ކ. ގާފަރު ފަޅު: މިއީ ރާއްޖޭގެ ބޮޑު ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެއް
ގާފަރު ފަޅުގައި 16 ރަށް ހިއްކައިގެން ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް
ކ. ގާފަރު ފަޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއަކަށް 16 ރަށް ހިއްކަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން 35 މިލިއަން ޑޮލަރު (556 މިލިއަން ރުފިޔާ)އަށް ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓު ޖެހުމުގެ އެ މަޝްރޫއު އެމްއެފްއެމްސީއިން ހަވާލުކުރީ އެޓޯލް ވޯކްސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ އެވެ.
ތަފްސީލު - ޖުމްލަ 106.9 ހެކްޓަރުގެ ބިން ހިއްކާ މި މަޝްރޫއުއަކީ އެއް ފަޅެއްގައި މިހާ ގިނަ އަދަދެއްގެ ރަށްތައް ހިއްކާ ގޮތަށް ކ. އަތޮޅުގައި ކުރިއަށްގެންދާ ފުރަތަމަ މަޝްރޫ އެވެ.
އެ މަޝްރޫއުގެ ތަފްސީލު:
-
14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރާނެ
-
ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ހިއްކާނެ
-
މަޝްރޫއުގެ އަގު: ހިއްކައި ރިވެޓްމަންޓު ޖެހުމަށް 36 މިލިއަން ޑޮލަރު (556.6 މިލިއަން ރުފިޔާ)
-
ހިއްކުމުގެ މަސައްކަތަށް ބޭނުންވާ 3.7 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގަންނަނީ ކިއުބިކް މީޓަރަކަށް 7.8 ޑޮލަރު (120.5ރ.)ގެ މަގުން
-
ޖުމްލަ ހަރަދުވާނެ ކަމަށް އަންދާޒާ ކުރަނީ 29.2 މިލިއަން ޑޮލަރު (451.4 މިލިއަން ރުފިޔާ)
މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެކެވެ. އެޓޯލް ވޯކްސްއަށް އެ ފައިސާ އެމްއެފްއެމްސީން ދޭނީ ދިގު މުއްދަތަކަށް އެ ރަށްތައް ކުއްޔަށް ދީ، އާމްދަނީ ހޯދުމަށް ފަހު ކަމަށް، އެ ކުންފުނިން ބުންޏެވެ.