ބޮޑު ކަންނެލި މަސްވެރިން މާލޭގައި ކުރި އިހުތިޖާޖުގެ ތެރެއިން. ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިފްކޯ

ހިންގުމަށް ހުރަސް އަޅާ ދޯނިން މަސް ގަތުން ހުއްޓާލާނަން: މިފްކޯ

މިފްކޯއިން ބުނީ، ހިންގުމަށް ހުރަސް އަޅާ މަސްދޯނި ފަހަރުތަކުން މަސްގަތުން ތިން މަސްދުވަހަށް މެދުކަނޑާލާނެ ކަމަށް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ކުރަމުންދާ މުޒާހަރާތަކުގައި ތަކެއްޗަށް ގެއްލުންދީ، މުވައްޒަފުންގެ މަސައްކަތައް ހުރަސް އަޅަމުންދާ މަސް ދޯނިތަކުން މިފްކޯއަށް މަސް ގަތުން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމުގެ އިންޒާރު މިފްކޯއިން މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއިން މި އިންޒާރު ދީފައި ވަނީ، އޭއެފްސީގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށް ބުނެ ނެރުނު ބަޔާނެއްގަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި މިފްކޯއިން ބުނީ، މައްސަލަ ހައްލު ކުރަން އެ ކުންފުންޏާއި ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި އިންޖީނުގެއަށާއި މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭ ފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.

މިގޮތުން:

  • މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަނަށް ރޭ ކަރަންޓު ދޭން ފުރުސަތު ދީފައެއް ނުވޭ 

  • ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި ނިދުމާއި ފާހާނާކުރުން ފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވޭ

މި އަަމަލުތައް ކުށްވެރިކޮށް މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ، އޭއެފްސީގައި މިހާރު ހިންގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓިފައިވާތީ، ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާ ކަމަށެވެ. އެހެންކަމުން، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ތަނުން ބުންޏެވެ.

"ތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން ތިން މަސްދުވަހަށް ސަސްޕެންޑު ކުރެވޭނޭ ވާހަކަ ދެންނެވީމެވެ،" މިފްކޯގެ ބަޔާނުގައިވެ އެވެ.

މިފްކޯއިން ބުނި ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ހަލާސްކޮށް، މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8ރ.ގެ ގެއްލުމެއްގައިކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަަމަށް ބަޔާނުގައިވެ އެވެ.

އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ އެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށާއި މިކަމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް