މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ކުރީ ސަރުކާރުން 'ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮޮށްފައި ހުރި، ކަންތައްތަކުގެ އިންކުއަރީއެއް ހަދަނީ

އިންޑިއާ އާއެކު ކުރީ ސަރުކާރުން ވެފައިވާ ތިން އެއްބަސްވުމުގެ އިތުރުން، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކުރި ގޮތާ ބެހޭ މައުލޫމާތު ހޯދަން މިއަދު ހުށަހަޅާފައިވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ "މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް ކޮށްފައި ހުރި" ކަންކަން ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ޕާލިމަންޓަރީ އިންކުއަރީއެއް ހަދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޕާލިމަންޓަރީ އިންކުއަރީ ހަދަން ހުށަހެޅުއްވީ، މިއަދު ބޭއްވި 241 ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް އެވެެ. މިދިޔަ ސަރުކާރުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކާ ބެހޭ ހަބަރުތައް ގެނެސްދިނުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ އަޒާންގެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްވެފަ އެވެ.

ތަފްސީލް - އެގޮތުން، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް އޭރުގެ ސަރުކާރާއި އެކިއެކި އިދާރާތަކުގެ އިސް ވެރިން އަމަލުކޮށްފައި ވާކަމަށް ވިދާޅުވެ، އަޒާން ހުށަހަޅުއްވާފައިވަނީ:

  • އެކަންތައްތައް ހިނގާދިޔަ ގޮތް ބެލުމަށް ރާއްޖޭގެ ގާނޫނުއަސާސީން 241 ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުން ޕާލިމަންޓަރީ އިންކުއަރީއެއް ހިންގަން

  • އަދި އެ އިންކުއަރީ ކުރިއަށްދާ ގޮތް ރާވަން ހަތަރު މެމްބަރުންގެ ސަބް-ކޮމިޓީއެއް ނަގަން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އެއާ އެކު، އިންކުއަރީ ހިންގަން ބޭނުންވާ ވަކި ކަންތައްތަކެއް ބަޔާންކޮށްދެއްވުމަށް ކޮމިޓީގެ ބައެއް މެމްބަރުން އެދިވަޑައިގެންނެވި އެވެ. އެހެންކަމުން، އެ ސަބް-ކޮމިޓީން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަން އެދިވަޑައިގަންނަވާ ބައެއް މައްސަލަތައް އަޒާން ތަފްސީލްކޮށްދެއްވާފައިވެ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ތިން މައްސަލަ އަކީ:

1. ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުން:

  • އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަމާ ދެކޮޅު ހަދާ ސޮއި ނުކޮށް އޮތް އެއްބަސްވުމެއް 

  • އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ސޯލިހުގެ ވެރިކަމުގައި؛ އެ އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް ބަލަން ބޭނުންވޭ

  • އެ އެއްބަސްވުން ގޯސްކަން އެނގޭ އެއް ސަބަބަކީ، މި ސަރުކާރުން އެ އެއްބަސްވުން އިތުރަށް އާ ނުކުރަން ނިންމުން

2. އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި ބިނާކުރަމުންދާ ޑޮކްޔާޑްގެ އެއްބަސްވުން:

  • އެ އެއްބަސްވުމުގައި ވެސް ކަންބޮޑުވާން ޖެހޭ އެތައް ކަމެއް އެބަހުރި؛ އެއްބަސްވުމަކަށް ވާސިލްވި އިރު، އެކަން ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައީ ކިހިނެއްތޯ ބަލަން ބޭނުންވޭ

  • އެފަދަ އެއްބަސްވުމަކަށް ބަންޑާރަނައިބުގެ ލަފާ ހޯދާ، އެމްއެންޑީއެފްގެ އިސް ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދަން ޖެހޭ

  • ނަމަވެސް، އެއްބަސްވުމުގައި ސޮއި ކުރި އިރު އޭރުގެ އެމްއެންޑީއެފްގެ އިސް ވެރިންނަށް ވެސް އެއްބަސްވުން ފެނިފައި ނުވާ ކަމަށް އަޒާން ތުހުމަތު ކުރައްވާ

  • ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރު ކުރާ ގޮތަށް އެއްބަސްވުން އޮތުމުން، އެ އެއްބަސްވުން އިސްލާހު ކުރުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުން

3. ރާއްޖޭގައި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން

  • އެއީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ނުގެންދަން ނިންމާފައި ވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެއްބަސްވުމެއް

މިވަގުތަށް އަޒާން ހުށަހެޅުއްވީ މި ތިން އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް، އެކަމުގެ މަރުހަލާތައް ކުރިއަށް ގެންދިޔަ ގޮތާއި، އެކަމާ ގުޅިގެން ވަށައިގެންވާ އިތުރު ކަންތައްތައް ބެލުމެވެ. ނަމަވެސް، މި ތިން އެއްބަސްވުމުގެ އިތުރުން އިންކުއަރީއަށް ހަދާ ސަބް-ކޮމިޓީއަށް އިތުރު ކަންކަން ފާހަގަކުރެވޭ ނަމަ، އެކަންތައްތައް ބަލަން ވެސް އަޒާން ހުށަހެޅުއްވި އެވެ.

"މީގެ ބޭނުމަކީ އެއްގޮތަކަށް ވެސް ކުރިން [ވެރިކަމުގައި] ތިބި ބައެއްގެ މައްސަލަތައް ހޯދާ އެމީހުން ފަލީހަތް ކޮށް، މިކަހަލަ ކަންތައްތަކެއް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ފަހުންވެެސް މިފަދަ އެއްބަސްވުންތަކެއް ހެދިގެން އަންނަ އިރު، އެކަންތައްތައް ކުރެވެނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށްގެން، އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށްކަން ކަށަވަރު ކުރުން،" އަޒާން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އަޒާންގެ ހުށަހެޅުންތަކަށް ފަހު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ރާއްޖޭގެ ދެކުނުން އިން ކަނޑައެޅުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން އަމަލުކުރި ގޮތާ ބެހޭ މައުލޫމާތު ދިނުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.

އެނގުން މުހިއްމު - އެ ދެ މެމްބަރުންގެ ހުށަހެޅުންތައް ބެލުމަށް ހަތަރު މެމްބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލަން މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އެ ސަބް-ކޮމިޓީގައި ތިއްބަވަނީ:

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު

  • ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް

  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ

  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

241 ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މި ހަފްތާގެ ތެރޭގައި ކަމާބެހޭ އެއްވެސް ވުޒާރާއެއް ހާޒިރު ކުރެވޭ ނަމަ، ކޮމިޓީއަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް