އަލިފާން ރޯކޮށްލުމުގެ ސަބަބުން ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގެ ކާޕެޓުތައް އަނދައިގެން ގޮސްފައި. (ފޮޓޯ/ކުލަބު ހުވާސް)

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލައިފި؛ މިއީ 2 ވަނަ ފަހަރު

ދަނޑުގައި ރޯކޮށްލީ އެ ރަށު ޖަމިއްޔާއެއްގެ ފުޓްސަލް މުބާރާތެއް ކުރިއަށްދަނިކޮށް. މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް ހިންގާފައިވަނީ މުބާރާތަކާ ދިމާކޮށް ކަމަށް އެ ޖަމިއްޔާއިން ބުނޭ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ ރަށު ފުޓްސަލް ދަނޑުގައި އަލިފާން ރޯވެފައިވާ ކަމަށް މިއަދު ފަތިހު 5:24 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި އެ މައްސަލަ އިތުރަށް އަންނަނީ ތަހުގީގުކުރަމުންނެވެ.

ތަފްސީލު - މި ހާދިސާއާ ގުޅިގެން އެ ރަށު 'ކުލަބު ހުވާސް' ޖަމިއްޔާގެ ރައީސް ފަޒުހާން އާދަމް 'ދައުރު'އަށް ވިދާޅުވީ މިއީ މިފަދަ ހާދިސާއެއް ހިނގި ދެ ވަނަ ފަހަރު ކަމަށެވެ.

"އަބަދުވެސް މުބާރާތެއް ކުރިއަށްދަނިކޮށް އަލިފާން ރޯކޮށްލަނީ. މިހާރު ވެސް އަޅުގަނޑުމެންގެ މުބާރާތެއް އެބަ ކުރިއަށްދޭ. ކުރިން ފަހަރު ވެޓެރަންސް މުބާރާތެއް ކުރިއަށްދަނިކޮށް ރޯކޮށްލީ،" އޭނާ ވިދާޅުވި އެވެ.

ފަޒުހާން ވިދާޅުވި ގޮތުގައި އަލިފާން ރޯކުރިކަން އެ ޖަމިއްޔާއަށް އެނގުނީ މިއަދު ފަތިހު އެވެ. މިއީ ގަސްތުގައި ބަޔަކު ކުރާ ކަމެއްކަން ނޭނގުނު ނަމަވެސް، އޭނާ ވިދާޅުވީ ހަމަ ހުރެ ބަހައްޓާފައި ދަނޑުގެ މެޓުތަކުގައި ރޯނުވާނެ ކަމަށެވެ.

"މެޓު ތަކުގައި ރޯކޮށްލާފައި އޮތީ. އެއް ހާފުގެ ގާތްގަނޑަކަށް %40 އެއްކޮށް އަނދައިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.

ރޯކޮށްލުމުގެ ސަބަބުން މިވަގުތު ދަނޑު ބޭނުން ނުކުރެވުނު ނަމަވެސް މިހާރު ކުރިއަށްދާ މުބާރާތް ހުއްޓުމަކަށް ނުގެނެސް، ޝެޑިއުލްއާ އެއްގޮތަށް ބޭއްވުމަށްޓަކައި އެ ރަށުގައި ހުރި ވެލި ދަނޑެއް ކުލަބް ހުވާސްއިން އަންނަނީ ތައްޔާރުކުރަމުންނެވެ.

ކައުންސިލްގެ ބަސް - ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ 'ދައުރު'އަށް ވިދާޅުވީ މީގެ ކުރިން ވެސް ފުޓްސަލް ދަނޑަށް އެކި ގޮތްގޮތުން ގެއްލުންދީފައިވާ ކަމަށެވެ.

"މީގެ ކުރިން ފުޓްސަލް ދަނޑުގެ ސެންޓަ ސާކަލްގައި ރޯކޮށްލީ. އެ ފަހަރު މާ ބޮޑު ގެއްލުމެއް ނުވަނީސް މީހަކަށް ފެނުނީމަ ނިއްވާލެވުނު. މިފަހަރު މެޓުތަކުގެ ހަތަރު ބައިކުޅަ އެއް ބައި ވަނީ އަނދާފައި،" އޭނާ ވިދާޅުވި އެވެ.

"އެހެން ފަހަރެއްގައި ފުޓްސަލް ދަނޑަށް އަލިކުރާ ލައިޓުތަކުގެ ޓްރާންސްފޯމަރުތަކުގައި ރޯކޮށްލީ."

ޔޫސުފް ވިދާޅުވީ އެ ރަށު ޓާފް ދަނޑު އަޅަން ފަށަން ދެ ތިން ދުވަހަށް ވެފައި އޮއްވާ އެ ކަމަށް ގެނެސްފައި ހުރި ޓާފްތަކުގައި ވެސް ރޯކޮށްލި ކަމަށެވެ.

ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނާތީ އެއްވެސް މީހަކަށް މިކަން ކުރާ ތަން ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ކޮސް

17 ޖޫން 2024
ތަންތަން ރޯކޯކޮށް ގެއްލުންދެނީ ޓެރަރިސްޓުން. މިރަށުގައި އެކަހަލަ ބަޔަކު އުޅެނީކަން ޔަޤީން. އެބަޔަކު އެނގެންވާނެ ކައުންސިލަށް.އަދި ރަށުގެ އިސްމީހުންނަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް