އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު: މި ބޯޓު އޮޕަރޭޓްކުރަނީ އިންޑިއާ ސިފައިން
އިންޑިއާ ސިފައިން ކުލަ ހެދުމުގައި ތިބެދާނެތަ؟ ރައީސްގެ ސީދާ ޖަވާބެއް ނެތް
ހަގީގަތުގައި އެއީ ރައީސް މުހައްމަދު މުއިއްޒަށް ވެސް ފަސޭހައިން ޖަވާބު ދެއްވޭނެ ސުވާލެއް ނޫނެވެ.
ރާއްޖޭގައި ދެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާބޯޓެއް ދުއްވަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ ބަޔަކު އެކަން ކުރަން ބޭތިއްބޭތޯ އިންޑިއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ފޮނުވާ މަދަނީ ބަޔަކީ އިންޑިއާ ސިފައިންގެ މީހުންތޯ ދެނެގަތުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ އެވެ. ނަމަވެސް އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން، ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން ތިބެދާނެކަން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިއްލީގައި އޮތް މަޝްވަރާާތަކަށް ފަހު ތިލަވުމުން، ބައެއް އާންމުން ދައްކަން ފެށީ އެހެން ވާހަކައެކެވެ؛ ސިފައިން ގެންގޮސް މަދަނީ ބައެއްގެ ގޮތުގައި ވެސް ދެން ފޮނުވާނީ އިންޑިއާ ސިފައިންނެވެ.
މި ސުވާލު ރައީސް މުއިއްޒުއާ ކުރީ އަހުމަދު ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓެއްގައި ދިރިއުޅޭ ޝަރީފް ސުވާލުކުރި ގޮތުން ބެލެވެނީ އޭނާއާ ދިމާލަށް ބައެއް މީހުން އެގޮތަށް ވާހަކަ ރައްދުކުރާ ކަމެވެ.
"ބައެއް ދިވެހިން އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ އިންޑިއާ ސިފައިން ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ރާއްޖެއަށް އަންނަ ވާހަކަ. މިކަމުގެ ހަގީގަތް އަޅުގަނޑުމެން ހޯދަން ބޭނުންވަނީ އަޅުގަނޑުމެންނާ ދިމާލަށް ސީދާ މި ގޮތަށް ބުނާތީ،" ޝަރީފް ބުންޏެވެ.
ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގައި ރައީސް މުއިއްޒު އެ ސުވާލަށް ދެއްވީ އެއްގޮތަކުން ނުސީދާ ޖަވާބެކެވެ. އަނެއް ގޮތުން އެމަނިކުފާނުގެ ސިޔާސަތުގެ ކުރު ހުލާސާއެކެވެ.
ރައީސްގެ ވިސްނުންފުޅު ހުރީ ދިވެހި ސިފައިންގެ އަސްކަރީ ގާބިލްކަން ބޮޑުކޮށްގެން، އެހެން ގައުމެއްގެ ސިފައިންގެ އެހީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ބޭނުންނުކުރުމާ ދިމާލަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ގެންދަން ދެ ގައުމުން އެއްބަސްވުމަކީ "ވަރަށް ބޮޑު ކާމިޔާބީއެއް" ކަމަށެވެ.
"މި ހިސާބަށް މި ގެންދެވެނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. މިއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް އޮތީ ފައްޓަވައިފަ އެވެ. އެއީ އެމަނިކުފާނުގެ ބަސްފުޅުން ނަމަ، "ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުމަކީ" އެންމެ އިސް ޒިންމާ އެވެ.
ރާއްޖޭގެ ސަރަހައްދު ބަލަހައްޓާށާއި އިމަޖެންސީގައި މީހުން އުފުލަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތާ 14 އަހަރު ވެއްޖެ އެވެ. އެކަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ. އިންޑިއާއިން ފުރަތަމަ އެއްބަސްވެފައި އޮތީ ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން ތައްޔާރުކުރާށެވެ. އެކަމަކު އެކަމެއް ނުވި އެވެ. އިންޑިއާއިން ވަނީ ޑޯނިއާ ދުއްވަން ދިވެހި ޕައިލެޓުން ތަމްރީންކޮށްފަ އެވެ.
ހެލިކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަންގައި ޕައިލެޓުންނާއި އިންޖިނިއަރުން ވެސް ހަރަކާތްތެރިވެ އެވެ. އަދި އެ އުޅަނދުތައް ދުއްވަން ބޭނުންކުރާ ތެޔޮ ފަދަ އެއްޗިއްސަށް ވެސް ހަރަދުކުރަނީ އިންޑިއާ އިންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ދިވެހި ސިފައިންނަށް އެ ސަރަހައްދު ބެލެހެއްޓޭނެ ވަރަށް ގާބިލްކަން ބޮޑުކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިއީ، ސަރުކާރުން. ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެހެން ގައުމެއްގެ އަސްކަަރީ އެހީތެރިކަން ބޭނުންނުވާ ހިސާބަށް ގެންގޮސްދިނުމެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ގާބިލްކަން މެޑިކަލް އިވަކުއޭޝަން އާއި އިމަޖެންސީކޮށް ބަލިމީހުން އުފުލުމަށްޓަކައި މިދަނީ ގާއިމްކުރަމުން. އެއާ އެމްބިއުލެންސްގެ ހިދުމަތް އިރާދަކުރެއްވިއްޔާ މާޗު 1ގައި ފަށާނަން،" ރައީސް ވިދާޅުވި އެވެ.
"ހަމައެއާ އެކު ރާއްޖޭގެ އެކްސްކުލޫސިވް އެކޮނޮމިކް ޒޯނަކީ ވަރަށް ބޮޑު ސަރަހައްދެއް. އެ ބޮޑު ސަރަހައްދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން ގާއިމްކުރުމުގެ ހުރިހާ މަސައްކަތެއް އެ ދަނީ ބާރު ސްޕީޑްގައި ކުރިއަށް."
ކުލަ ހެދުމުގައި އިންޑިއާ ސިފައިން ތިބެދާނެތޯ ނުވަތަ ނޫންތޯ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަކީ ރައީސަށް ފަސޭހަފުޅު ކަމަށް ނުވާނެ އެވެ. އެހެންކަމުން އެމަނިކުފާނު ޖަވާބު ބިނާކުރެއްވީ ސަރުކާރުގެ ސިޔާސަތަކަށް މިހާރު ވެފައި އޮތް ދިވެހި ސިފައިންގެ ގާބިލްކަން ބޮޑުކުރުމުގެ މައްޗަށެވެ. އޭރުން ކުލަ ހެދުމުގައި އެހެން ގައުމެއްގެ މަދަނީ ބަޔަކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި އެމަޖެންސީގައި ވައިގެ އުޅަނދުފަހަރު ދުއްވަން ތިބޭކަށް ނުޖެހޭނެ އެވެ.
"ރޭވުންތެރިކަމާ އެކީގައި އަޅުގަނޑުމެން މަޝްވަރާގެ އުސޫލުން މިކުރާ މަސައްކަތުގައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޔަގީންކަން މިދެނީ މި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.