މާރުކޭޓު ގޮޅިއެއްގައި ބިދޭސީއަކު(ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ވަޒީފާގެ ބާޒާރު

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

ެއެ އޮޕަރޭޝަނުގައި އިއްޔެ އާއި ރޭ ވަނީ ތަރުކާރީ ވިއްކާ ބައެއް މާރުކޭޓުތައް ބަލައި ފާސްކޮށްފައި؛ ހައްޔަރު ކުރި 50 މީހުންނަކީ ވެސް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ކަމަށް

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިމިގްރޭޝަނުގެ އިސްނެގުމުގެ މަތިން، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ދެނެގަނެ އަނބުރާ ގައުމަށް ފޮނުވާލުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފަ އެވެ. އެ އޮޕަރޭޝަނުގައި އިއްޔެ އާއި ރޭ ވަނީ ތަރުކާރީ ވިއްކާ ބައެއް މާރުކޭޓުތައް ބަލައި ފާސްކޮށްފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ އިސް ތަރުޖަމާން ރޭ އޭނާގެ އެކްސްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީއެއް އިއްޔެ އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ ތަރުކާރީ ވިއްކާ އެކިއެކި މާރުކޭޓުތަކުގެ މަދު ގޮޅިއެއް ފިޔަވައި މުޅިހެން ތިބެނީ ބިދޭސީންނެވެ. އެ ގޮޅިތަކަކީ ދިވެހީންނަށް ދޫކޮށްފައިވާ ގޮޅިތަކަކަށް ވިއަސް، ގިނަ މީހުން އެ ގޮޅިތައް ހިންގަނީ ބިދޭސީން ލައްވަ އެވެ. މިފަދަ ގިނަ ބިދޭސީންނަކީ ގަވާއިދަށް ނުފެތޭ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކަމުގެ ކަންބޮޑުވުން އާންމުން އަބަދު ވެސް ފާޅުކުރެ އެވެ.

މިފަދަ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް މިދިޔަ މަހުގެ 2ގައި ފެށި މި އޮޕަރޭޝަންގެ ދަށުން އެތައް ސަތޭކަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އާއި ފޮޓޯ ވަނީ ނަގައިފަ އެވެ.

ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތިން އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް