ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނަން ބޯޑު (ފޮޓޯ/ސޯޝަލް މީޑިއާ)

ރައީސް އޮފީސް

ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަނީ ޖޭއެސްސީ ބަދަލުކޮށް މެންބަރުންގެ އަދަަދު ހިފަހައްޓަން: ސަރުކާރު

ހީނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް އަދިވެސް އިތުރަށް ގެންނަން ޖެހޭ އިސްލާހުތަކާ މެދު ކަމާ ގުޅޭ މުއައްސަސާތަކާ އެކު އަންނަނީ މަޝްވަރާކުރަމުން

ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާ އިސްލާހުތަކުގެ ކުރީގައި ހިމެނެނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދެ ވަނަ ދައުރަށް ސަރުކާރުން ފޮނުވަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލެއް ހިމަނާފައިވެ އެވެ.

ތަފްސީލު - ގާނޫނުއަސާސީއަށް ގެންނަނީ ކޮން އިސްލާހެއްތޯ 'ދައުރު'ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ:

  • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން

  • މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުން

"މީގެ އިތުރުން ވެސް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިތުރު އިސްލާހުތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުން ދަނީ،" އިތުރު ތަފްސީލަކަށް ވަޑައިގަތް، ހީނާ ވިދާޅުވި އެވެ.

މަޖިލިހަށް ހުށަހަޅާ 37 ބިލުގެ ތެރޭގައި މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި ގާނޫނަށް) އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ.

އެ ގާނޫނަށް ހުށަހަޅާ އިސްލާހާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ 'ޑިމޮކްރެޓިކް ވެއްޓަށް ފެއްތުމަށް' ގެންނަން ޖެހޭ އިސްލާހުތައް އާރުޓީއައި ގާނޫނަށް ގެނައުން ކަމަށެވެ. 

ފާހަގަަކޮށްލެވޭ ކަމެއް - ޖޭއެސްސީ އިސްލާހު ކުރުމަށް ކުރީ ސަރުކާރުން ވެސް ވައުދުވި އެވެ. ނަމަވެސް އެ ވައުދު ފުއްދުމުގެ މަސައްކަތް ފެށީ ވެރިކަމުގެ ދައުރުގެ ފަހުކޮޅު އެވެ. ވެރިކަން ނިމިގެން ދިޔައީ، އެ އިސްލާހުތައް ގާނޫނުއަސާސީއަށް ނުގެނެވި އެވެ.

މީގެ އިތުރަށް އާރުޓީއައި ގާނޫނު އިސްލާހު ކުރާއިރު ރައީސް އޮފީހުން އެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް