މަޖިލިސް އިންތިހާބު އޮބްޒާވުކުރުމަށް ރާއްޖެ އައި ބޭރުގެ ވަފުދުގެ ބައެއް ބޭފުޅުން (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

އިންތިހާބު މޮނީޓާކުރަން އައި ބޭރު ވަފުދަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަވި

އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި އެ ބޭފުޅުން ތިބުމާއި ކެއުން އަދި އެތަނުގެ ކޮންފަރެންސް ހޯލު ކުއްޔަށް ހިފުމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މޮނީޓާކޮށް އޮބްޒާވު ކުރުމަށް އައި ބޭރުގެ ވަފުދުތަކުގެ ހަރަދުތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާ އިރު ބޭރުގެ އޮބްޒާވަރުންނަށް އީސީ އިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި އެ ބޭފުޅުންގެ ހުރުމާއި ކެއުން އަދި އެތަނުގެ ކޮންފަރެންސް ހޯލު ކުއްޔަށް ހިފުމަށެވެ.

ތަފްސީލް - މީގެ އިތުރުން އެބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖު ހަމަޖެއްސުމަށް ވެސް ބޮޑު ހަރަދެއް ކޮށްފައިވެ އެވެ.

އެގޮތުން: 

  • ބޭރުގެ އޮބްޒާވަރުންގެ ހުރުމާއި ކެއުން އަދި ހޯލު ކުއްޔަށް ނެގުމަށް 824،815.88ރ. ހޭދަކޮށްފައިވޭ

  • އެބޭފުޅުންނަށް ވީއައިއޭގެ ވީއައިޕީ ލައުންޖު ހަމަޖެއްސުމަށް 157،746.90ރ. ހަރަދުކޮށްފައިވޭ

ބޭރުގެ ވަފުދު ރާއްޖެ އައުމަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް އިންޑިއާ-މާލެ-އިންޑިއާ ދެކޮޅު ޓިކެޓަށް 44،349ރ. ހޭދަކޮށްފައިވާ ކަމަށް އެ މައުލޫމާތުތައް ދައްކަ އެވެ.

އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ޝަހާބުއްދީން ޔައުގޫބު ގުރައިޝީ މާލެ ވަޑައިގަތުމަށް ވިލާ ޓްރެވަލްސް މެދުވެރިކޮށް ނެގި ދިއްލީ-މާލެ-ދިއްލީ ޓިކެޓަށް 7،494.12ރ. ހޭދަކޮށްފައިވާ އިރު އެ ޓިކެޓު އަޕްގްރޭޑު ކުރުމަށް 16،545.66ރ. ހަރަދުކޮށްފައިވެ އެވެ.

މީގެ އިތުރުން:

  • އޮބްޒާވަރުންގެ މާލެ އަތޮޅު ދަތުރަށް 17،500ރ. ހަރަދުވި

  • 20 އޭޕްރީލް ވަނަ ދުވަހު މާގިރި ހޮޓަލްގައި އެބޭފުޅުންނަށް ދިން މެންދުރުގެ ކެއުމަށް 18،318.28ރ. ހޭދަވި

  • 21 އޭޕްރީލް ވަނަ ދުވަހު އެބޭފުޅުންނަށް މެންދުރުގެ ކެއުން އަދި ހައިޓީ އަށް 17،708.33ރ. ހޭދަވި

  • ކަނޑުމަގުން މާލެ އަތޮޅުގައި ކުރި އެކި ދަތުރުތަކަށް 47،200ރ. ހަރަދުވި

  • ބޭރުގެ އޮބްޒާވަރުންނަށް ހާއްސަކޮށް ތޮތްޕާއި ޓޯޓް ބޭގު ތައްޔާރު ކުރުމަށް 4،940.19ރ. ހޭދަވި

  • ރިފްރެޝްމެންޓު ކިޓު ގަތުމަށް 3،057.48ރ. ހޭދަވި

ފާހަގަ ކުރެވޭ -ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އިންތިޒާމުތައް ވަރަށް ރަނގަޅު، ފުރިހަމަ އިންތިހާބެއް ކަމަށް ބޭރުގެ އޮބްޒާވަރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހުވޭ

7 މޭ 2024
އިންތިޒާމުތައް ކިހާރަނގަޅު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް