އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)

ކެބިނެޓް

ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ސިޔާސަތެއް އެކުލަވަލާނީ؛ ކުރެވޭނެ ކަންކަން ބަލަން ކޮމިޓީއެއް

ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއެއް އެކުލަވާލީ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ މަތިކުރަން އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލަން

ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމަވައި، އެކަމާ ގުޅިގެން ކުރެވިދާނެ ކަންކަން ދިރާސާކުރަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެށި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދަން ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. ނަމަވެސް މި ކޮމިޓީގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ވަނީ މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓުން 18.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ: 

  • މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 ބިލިއަން ރުފިޔާ މަދު އަދަދެއް 

  • މި އަހަރުގެ ފަސް މަސް ފާއިތުވީއިރު ބަޖެޓުގެ %38 ވަނީ ހަރަދުކޮށްފައި

ފާހަގަކޮށްލެވޭ ކަމެއް - ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމާ ގުޅޭ ގޮތުން ނިންމެވުންތަކެއް ރައީސް ނިންމެވިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ފަށާފައިވާ ކަމަށް ބައެއް ނޫސްތަކުން މިފަހުން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުން ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް