އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ހަފްތާގައި ބޭއްވި ހަތަރު ވަނަ ބައްދަލުވުން: އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަތައް މި ބައްދަލުވުމުގައި ދައްކާ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ހެލިކޮޕްޓަރަށް ގެނައި މަދަނީންނަކީ ވެސް އިންޑިއާ ސިފައިން: ޔާމީން

ޔާމީން ވިދާޅުވީ ސީއެމްބިއުލާންސް އޮތުމުން ހެލިކޮޕްޓަރުތަކުގެ ބޭނުމެއް މިހާރު ނެތް؛ ހެލިކޮޕްޓަރުތަކާ އެކު މަދަނީން ވެސް ފޮނުވާލަން ޖެހޭ ކަމަށް

އިންޑިއާ ސިފައިން ބާލަން އެ ގައުމުން ރާއްޖެ ގެނައި މަދަނީންނަކީ ވެސް އިންޑިއާ ސިފައިން ކަމަށާއި ސީއެމްބިއުލާންސް އޮތްއިރު އެ ގައުމުގެ ހެލިކޮޕްޓަރުތަކާއި އެ ދުއްވަން ގެނައި މަދަނީން ފޮނުވާނުލަނީ ކީއްވެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ސުވާލު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާ ސިފައިން ރާއްޖޭގައި ނުބޭތިއްބުމަށް ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މިހާރު އެއްބަސްވެފައިވަނީ، އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށް ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިން މެއި 10ގެ ކުރިން ބޭލުމަށެވެ.

ބަދަލުގައި އެ ބޯޓުތައް ދުއްވަން އިންޑިއާ އިން މަދަނީ ސިފައިންގެ ޓީމެއް މިދިޔަ 26 ފެބްރުއަރީގައި ވަނީ ރާއްޖެ އައިސްފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ޔާމީންއަށް ތާއީދު ކުރާ ވަކި ކެންޑިޑޭޓުންގެ ސިޔާސަތުތައް އިއްވަން ކޮންމެ ރެއަކު ބާއްވާ ޖަލްސާގައި ރޭ ޔާމީން ވަނީ، ކެންޑިޑޭޓަކާއި ކުރެއްވި ސުވާލެއްގެ ތެރެއިން އެކަން ސަރުކާރުން ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި މިހާރު ބައިތިއްބައިގެން ތިބޭ އެންމެ ބޮޑު ސަބަބަކަށް މި ސަރުކާރުން ދައްކަނީ ބަލިމީހުން އުފުލާ ހެލިކޮޕްޓަރު ދުއްވަން އެ މީހުން ތިބެން ޖެހޭ ޖެހުން ކަމަށެވެ. އެކަމަކު ސީއެމްބިއުލާންސްގެ ހިދުމަތް މިހާރު ރާއްޖޭގައި ދެމުންދާތީ، އެ މައްސަލަ ހައްލުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކޮންމެހެން ޔުނީފޯމް ބަދަލުކޮށްގެން، މަދަނީ ސިފައިންގެ ގޮތުގައި [އިންޑިއާ] ސިފައިން އައިސް މިތާ އުޅޭކަށް ނުޖެހޭ ނޫންތޯ ހެލިކޮޕްޓަރު ދުއްވާކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ:

  • ސީއެމްބިއުލާންސްގެ ހިދުމަތާ އެކު ހެލިކޮޕްޓަރުން ދެމުން އައި ހިދުމަތުގެ ބޭނުން ކުޑަވާނެ

  • ސީއެމްބިއުލާންސް ގެނައީ ހެލިކޮޕްޓަރުގެ ބޭނުން ނުޖެހޭތީ ކަމަށް ބެލެވޭ

  • ވަރަށް އަވަހަށް ސަރުކާރުން އަމިއްލަ ހެލިކޮޕްޓަރު ގެންނާނެ ވާހަކަތައް ވެސް އަޑުއެބައިވޭ

"އެހެންވީމަ، މިހާރުން މިހާރަށް ތާރީހެއް ކަނޑައަޅާފައި ބުނަންވީ ނޫންތޯ މިހާރު ތިއޮތް ހެލިކޮޕްޓަރާއި ދުއްވަން ތިިބި އެންމެން ދާށޭ. ކޮންމެހެން ޔުނީފޯމް ބާލައި ގަންޖުފަރާހަށް ހަދައިގެން މިތާ ތިބޭކަށް ނުޖެހޭ ނޫންތޯ؟" ޔާމީން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެ އައި އިންޑިއާގެ މަދަނީ މީހުންގެ ޓީމް ހަވާލުވާނީ އައްޑޫ ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވުމާ އެވެ. އަދި 10 މާޗަށް އެ ތަނުގައި މިހާރު ތިބި އިންޑިއާ ސިފައިން ރާއްޖެއިން ދާނެ އެވެ. 

ރާއްޖެ އައި މަދަނީންގެ އަދަދެއް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް (1)

އައްޒުވީ

21 މާރިޗު 2024
އިންޑިއާ ސިފައިންނޭ ހެލިކެޕްޓަރޭ ކިޔައިގެން ވާހަކަ ދެއްކޭނެ މީހެއް ނޫން ތިޔައީ. ބަލަގަ ބަޔަކު ނޫޅޭ އޮޅިގެން . އިންޑިއާގެ 2 ވަނަ ހެލިކެޕްޓަރ ގެނައީ ވެސް ޔާމީންގެ ވެރިކަމުގައި. ނަޝީދާއެކު ވެވުނު އެއްބަސްވުމުގައި 2 ވަނަ ހެލިކެޕްޓަރެއް ގެންނަ ގޮތަށް މަޝްވަރާގައި އެއް ބަސްވެފައި އޮތަސް އެގްރީމެންޓް ހަދައިގެން ނުގެނެވެން އޮޔް ޔާމީނަށް. މުއިއްޒު ވިއްޔާ ޔުނިފޯމް ވެސް ބާލައިފި. ޔާމީނަށް އެންމެ ބޫޓު ކިބައެއް ވެސް ނުބޭލުނު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް