ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު 2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި (ފޮޓޯ/މަޖިލިސް)

ބަޖެޓް 2024

ސަރުކާރުން ހަރަދު ކުޑަކޮށްފި؛ ތަފާތުކޮށް މި ކުރަނީ ކޮންކަމެއް؟

މަޝްރޫއުތަކުގެ ހަރަދުން ދެ ބިލިއަން ސަރުކާރުން ސަލާމަތްކުރިއިރު މުސާރަތައް ހިމެނޭ ގޮތުން ރިކަރަންޓް ހަރަދުގެ ބައިން ވަނީ 600 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި

ފިނޭންސް މިނިސްޓްރީން އާންމުކުރާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން ފެންނަ އެއް ޝައުގުވެރި މަންޒަރަކީ މިދިޔަ އަހަރާ ބަލާއިރު ސަރުކާރުގެ ހަރަދު މިއަހަރު ކުޑަކޮށްފައިވުމެވެ. ބޮޑު ދަރަނީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިހުރި މާލީ ގޮންޖެހުންތަކާ އެކު ހަރަދު ކުޑަކުރުމަކީ މި ވަގުތު ރާއްޖެއަށް އޮތް މަޖުބޫރެކެވެ. އެކަމަކު އެއީ ހާސިލް ކުރަން އުނދަގޫ ކަމެކެވެ. 

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުރި ހަރަދުގެ ޖުމްލައަކީ 18.9 ބިލިއަން ރުފިޔާ އެވެ. އެގޮތުން: 

  • އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.4 ބިލިއަން ރުފިޔާ ކުޑަ އަދަދެއް؛ މިދިޔަ އަހަރު އެ މުއްދަތުގައި 21.2 ބިލިއަން ރުފިޔާ ހަރަދުކުރި

  • މިއަހަރުގެ ޖުމްލަ ބަޖެޓް ކަމަށްވާ 50 ބިލިއަން ރުފިޔާގެ ބަޖެޓުން %38 ވަނީ މިހާރު ހަރަދުކޮށްފައި

މީގެ ކުރީ ސަރުކާރުތަކަށް ހާސިލްނުވި ހަރަދު ކުޑަކުރުމުގެ ސިޔާސަތު މި ސަރުކާރުން ތަންފީޒު މި ކުރަނީ ކިހިނެއް ހެއްޔެވެ؟ 

މަޝްރޫއުތަކުގެ ހަރަދު ކުޑަކޮށް 2 ބިލިއަން ސަލާމަތްކޮށްފި

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ވަނީ މިއަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާެ ގެ ބަޖެޓުން 18.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ: 

  • މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 ބިލިއަން ރުފިޔާ މަދު އަދަދެއް 

  • އެހެން ކަމުން މިއަހަރުގެ 5 މަސް ފާއިތުވީއިރު ފާސްކުރި ބަޖެޓުގެ %38 ވަނީ ހަރަދުކޮށްފައި

މިދިޔަ އަހަރާ އަޅާބަލާއިރު ހަރަދުން ދެ ބިލިއަން ރުފިޔާ ސަލާމަތްކުރީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް ހަރަދުކުރިވަރު މަދުކޮށްގެންނެވެ. އެގޮތުން:

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.4 ބިލިއަން މަޝްރޫއުތަކަށް ހަރަދުކުރި

  • މިއަހަރު މަޝްރޫއުތަކަށް ހަރަދުކުރީ 2.1 ބިލިއަން ރުފިޔާ؛ 8.9 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވޭ  

  • ނަތީޖާއެއްގެ ގޮތުން ކެޕިޓަލް ހަރަދުތައް ވަނީ ދެބައިކުޅަ އެއްބައި މަދުވެފައި؛ 6.6 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް އެ ހަރަދުތައް ވަނީ ކުޑަވެފައި 

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ މަޝްރޫއުތަކުގެ ހަރަދު ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައި -- 

މަޝްރޫއުތަކުގެ ހަރަދުން އެންމެ ބޮޑުބައެއް ކުޑަކޮށްފައި ވަނީ އެއާޕޯޓާއި ބްރިޖް އަދި ބަނދަރު ހެދުމުގެ ދާއިރާއިންނެވެ. އެ ދާއިރާއިން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ވަނީ 1.5 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެގޮތުން: 

  • މިއަހަރު ހަރަދުކޮށްފައި ވަނީ 325.8 މިލިއަން ރުފިޔާ

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.9 ބިލިއަން ރުފިޔާ އެ ދާއިރާއިން ހަރަދުކުރި 

  • އެބައިން އެންމެ ބޮޑު ބައެއް ކުޑަކޮށްފައި ވަނީ އެއާޕޯޓްތައް ހެދުމަށް ކުރާ ހަރަދު

  • އެއާޕޯޓްތައް ހަދަން ކުރި ހަރަދު 816.9 މިލިއަން ރުފިޔާއިން 39.7 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައި 

ދެން ހުރި ދާއިރާތަކުން ސަރުކާރުން މަޝްރޫއުތަކުގެ ހަރަދުކުޑަކުރި ގޮތުގެ ތަފްސީލަކީ: 

  • 1-

    ގައުމީ ސަލާމަތް: ހޭދަކުރީ 26.9 މިލިއަން ރުފިޔާ 73.3 މިލިއަން ރުފިޔާ މަދުވުމެއް

  • 2-

    ސިއްހީ ދާއިރާ: ހޭދަކުރީ 39.9 މިލިއަން ރުފިޔާ؛ 59.5 މިލިއަން ރުފިޔާގެ މަދުވުމެއް 

  • 3-

    ތައުލީމީ ދާއިރާ: ހޭދަކުރީ 126.1 މިލިއަން ރުފިޔާ؛ 94.6 މިލިއަން ރުފިޔާގެ މަދުވުމެއް

  • 4-

    ތިމާވެށި ހިމާޔަތްކުރުން: ހޭދަކުރީ 222.6 މިލިއަން؛ 15.8 މިލިއަން ރުފިޔާގެ މަދުވުމެއް

  • 5-

    ފެނާއި ނަރުދަމާ އެޅުން: ހޭދަކުރީ 795.8 މިލިއަން؛ 565 މިލިއަން މަދުވުމެއް

  • 6-

    ބޯހިޔާވަހިކަން: ހޭދަކުރީ 323.3 މިލިއަން؛ 109.6 މިލިއަންގެ މަދުވުމެއް

  • 7-

    އިޖްތިމާއީ ތަރައްގީ އަދި ދީނީކަންކަމަށް: ހޭދަކުރީ 99.8 މިލިއަން؛ 87.4 މިލިއަންގެ މަދުވުމެއް

  • 8-

    މަގުހެދުމާއި ބިންހިއްކުން: ހަރަދުކުރީ 716.5 މިލިއަން؛ 526.9 މިލިއަންގެ މަދުވުމެއް

  • 9-

    މަސްވެރިކަމާއި ދަނޑުވެރިކަން: ހަރަދުކުރީ 10.9 މިލިއަން؛ 75.3 މިލިއަންގެ މަދުވުމެއް

ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ (ފޮޓޯ/ ރައީސް އޮފީސް)

މުސާރަތަކަށް ކުރާ ހަރަދު މައްޗަށް

ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސަރުކާރުން މުސާރަތަކަށް ކުރި ހަރަށް ވަނީ 533 މިލިއަން ރުފިޔާ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. އެގޮތުން: 

  • މުސާރަ އާއި އިނާޔަތްތަކަށް 4.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި 

  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 533 މިލިއަން، %13 އިތުރު އަދަދެއް

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 4.2 ބިލިއަން ރުފިޔާ

މުސާރަތަކަށް ކުރާ ހަރަދު އިތުރުވުމުގެ ސަބަބުން ސަރުކާރުގެ ރިކަރަންޓް ހަރަދު ނުވަތަ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން ރިކަރަންޓް ހަރަދު ވަނީ މިދިޔަ އަހަރާ އަޅަބަލާއިރު 13.6 ބިލިއަން ރުފިޔާއިން 14.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 600 މިލިއަން އިތުރު އަދަދެކެވެ. 

އާމްދަނީން ރިކަރަންޓް ހަރަދު ފޫބެއްދޭ 

މި ސަރުކާރުން އެންމެ ބޮޑު އެއް މާލީ އެއް އަމާޒުގެ ގޮތުގައި ކަނޑައެޅީ ސަރުކާރަށް ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދު ފޫބެއްދުމަށެވެ. ހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުން ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް ވަނީ 14.2 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި އެ މުއްދަތުގައި އާމްދަނީއަށް ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެހެންކަމުން: 

  • ރިކަރަންޓް ހަރަދުކޮށްފައި އާމްދަނީން 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭ 

އެހެން ނަމަވެސް، ކެޕިޓަލް ހަރަދުތަކާ އެކު ސަރުކާރަށް ލިބޭ އާމްދަނީ އަކުން ހަރަދުތައް ފޫނުބެއްދެ އެވެ. އެހެންވެ، ސަރުކާރުގެ ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓުގެ ދަރަނީ މިހާރު ވަނީ 2.4 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 14.1 ބިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް (4)

ފިއްޓޭ

18 ޖޫން 2024
ޚަރަދު ކުޑަކުރަން ކަމެއްކުރި ކަމަށް ފެންނާކަށް ނެތް. މުސާރަ، ދަތުރު ޚަރަދު، ސަބްސިޑީ، ކުންފުނިތަކަށް ދޭ ކެޕިޓަލް، މަރމާތު، އިދާރީ ޚަރަދުތައް ބޮޑުވީ. ކުޑަވީ މަޝްރޫއު ނުވަތަ ތަރައްޤީގެ ޚަރަދު. ފަހަރެއްގައި އެ ވެސް ރަސްމާލެ ހުއްޓުނީމާ. ޑޮޮލަރު ރޭޓް ދަށްވެގެން ފޮނިކަނޑަން ތިއްބާ މިހާރު 18 އަށް އެރީ. ޚަރަދަށްވެސް ވާނީ އެހެންހެން ހީވަނީ.
1 1

އަލިބެ...

17 ޖޫން 2024
ތަފާތުކޮށް ކުރާކަމަކީ ކަމެއް ނުކުރުމެވެ. ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާފަ ސިޔާސީ މީހުންގެ ޖީބުފުރަނީއެވެ.
5 1

އިސްމާއިލް އަބްދުﷲ

17 ޖޫން 2024
މަޝްރޫއުތަކުގެ ޚަރަދު ކުޑަކުރަން ކުރީ ކީއްތޯ ނާއިފް ބަލައިދީބަލަ. ކޮން މަޝްރޫއުތަކެއްތޯ ހުއްޓާލީ، ކުރިއަށް ނުގެންދާނީ. މި އެނގެން ވާނެ ދޯ ރައްޔިތުންނަށް. އަދި މަޝްރޫއު ކުރިއަށް ނުގެންގޮސް މުސާރަ ޚަރަދު ބޮޑުކުރުމަކީ އެންމެ ފައިދާހުރި ސިޔާސަތުތޯ؟
5 0

ސްޕޮންސަރ ޚަބަރު

17 ޖޫން 2024
"މިދިޔަ އަހަރާ އަޅާބަލާއިރު ހަރަދުން ދެ ބިލިއަން ރުފިޔާ ސަލާމަތްކުރީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް ހަރަދުކުރިވަރު މަދުކޮށްގެންނެވެ." ނޫނީ ސަރުކާރުގެ ސްޕީޑު ދަށްވީބާ؟ މަޝްރޫއެއް ހުއްޓާލި ވާހަކަ ނުބުނޭ. މުއްތަލިބުވެސް ވިދާޅުވީ މަޝްރޫއު ހިނގައޭ. ފިނޭންސްގެ ހިސާބުތަކުގެ މައްސަލައޭ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް