ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓަރު ޒަމީރު މަގާމުގެ އިގުރާރުގައި ސޮއިކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ބޮސްނިއާ ގަރާރަށް ރާއްޖޭން ވޯޓު ނުދިނީ އިސްލާމީ ގައުމުތަކުން ނެގި ސްޓޭންޑަށް ބަލާފައި: ފޮރިން މިނިސްޓްރީ
ބޮސްނިއާގެ ސްރޭބްރެނީސާގައި 1995ގައި ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް 11 ޖުލައި ހަމަޖައްސަން އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ނުޖެހުނީ، އިސްލާމީ ގިނަ ގައުމުތައް ހިމެނޭ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވިސްނުމާ އެއްގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ ވޯޓުގައި ރާއްޖޭން ވަކި ކޮޅަކަށް ނުޖެހި ވޯޓުދިނުމާ ގުޅިގެން ސަރުކާރަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ތަފްސީލް - ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު' އަށް ވިދާޅުވީ އެ މައްސަލައިގައި ނެގި ވޯޓުގައި ރާއްޖޭން ބައިވެރި ނުވި އެއް ސަބަބަކީ އެ ގަރާރުގެ ކަންކަމުގައި އިސްކޮށް އުޅުނީ އިޒްރޭލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ކަމަށް ވާތީ އެ ފަރާތްތަކަށް ވާގިވެރި ނުވުމަށް ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮއްވާ އެ ގަރާރުގެ ކަންކަން ކުރިއަށް ނެރެގެން އުޅެނީ ފަލަސްތީނުގެ މައްސަލައަށް، އދ.ގައި ލިބޭ ސަމާލުކަން ކުޑަކުރަން ކަމުގެ ތުހުމަތު އޮތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ:
-
ބޭރު ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސްބުނެ ހެދުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއް ނޫން ކަމަށް
-
ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން ކަމަށް
-
އިސްލާމީ ގިނަ ގައުމުތަކުން ވެސް މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓު ދީފައިނުވަނީ، މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުން ނުވާތީ ކަމަށް
-
މި ގަރާރު މި ދަނޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ، ފަލަސްތީނުގައި އިޒުރޭލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީއާ އެކު ކަމަށް
މީގެ އިތުތަރަށް އޯއައިސީގެ ގިނަ ގައުމުތަކުން ވެސް
"ރާއްޖެއިން މި ގޮތަށް ވޯޓު ދީފައިވަނީ މި ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް މި ގަރާރާ ގުޅިގެން އިއްތިފާގު ވެފައި ނުވާތީ އާއި އދ.ގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އައިސީޖޭ އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސްކަމެއް އުފެއްދުމަށް ބޭނުންނުވާތީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓުދީފައި ނުވިޔަސް، މި ސަރަހައްދުގައި ހިމެނޭ ކޮސޯވޯ، ސާބިއާ، ބޮސްނިއާ އެންޑް ހާޒެގޮވިނާ އަދި މޮންޓެނީގްރޯ ބަލައިގަނެ، އެ ގައުމުތަކާ އެކު ހާރިޖީ ގުޅުން ވަނީ ގާއިމްކޮށްފަ އެވެ.
މީގެ އިތުރުން އެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ބައިލެޓެރަލް އެއްބަސްވުންތަކުގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ. އަދި ފާއިތުވި 10 އަހަރުގެ ތެރޭގައި ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ގައުމުތަކަށް ދަތުރުތައް ކުރައްވާފަ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެއިން އަންނަނީ އެކި މައްސަލަތަކުގައި އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން:
-
ކޮސޯވޯ: ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ އޭޕްރީލް 2009ގައި
-
ސާބިއާ: ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ މާޗް 1975ގައި
-
ބޮސްނިއާ އެންޑް ހާޒެގޮވިނާ: ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ ޖެނުއަރީ 1997 ގައި
-
މޮންޓެނީގްރޯ: ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 2009ގައި
އޯއައިސީ ގިނަ ގައުމުތަކުން އެ ގަރާރު ފާސްކުރަން ވޯޓު ނުދިން ނަމަވެސް އެ ޖަލްސާގައި ވަނީ އެ ގަރާރު ފާސްކޮށްފަ އެެވެ. އެ ގަރާރު ފާސްކޮށްފައިވަނީ:
-
84 ގައުމުގެ ތާއީދާ އެކު
-
ގަރާރާ ދެކޮޅަށް ވޯޓުދިނީ 19 ގައުމުން
-
އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމު ތިބި
އދ. އަށް މި ގަރާރު ހުށަހެޅުމާ އެކު ބޮސްނިއާ އެންޑް ހާޒެގޮވިނާގެ ރިޔާސަތުގައި ހިމެނޭ ސާބް ނަސްލަށް ނިސްބަތްވާ ފަޅިން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދިނުމަށް އެދި ލޮބީ ކޮށްފަ އެވެ. މިއީ ބޮސްނިއާ އެންޑް ހާޒެގޮވިނާގައި އޮތް ސުލްހަ ގެއްލޭ ގޮތަށް ސާބިއާއަށް ހުރިހާ އިލްޒާމެއް އަޅުވައި، އެގައުމުގެ މަސްރަހު އަލުން ގޯސްކުރަން މަގުފަހިވާނެ ގަރާރެއް ކަމަށް ބުނެ އެވެ. މި ކަމުގެ ފަހަތުގައި ހުޅަނގުގެ ގައުމުތަކުން ވާ ކަމަށާއި އެއީ ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ސާބިއާއިން އެސްބަސްނުވާތީ އާއި ސާބިއާ އާއި ރަޝިއާގެ ގާތް ގުޅުމާ ގުޅިގެން ފާސްކުރަން އުޅޭ ގަރާރެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.