ހުޅުމާލެ ފޭސް 1ގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގެ ސްކެފޮލްޑިންގެ ބައިތައް ވަޔާ ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވައިގަދަވުން

ގަދަ ވަޔާ އެކު އެޕޯލޯ ޓަވަރުގެ ފެންސްތައް އެއްލާލާތީ މަގު ބަންދުކޮށްފި

އިމާރާތް ކުރަމުންދާ ސައިޓުތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަ ކުރުމަށް ފުލުހުން އިލްތިމާސް ކުރި

މިވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރަގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ސްކެފޮލްޑިން ހަލާކުވެ، އޭގެ ބައިތައް ވަޔާ ދާތީ މަގު ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ކަށަވަރުކޮށްދީ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ އިމާރާތުގެ ވަށައިގެން ޖަހާފައިވާ ފެންސުތަކެއް ވަޔާ ދާތީ އެ މަގު ބަންދުކޮށް، ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

އެޕޯލޯ ޓަވަރު ހުންނަނީ ހުޅުމާލޭގެ ފޭސް 1ގެ ރީތިގަސް މަގުގައި، ސިފްކޯ ޓަވަރުތައް ކުރިމައްޗަށްވާ ގޮތަށެވެ. އެ މަގު ބަންދުކޮށް، ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރަން މަސައްކަތް ކުރަމުންދާތަން އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެނެ އެވެ.

ހުޅުމާލެ ފޭސް 1ގައި އިމާރާތްކުރަމުންދާ އެޕޯލޯ ޓަވަރުގެ ސްކެފޮލްޑިންގެ ބައިތައް ވަޔާ ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިއްމު - ބޮޑެތި އިމާރާތްތައް ހަދަމުންދާ އިރު ސައިޓު ވަށައިގެން ޖަހާ ސްކެފޮލްޑިންގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދަގަނޑެވެ. އެޕޯލޯ ޓަވަރު ވަށައިގެން ވެސް ގިނަ އަދަދެއްގެ ދަގަނޑު ބޭނުންކޮށްފައިވާކަން ފޮޓޯތަކުން ފެނެ އެވެ.

މޫސުން ގޯސްވާ ހާލަތްްތަކުގައި އެޕޯލޯ ޓަވަރުގައި ދިމާވެފައިވާ ފަދަ ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި، އިމާރާތްކުރަމުންދާ ސައިޓުތަކުގައި އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އެޅުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.

ހަފްތާބަންދުގައި ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ވެސް ވައިގަދަވެ، ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ. މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފައިވާ އިރު، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް