ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައޭ)ގައި ޓޭކްސީތަކެއް މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެކްސީ

ވޭން ޓެކްސީއަށް އަގު ކަނޑައެޅީ '%40 ކުޑަކޮށް'، ޑްރައިވަރުން ގޮވާލީ އެ އަގުތައް ރިވިއުކުރަން

ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުން ޑްރައިވަރުން ސިފަކުރީ، 'އިހާނެތި، އަނިޔާވެރި ކަމެއް'ގެ ގޮތުގައި

ހަތް ސީޓާއި 10 ސީޓު ހުންނަ ބޮޑެތި ކާރުތައް ނުވަތަ ވޭންތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ކަނޑައެޅީ މިހާރު އެ އުޅަނދުތައް ދަތުރު ކުރާ އަގަށް ވުރެ %40 ކުޑަ އަގެއް ކަމަށް ބުނެ، އާ އަގުތައް ރިވިއުކުރަން ބައެއް ޑްރައިވަރުން މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ވޭންތަކަށް މީގެ ކުރިން ހާއްސަ އަގެއް ޓްރާސްޕޯޓުން ކަނޑައަޅާފައެއް ނުވެ އެވެ. އެފަދަ އުޅަނދުތަކުން ދަތުކުރަމުން އައީ ޓެކްސީ އެޕްތަކުގައި ހުންނަ އަގުތަކުގައި ނުވަތަ އެއަށް ވުރެ ބޮޑު އަގެއްގަ އެވެ. ނަމަވެސް އިއްޔެ ޓްރާސްޕޯޓު މިނިސްޓްރީ އިއުލާންކުރި އަގުތަކުގައި 7-10 ސީޓު ހުންނަ ވޭންތަކުގެ ޓެކްސީ އަގުތައް ވަނީ ކަނޑައަޅާފަ އެވެ.

އެ އަގުތަކާ މެދު ނުރުން ފާޅުކޮށް، ޓެކްސީ ޑްރައިވަރުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމީހުން އެދުނީ ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ނުވަނުމަށެވެ.

ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި ޑްރައިވަރުން ބުނީ ސަރުކާރުން އިއްޔެ ކަނޑައެޅީ ދެކޮޅުނުޖެހޭ އަގުތަކެއް ކަމަށެވެ. އެމީހުން މި ބަދަލު ސިފަކުރީ، ޑްރައިވަރުންނާ ދޭތެރޭ އެޅި 'ވަރަށް އިހާނަތި، އަނިޔާވެރި' ނިންމުމެއްގެ ގޮތުގަ އެވެ.

"ޓެކްސީތަކަށް ކަނޑައެޅިފައިވާ އަގުތައް އިންތިހާއަށް ކުޑަކޮށް، ޓެކްސީ ޑްރައިވަރުން ކައިރީ އެކަން ނުކުރާނެ ކަމަށް [ސަރުކާރުން] ބުނެ ތަފާތުން މީޓިންތަކުގައި ވާހަކަ ދައްކައި، މީޓަރު ކަނޑައެޅެންދެން މިހާރު ހުރި އަގުތަކުގައި ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު، އަޅުގަނޑުމެންނަށް ނޭނގި %40 މި އަގުތައް ވަނީ ކުޑަކޮށްފައި،" ވޭން ޑްރައިވަރުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ޝަމީމް ބުންޏެވެ.

އޭނާ ބުނީ މިދިއަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭ ރާއްޖޭގައި ދިރުއުޅުމުގެ ހަރަދުތަކާއި ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ޓެކްސީގެ 'އަގުތައް ހެޔޮކުރުމަކީ ހަމަޖެހޭ ކަމެއް ނޫން' ކަމަށެވެ.

"ކުލިތައް އަރައިގެން ދިޔައީ. މުސާރަ ބޮޑުވީ. ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވީ. ހުރިހާ ތަކެތީގެ އަގު ބޮޑުވީ. އެކަމަކު ސަރުކާރުން މި ބުނަނީ ޓެކްސީގެ އަގު ހެޔޮކުރަން ޖެހޭ ވާހަކަ،" އިބްރާހިމް ބުންޏެވެ.

ބައެއް ޑްރައިވަރުން ތުހުމަތުކުރި ގޮތުގައި، ސަރުކާރުން އުޅެނީ މި ވިޔަފާރީގެ ތެރެއަށް ވަނުމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުންޏެއް މެދިވެރިކޮށް، ޓެކްސީގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެމީހުން ބުންޏެވެ. ނަމަވެސް އެއީ މީގެ ކުރިން ސަރުކާރުން އެއްވެސް އިރަކު ރަސްމީކޮށް އިއުލާންކުރި ކަމެއް ނޫނެވެ.

އެމީހުންގެ ޑިމާންޑަކީ، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ނުވަދެ، އަގުތައް އަލުން ރިވިއުކޮށްދިނުމަށެވެ.

މިނިސްޓްރީން ވޭން ޓެކްސީއަށް ކަނޑައެޅި އަގުތައް:

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރުތައް: 45ރ.

  • މާލެ - ހުޅުމާލެ ފޭސް 1: 130ރ.

  • މާލެ - ހުޅުމާލެ ފޭސް 2: 155ރ.

  • މާލެ-ހުޅުލެ: 110ރ. 

  • ހުޅުލެ - ހުޅުމާލެ ފޭސް 1: 110ރ. 

  • ހުޅުލެ - ހުޅުމާލެ ފޭސް 2: 125ރ. 

  • ހުޅުމާލެ ފޭސް 1 - ފޭސް 2: 60ރ.

މިއީ، މިހާރު ޓެކްސީ އެޕްތަކުގައި ވޭންތަކަށް ކަނޑައަޅާފައި ހުންނަ އަގުތަކަށް ވުރެ އެވްރެޖްކޮށް، 50ރ. ކުޑަ އަގުތަކެކެވެ.

ކޮމެންޓް (2)

އަަބޫ އަރީން

16 މޭ 2024
ދައުލަތުގެ ވެރިންގެ ފެންވަރު ދަށް ވާހަކަ ދައްކާތާ 30 އަހަރު، އެންމެ ކުޑަވެގެން ޓެކްސީ ހިދުމަތް ހަމައަކަށް އަޅުވާލެވޭނެ ވަޒީރެެއްވެސް 6 ރައީސުންނަށް ވެސް ނުހޯދުނު. އަދިވެސް ވެރިކަމާ ހެދި ތެޅޭތި
0 0

ސައިމާ

15 މޭ 2024
ކޮންމެ ޓެކްސީ/ވޭން ދަތުރެއްގެ އަގަކީ، 4 ކޮޓަރީގެ ޕެންޓްހައުސް އެޕާޓްމަންޓެއް ގަނެވޭފަދަ އަގެއްކަމަށް ކަނޑައަޅާ، ތަންފީޒްކުރީމާ ޑްރައިވަރުން ހިތްފުރިދާނެ. އަދި، ޓެކްސީތަކަށް އަޅާ ތެލަށް ސަރުކާރުން %50 ސަބްސިޑީ ހަމަޖައްސައިދީ، ޑްރައިވަރުންނަށް ސިންގަޕޫރުން ބޭސްކުރެވޭނޭގޮތްވެސް ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަންފެނޭ. އެއީ އަދި މަމެން ފަސިންޖަރުން އަނގަޔާ އަތާދިމާނުވިޔަސްމެ. ހައިރާންވެ އަންތަރީސްވާވަރުވޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް