އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ.

ރާއްޖެ-އިންޑިއާ

'މަދަނީން' ގެނައީ އިންޑިއާ ސިފައިން ކޮންޓްރޯލްކުރާ ކުންފުންޏަކުން

މަދަނީން ގެނެސްފައިވަނީ ހިންދުސްތާން އޭރޯނޮޓިކްސް ލިމިޓަޑް (ހާލް) އިން؛ މިއީ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ހިންގާ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، އެއީ ދިވެހިންގެ މިނިވަންކަން ކަށަވަރުކޮށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެ ވައުދު ފުއްދުމަށްޓަކައި ދެ ސަރުކާރުގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކުގައި އެއްބަސްވެފައި ވަނީ ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން 10 މެއިގެ ކުރިން ބޭލުމަށެވެ. އަދި ސިފައިންގެ ބަދަލުގައި އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ގެނައުމަށެވެ. އެގޮތުން:

  • ކުރިން އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގައި ތިން ސަރަހައްދެއްގައި ތިބި 76 އިންޑިއާގެ ސިފައިން ވަނީ މިހާރު ފޮނުވާލާފައި 

  • ދެ ގައުމުން އެކުލަވާލި ހައި ލެވެލް ކޮމިޓީން ބޭއްވި މަޝްރާތަކުގައި އެއްބަސްވި ގޮތަށް ހަމަ އެ އަަދަދަށް އިންޑިއާގެ މަދަނީ މީހުން ހަރަކާތްތެރިވާނެ

އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ:

  • މަދަނީ މީހުންގެ ތެރޭގައި ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ހިމެނޭ؛ އެމީހުންގެ ޕާސްޕޯޓުތަކާއި ވަނަވަރުތައް ބަލާފައި، އެއީ ސިވިލިއަނުން ކަން ދެންނެވޭނެ

  • އިންޑިއާގެ މަދަނީ މީހުން މަސައްކަތް ކުރާނީ ސީދާ ދިވެހި އަސްކަރިއްޔާގެ ކޮމާންޑަށް، އަދި ދިވެހި އަސްކަރިއްޔާއަށް ނޭނގި އެ އުޅުނދުތައް ނުދުއްވޭނެ

އުޅަނދުތައް ދުއްވަން ގެނައި މަދަނީންނާ ބެހޭ މާގިނަ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، އޭގެތެރޭގައި ހެލިކޮޕްޓަރުތައް އުފެއްދި ހިންދުސްތާނު އޭރޯނޮޓިކްސް ލިމިޓަޑް (ހާލް)ގެ މުވައްޒަފުން ހިމެނޭ ކަން ޑިފެންސް މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ހާލް އަކީ ކޮބާ؟

ހިންދުސްތާން އޭރޯނޮޓިކްސް ލިމިޓަޑް (ހާލް) އަކީ އިންޑިއާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުންޏަކީ އެއާކްރާޕްޓް، ހެލިކޮޕްޓަރު، އޭވިއޯނިކްސް، މުވާސަލާތީ ސާމާނު އަދި މިލިޓަރީ ވަސީލަތްތައް ފަރުމާކޮށް، އުފައްދާ، ސަޕްލައި ކުރާ ކުންފުންޏެކެވެ. 1951 އަކުން ފެށިގެން ހާލްގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާގެ ޑިފެންސް މިނިސްޓްރީންނެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ކުންފުނި ހިންގިޔަސް، ކުންފުނި ހިންގުމުގެ އުސޫލުތައް ކަނޑައަޅަނީ އިންޑިއާ ސަރުކާރުންނެވެ. ކުންފުނީގެ ހުރިހާ ބޯޑު މެމްބަރުން އައްޔަން ކުރަނީ ވެސް، ޑިފެންސް މިނިސްޓްރީގެ ލަފާގެ މަތިން، އިންޑިއާގެ ރައީސް އެވެ.

މީގެ އިތުރުން، ފާހަގަކޮށްލެވޭ ގޮތުގައި:

  • ހާލްގެ މުވައްޒަފުންގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ މީހުން ހިމެނޭ

  • ވަޒީފާ ދިނުމުގައި އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އެ ކުންފުނިން އަހައްމިއްޔަތުކަން ވެސް ދޭ

އެހެންކަމުން، އިންޑިއާ ސިފައިންގެ ބަދަލުގައި އެ ކުންފުނީގެ ސިވިލިއަނުން ރާއްޖެ ގެނައުމަކީ، އިންޑިއާގެ ސިފައިންގެ ނުފޫޒުން އެއްފަރާތްވެވުނު ނިންމުމެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އަދި މި ފިޔަވަޅާ އެކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުނުތޯ ވެސް އެއީ ސުވާލެކެވެ.

މިހާރު ތިބި 'މަދަނީން'ނަކީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގާ، އިންޑިއާ ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ ބައެކެވެ. އެމީހުންގެ ތެރޭގައި މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި އުޅެފައިވާ ސިފައިން ނުހިމެނޭ ކަން ވެސް ޔަގީނެއް ނޫނެވެ.

'މަދަނީން'ގެ ގޮތުގައި ސަރުކާރުން ގެނައީ އިންޑިއާ ސިފައިން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެފަދަ ތުހުމަތުތަކެއް ރައްދު ކުރައްވާ، އެކަން ކުރުމުގެ ބޭނުމަކީ ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ.

ކޮމެންޓް (1)

ފިސްފޮސް

14 މޭ 2024
ބޮލެއް ހުރި ބައެއް ވިއްޔާ އެނގޭނެ އަސްކަރީ ތިޔަފަދަ އުޅަނދެއް މަދަނީންގެ އަތްމައްޗަށް ދޫކޮށް ނުލާނެކަން. އަމުދުން އިންޑިއާ ފަދަ ގައުމަކުން. އެމީހުން މުވާސަލާތުގަ ބޭނުންކުރާ ތަކެއްޗާ ފްރިކުއެންސީއާއި އޭގެ މައުލޫމާތު އެގޮތަށް ބަޔަކަށް ދޫކޮށްލާނެ ކަމަށް ގަބޫލު ކުރާނީވެސް މޮޔަ ބައެއް .
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް