ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ އަސުރުމާ 3 މަސްދޯނި (ފޮޓޯ/މަސްވެރިން)

މަސްވެރިން

އުތުރުން އައިސް ނުލިބޭތީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުން

ހޯރަފުށީގެ އައިސް ޕްލާންޓް ހަލާކުވެފައި ހުންނަތާ ދެ މަސް ވެއްޖެ ކަމަށް މަސްވެރިން ބުނޭ. މަސްވެރިން ފާހަގަކުރި ގޮތުގައި އުތުރުގައި މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު

ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން އައިސް ލިބުން ދަތިވެ، ބޮޑުކަންނެލި މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހއ. އަތޮޅުން އާންމުކޮށް އައިސް ވިއްކާ ހޯރަފުއްޓާއި އިހަވަންދޫ އައިސް ޕްލާންޓުން އައިސް ލިބުން ދަތިވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ.

ތަފްސީލް - 'ދައުރު'އާ ވާހަކަ ދައްކަވަމުން ބޮޑުކަންނެލި މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް ހުސެން ނަޝީދު މިއަދު ވިދާޅުވީ ހޯރަފުށީ އައިސް ޕްލާންޓް ހަަލާކުވެފައި ހުންނަތާ ދެ މަސް ވެފައިވާ ކަމަށެވެ. އިހަވަންދޫ އައިސް ޕްލާންޓުން އައިސް ލިބުން ވެސް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިރިޔާ ވެސް އިހަވަންދިއްޕޮޅު މި ކިޔާ ސަރަހައްދުން އައިސް ލިބެނީ އިހަވަންދޫން. އެކަމަކު އެ ރަށުން ވެސް މި ދޫކުރަނީ ލިމިޓު ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

"އުތުރުގައި ބޮޑުކަންނެލި މަސްވެރިކަން ވަރަށް ރަނގަޅު. ވަރަށް ގިނަ ދޯނިތަކުން އުތުރުގައި އެބަ ހަރަކާތްތެރިވޭ ބޮޑުކަންނެލި މަސްވެރިކަމުގައި."

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އަސުރުމާ-3 ދޯނީގެ ކެޔޮޅު އަލީ ޝަމީމް 'ދައުރު' އަށް ބުނީ ހޯރަފުށިން އައިސް ނުލިބޭތާ ދެ މަސް ވެފައިވާ ކަމަށެވެ.

"އިހަވަންދޫން ވެސް ލިބެނީ ބައެއް ދުވަސްދުވަހު. އެމީހުން އައިސް ހަދަނީ ލިމިޓުކޮށްގެން ކަމަށް ބުނަނީ. އައިސްއަށް އަޅާ ލޮނު ހުސްވެގެން އައިސް ހެދުން ހުއްޓާލަން ޖެހިދާނެ ކަމަށް އެތަނުން ބުނީ."

މިހާރު ފެނަކަ އިން ރަށްރަށުގައި ހިންގާ އައިސް ޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެ އެވެ.

ޝަމީމް ބުނިގޮތުގައި؛

  • ދެން އެންމެ ކައިރިން އައިސް ލިބެނީ ށ. ކީކިމިނިން. އެ ތަނުން ވެސް އައިސް ހަދަނީ އޯޑަރު ކުރިން ދިނުމުން

  • އެހެންނޫނީ ދެން ޖެހެނީ ވަރަށް ދުރަށް ދުއްވަން. ނ. ޅޮހިން އައިސް ލިބޭ ކަމަށް އޭނާ ބުނި. އެކަމަކު އެއީ ހއ. އަތޮޅުން ދުއްވާފައި ދާން ވަރަށް ދުރު އަދި ބޮޑު ހަރަދެއް ކަމަށް ވެސް ފާހަގަކުރި

ނަޝީދު ވިދާޅުވީ މަސްވެރިންނަށް ކުރިމަތިވެފައިވާ އައިސް ލިބުމުގެ ދަތިކަން ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް ވެސް މިނިސްޓްރީގައި އެދުނިން މަސްވެރިންނަށް އައިސް ލިބުން ދަތިވެފައިވާތީ އެކަން ހައްލުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ކޮންމެ ފަހަރަކު ވެސް ވޯޓާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުތަކުން ވައުދުވޭ،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި؛

  • ނިސްބަތުން ބަލާއިރު ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތައް ގިނަ

  • އެކަމަކު ސަރުކާރުތަކުން ބޮޑުކަންނެލި މަސްވެރިންނަށް އަޅައެއްނުލާ

  • ބޮޑުކަންނެލި ގަންނަނީ އާންމުކޮށް އަމިއްލަ ކުންފުނިތަކުން. ސަރުކާރަށް ބޮޑުކަންނެލި ނުގަތަސް މި ސިނާއަތަށް އެހީރެތިކަން ދިނުމަށް އޭނާ ގޮވާލެއްވި

  • ކޮންމެ ފަހަރަކު ވެސް މަސްވެރިން ބޭނުންކުރަނީ ވޯޓު ހޯދަން

  • ބޮޑުކަންނެލީގެ މަސްވެރިންނަށް މި ސަރުކާރުން ވައުދުތަކެއްވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދަން އޭނާ ގޮވާލެއްވި

އުތުރުގެ ދެ އައިސް ޕްލާންޓު ހަލާކުވެފައިވާތީ އެކަމާ ގުޅިގެން ފެނަކަ ކުންފުނީގެ ރަސްމީ ބަހެއް ނުލިބެ އެވެ. އެ ތަންތަން ހިންގުން މިފްކޯއަށް ބަދަލުކުރަން އުޅޭއިރު އެ ކުންފުނީގެ ބަހެއް ވެސް އަދި ފިޝަރީޒް މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.

ކޮމެންޓް (1)

profile-image-placeholder

ކެކެކެ

8 މޭ 2024
ޅެމެއް އަނބާއެއް ފަރިހިއެއް ކިޔާލީމާ ތިކަން ޙައްލުވެދާނެ ތޯއްޗެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް