ދިވެހި ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށްގެންދަނީ (ފޮޓޯ/ރައީސް އޮފީސް)

އީރާން

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމާގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

އަވައްޓެެރި އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ މަތީގައި ހެލިކޮޕްޓަރު ވެއްޓި އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމާގައި ދިވެހި ދިދަ ތިން ދުވަސްވަންދެން ބައިދަނޑިއަށް ތިރި ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ރައީސީ އަވަހާރަވުމުގެ ހިތާމާގައި މާދަމަ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ވެއްޓުނު ހެލިކޮޕްޓަރުގައި ނުވަ މީހުން ތިބި އިރު އޭގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ވެސް ހިމެނިވަޑައިގަނެ އެވެ.

ތަފްސީލް - އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާންގެ ރައީސް އަވަހާރަވުމުން ހިތާމަ ކުރައްވާ ކަމަށާއި އީތާނުގެ ރައީސާއި ފޮރިން މިނިސްޓަރުގެ ފުރާނައަށް މާތްﷲ ރަހުމަތްލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

ފާހަގަ ކުރެވޭ - ސީއެންއެންގެ އަސްކަރީ އެނަލިސްޓް ސެޑްރިކް ލެއިޓަން ވިދާޅުވި ގޮތުގައި އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރު ކުރައްވާފައިވަނީ 1960ގެ އަހަރުތަކުގެ ފަހުކޮޅު އޮޕަރޭޓް ކުރަން ފެށި ބެލް 212 މަރުކާގެ ހެލިކޮޕްޓަރެެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަރުކާގެ ހެލިކޮޕްޓަރަށް ސްޕެއާ ޕާޓްސް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް