ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލީސް)
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ރަނގަޅުކުރަން ދެ ގައުމުގެ ވެރިން ކުރައްވާ މަސައްކަތަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދެ ގައުމުގެ ވެރިންނަށް ނަޝީދުގެ މަރުހަބާ އައީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލް - އެކްސްގައި ލިއުއްވަމުން ނަޝީދު ވިދާޅުވީ ދެ ގައުމުގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ވާން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ރައީސް މުއިއްޒު ހުންނެވީ އިންޑިއާގެ ބޮޑުވަޒިރު މޯދީ، ތިން ވަނަ ދައުރަކަށް ހުވާކުރައްވަން ބާއްވާ ރަސްމިއްޔާތަށް ވަޑައިގެން ދިއްލީގަ އެވެ. އެ ގައުމަށް ވަޑައިގަތުމުން ރައީސް މުއިއްޒުއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒުއަށް ދައުވަތު ފޮނުވުން އިންޑިއާގެ މީޑިއާއިން ސިފަކުރީ ދެ ގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން ނިމުމަކަށް ގެންނަން އިންޑިއާއިން ނެގި އިސްނެގުމެއްގެ ގޮތުގަ އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ނުތަނަވަސްކަން ވެރިވި އެވެ.
ހާއްސަކޮށް މޯދީއަށާއި އިންޑިއާ މީހުންނަށް ނިސްބަތްވާ ގޮތަށް ރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު އެކްސްގައި ކުރެއްވި ޕޯސްޓްތަކާ ހެދި ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
އެ ހަރަކާތުގައި ރާއްޖެ ބޮއިކޮޓްކުރަން ގޮވާލުމުން އިންޑިއާގެ ޓޫރިސްޓުން އަންނަ މިންވަރު މިހާރު ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވެއްޓިފަ އެވެ.
ފާހަގަކުރެވޭ - މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖޭގެ ހުރިހާ ރައީސުން ވެސް ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާއަށެވެ. އެކަމަކު ރައީސް މުއިއްޒު ވަޑައިގަތީ ޗައިނާއަށެވެ.