ދަރުމަވަންތަ ހޮސްޕިޓަލް: ޔުނިވަސިޓީގެ މެޑިސިން ދަރިވަރުން ކިޔަވަނީ އެތަނުގައި (ދައުރު ފޮޓޯ)

މެޑިސިން ދަރިވަރުން ދަރުމަވަންތާގައި ކިޔެވުން ކުރިއަށް ގެންދަން ނިންމައިފި

މެޑިސިން ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނެރެ، ޔުނިވަސިޓީގެ ކެމްޕަހުގައި ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ކުރިން ވަނީ ނިންމާފައި

ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔަވަމުން ދިޔަ، ގައުމީ ޔުނިވަސިޓީގެ މެޑިސިން ސްކޫލުގެ ދަރިވަރުން، އެތަނުން ނުނެރޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟- މީގެ ފަސް އަހަރު ކުރިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހިންގި މެޑިކަލް ސްކޫލުގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން އެންމެ ފުރަތަމަ ނިންމީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެއީ، ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަން ކަަމަށް ބުނެ އެވެ.

އެކަމަކު އެއާ އެކު، ކިޔަވާ ކުދިންތަކެއް މަގުމަތިކޮށްލީ ކަމަށް ބުނެ ދަރިވަރުންގެ ޝަކުވާ ފުނި ޖެހުނެވެ. އަދި މައްސަލައަށް ހައްލެއް ހޯދުމަށް، ސްޓޫޑަންޓް ޔޫނިއަން އިން ވަނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށްފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ދަރިވަރުންގެ ޖަމިއްޔާގެ އިލްތިމާސަށް އިޖާބަދީ، މެޑިސިން ކިޔަވާ ދަރިވަރުން މިހާރެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

އެތަނުން ބުނިގޮތުގައި:

  • ކިޔަވާ ކުދިންނާ ގުޅުން ހުރި މި ފަދަ ކޮންމެ ކަމެއްގައި އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅު ކުރުމުގައި، ދައުލަތުގެ މާލީ ހާލަތު ތަންދިން މިންވަރަކުން ހެޔޮ ބަދަލުތައް ގެންނެވުމަށް ރައީސް އިސްކަން ދެއްވާ ކަމަށް

  •  މެޑިސިން ދަރިވަރުން ކިޔަވަން ބޭުނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ތައުލީމީ ހާއްސަ ބިނާއެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން

  • އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލި މީހުންނަށް ޖާގަ އާއި އެނދު އިތުރުކޮށް، ސިއްހީ އާ ހިދުމަތްތައް އެ ދެތަނުގައި ވެސް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

ކޮމެންޓް (1)

profile-image-placeholder

އަލިފު ބ

10 މޭ 2024
ހުރިހާކަމެއްގަވެސް އަދި މިފެންނަނީ މިއަދުބުނާ ބަސް މާދަން ބަދަލުވާތަން މިގޮތައް ކަންތައް ވާނަމަ އިތުބާރެއް ދުވަހަކުވެސް ނުލިބޭނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް