މިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޒަމީލް.

ޒަމީލް އާއި އިންތިހާބީ އެޖެންޓް ޖޫރިމަނާކުރި ނިންމުން ބާތިލުކޮށްފި

އީސީން ބުނީ ޖޫރިމަނާކުރަން ނިންމި ނިންމުން ބާތިލުކުރީ، އޭނާ ޖޫރިމަނާކުރި ކުރުން އަލުން ދިރާސާކުރިއިރު ކުދިކުދި ގޯސްތައް ހެދިފައިވާކަން ފާހަގަކުރެވިފައިވާތީ ކަމަށް

މިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލާއި އޭނާގެ އިންތިހާބީ އެޖެންޓް އަހްމަދު މަހްރާން ޒަމީލް ޖޫރިމަނާކުރަން އިލެކްޝަން ކޮމިޝަންސް (އީސީ)އިން ނިންމި ނިންމުން އެ ކޮމިޝަނުން މިއަދު ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ މާލީ ބަޔާންތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ، މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ޖޫރިމަނާކުރަން އީސީން ނިންމާފައިވެ އެވެ. 

އެ ފަސް ކެންޑިޑޭޓުންނަކީ:

  • 1-

    އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު

  • 2-

    އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް

  • 3-

    އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން

  • 4-

    ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބް 

  • 5-

    މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމް

މިއިން ކޮންމެ ބޭފުޅަކު 20،000ރ. އިން ޖޫރިމަނާކޮށްފައި ވާއިރު، އެއިން ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓު ވަނީ 6،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޒަމީލް އެވެ. މި މައްސަލާގައި ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، އޭނާ ޖޫރިމަނާކުރަން ނިންމި ނިންމުން އީސީން ބާތިލުކޮށްފައިވާކަން މި މަހުގެ 23ގައި ކޯޓަށް އަންގާފައިވާ ކަމަށެވެ.

ތަފްސީލް - ޖޫރިމަނާކުރަން ނިންމި ނިންމުން އީސީން ބާތިލުކުރިކަން އެންގުމުން މައްސަލަ އަނބުރާ ގެނައުމަށް އިއްޔެ އެ ކޯޓުގައި ޒަމީލް ވަނީ އެދިފަ އެވެ. އެހެންވެ، މިއަދު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އީސީގެ ނިންމުމާ ދެކޮޅަށް ޒަމީލް ހުށަހަޅާފައިވާ މައްސަލާގައި މީގެ ކުރިން އޭނާ އެދިފައި އޮތީ، ޖޫރިމަނާކުރަން ނިންމިއިރު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ފަދައިން ކުރި ކުށުގެ ބޮޑު މިނަށް ބަލާފައި ނުވާތީ، އެކަން ބެލި ގޮތް މުރާޖައާކޮށްދިނުމާ އެކު، ކޮށްފައިވާ ޖޫރިމަނާ ވެސް މުރާޖައާ ކޮށްދިނުމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު 'ދައުރު'އަށް ވިދާޅުވީ، ޖޫރިމަނާކުރަން ނިންމި ނިންމުން ބާތިލުކުރީ، އޭނާ ޖޫރިމަނާކުރި ކުރުން އަލުން ދިރާސާކުރިއިރު ކުދިކުދި ގޯސްތައް ހެދިފައިވާކަން ފާހަގަކުރެވިފައިވާތީ ކޮމިޝަނުގެ މެމްބަރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

އެނގުން މުހިންމު - ޒަމީލްގެ އިތުރުން ދެން ޖޫރިމަނާކޮށްފައިވާ އަނެއް ހަތަރު ކެންޑިޑޭޓުންގެ ޖޫރިމަނާ އީސީން މިހާތަނަށް ބާތިލުކޮށްފައެއް ނުވެ އެވެ. އެ ފަރާތްތަކުން ޖޫރިމަނާގެ ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް