްވެރިންނަށް އިތުރު 389 މިލިއަން ރުފިޔާ ދޫކުރި

  • ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު ވަނީ މަސްވެރިންނަށް ދީފައި

"މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަން ޖެހޭ ފައިސާ އާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑު ތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގަ އެވެ،" ކުންފުނީގެ ހާލަތު ކިޔައިދެމުން މިފްކޯއިން ބުންޏެވެ.

އެކަމަކު މިފްކޯއިން ބުނީ މާކެޓުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން މިފްކޯގެ ޕީއާރު މެނޭޖަރު އިބްރާހިމް ސައީދު ވިދާޅުވީ ގެއްލުމަކާ ނުލާ އެ ކުންފުންނަށް މަސް ގެނެވޭނެ އަގަކީ، 12ރ. ކަމަށެވެ. ނަމަވެސް ސަރުކާރުން ސަބްސިޑައިޒް ކުރާ ގޮތަަށް، އެއަށް ވުރެ ބޮޑުކޮށް މަސް ކިލޯއެއް ކުންފުނިން ގަންނާނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް މި އެއްބަސްވެނީ، މާދަމާ މިފްކޯއަށް މާކެޓްގައި ހުރި އަގަށް ބަލާއިރު، މަސް ގަނެވޭނީ 18ރ. ކަމަށް ނޫނީ 16ރ. އަށް. އެހެން ނަމަވެސް ސަރުކާރުން ސަބްސިޑައިޒް ކުރާ ގޮތަަށް، ސަރުކާރުން ބާކީ ބައި ލާ ގޮތަށް 20ރ.އަށް އަގު ހިފަހައްޓަފާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނީ މިފްކޯއަށް ވެސް އަދި މަސްވެރިންނަށް ވެސް އިންސާވެރި އަގެއް ލިބޭނެ ގޮތެއް ހޯދުމަށް. ކޮންމެ ހަފްތާއަކު މި އަގުތައް ޝާއިއުކުރަމުން ގެންދާނެ."

ފާހަގަކޮށްލެވޭ ކަމެއް - މާލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް މިފްކޯއިން މިހާތަނަށް މަސް ގަންނަމުން އައީ ބޭރުގެ ބާޒާރުގައި ހުރި އަގަށްވުރެ ބޮޑުކޮށް، ކިލޯއެއް 20ރ.ގެ ރޭޓުންނެވެ.  ރިޔާސީ ކެމްޕެއިން ތެރޭ ކުރީގެ ސަރުކާރުން މަހުގެ އަގު 25ރ.އަށް ހެދި ނަމަވެސް ފަހުން މި ސަރުކާރުން އެ އަދަދު 20ރ.އަށް ތިރިކުރީ، މިދިޔަ ފެބްރުއަރީ މަހު އެވެ.

"މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

މިފްކޯގެ މި ނިންމުން މިއައީ ކުންފުންޏަށް މާލީ ވަރަށް ބޮޑެތި މައްސަލަތަކެއް ވެސް ދިމާވެފައި އޮއްވަ އެވެ. މިފްކޯއަށް ނުގަނެވޭ އަގެއްގައި މަސް ގަންނަން އެ ކުންފުންޏަށް ފައިސާ ދޭން ޖެހެނީ ސަރުކާރުންނެވެ. އެކަމަކު ސަރުކާރުގެ މާލީ ހާލަތު ދަށްކަމުން އެ ފައިސާ ބަރާބަރަށް ނުދެވި، މަސްވެރިންގެ ޝަކުވާ އަބަދު އޮންނަނީ ބޮޑުވެފަ އެވެ.

މިފްކޯއަށް ސަރުކާރުން ދޭ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ސަބްސިޑީ ކަނޑާލަން ޖެހޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށްކަމަށް، ސަރުކާރުގެ ވެރިން އެއްބަސްވެ އެވެ. އެހެންކަމުން މިފްކޯގެ މި ނިންމުން މިއައީ ސަރުކާރުގެ ހަރަދު ކުޑަކުރަން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުންނެވެ.

ކޮމެންޓް (6)

ހިތަދޫ

1 ޖުލައި 2024
މިފްކޯ ގެއްލުންވަނީ އެކަނި ބޮޑު އަގުގަ މަސް ގަންނާތީކީ ނޫން، ތިތަނުގެ ޕްރޮކިއުމެންޓްވެސް ވަރަށް ކޮރަޕްޓް. އަގު ހެޔޮކޮށް ކޯޓް ކުރީމަވެސް އަހަރެމެން އަތުން އެހެން މީހުން ގަނެގެން ތިތަނަށް އެބަ ސަޕްލައި ކުރޭ.
0 0

ސިކުނޑި

30 ޖޫން 2024
ނުފޯރާ ފޮތިން ފޫގެޅުމާއި ނުފުއްދޭ ވައުދު ވާނަމަ ވާނީ އޮރިޔާން! މިވެރިކަން އައީވެސް އަދި ދެމި އޮންނާނީވެސް ދޮގާއި މަކަރާއި އޮޅުވާލުމުގައި!
0 0

ސިކުނޑި

30 ޖޫން 2024
"އެކަމަކު މިފްކޯއިން ބުނީ މާކެޓުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށެވެ." މިކަން އިނގޭނެ ވޯޓު ހޯދަން ދޮގު ވާހަކަ ދެއްކިއިރުވެސް!
1 1

މަސްކާރު

30 ޖޫން 2024
ރަނގަޅު ނިންމުމެެއް. ނަމަވެސް "އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި" މިއީ ކަންބޮޑުވާ ކަމެއް. މިފްކޯގެ ފާއިތުވި 6 މަހުގައިވެސް ޚަރަދުތައް ބޮޑުވީ. އަދި މިފްކޯގެ ރިޖެކްޓް މަހުގެ ރޭޓްވެސް ހުރީ 20 ޕަސެންޓުގައި. ހިންގުމުގެ ޚަރަދު އެހާ ބޮޑު. މި ކަންކަން އިސްލާހު ކުރަން ޖެހޭ. މިފްކޯގެ އިންއެފިޝަންސީގެ އަގު މަސްވެރިން ދެއްކުން ވާނީ ބޭއިންސާފަކަށް.
0 0

ހެމްސްޓަރ

30 ޖޫން 2024
ކޮބާ ރާކަނި މަސް ކެވިއްޖެ. މަޑުމަޑުން ލިބިލިބިހުއްޓާ އަމިއްލައަށްފޭހުނު އިލޮށި އަމިއްލަލޮލަށް
4 1

ޓޫނާ

30 ޖޫން 2024
ޔެސް ޔެސް ޔެސް. ސާބަހޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް