މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު ސަލާމް ކުރައްވަނީ: ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް މިއަދު ތިން އަހަރުވުމާއެކު އަސްލަމް ގޮވާލެއްވީ ޝަރީއަތް އަވަސްކުރުމަށް (ފައިލް ފޮޓޯ/ މަޖިލިސް)
ނަޝީދުގެ ބޮމުގެ ހަމަލާއަށް 3 އަހަރު: ޝަރީއަތް އަވަސް ކުރުމަށް މަޖިލީހުގެ ރައީސް އަސްލަމް ގޮވާލައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް މިއަދު ތިން އަހަރުވުމާ ގުޅިގެން، އެ މައްސަލައިގެ ޝަރީއަތްތައް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައި ވަނީ 6 މެއި 2021ގަ އެވެ. އޭރު މަޖިލީހުގެ ރައީސް އަކަށް ނަޝީދު ހުންނަވަނިކޮށް ދިން މި ހަމަލާއާ ގުޅިގެން އަސްލަމް ވާހަކަ ދެއްކެވީ، މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުންނެވެ.
ބުނީ ކީކޭ؟ - "މިއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކާތެރިކޮށް ބޮމުގެ ހަމަލާއެއް ދެވުނުތާ ތިން އަހަރު ފުރޭ ދުވަސް،" ކުރީގެ ގާތް ރަހުމަތްެރިޔާއަށް ދިން ހަމަލާއާ ގުޅޭ ގޮތުން އަސްލަމް، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިއަދު ވިދާޅުވި އެވެ.
ތަފްސީލު - އޭރު މަޖިލީހުން ވަނީ އެ ހަމަލާއާ ގުޅޭ ގޮތުން ހާއްސަ އިންކުއަރީއެއް ހަދައި، އިދާރާތަކަށް ރިކޮމެންޑޭޝަންތަކެއް ދީފަ އެވެ. އަސްލަމް އެދުނީ، އިދާރާތަކުން އެ ރެކޮމެންޑޭޝަންތަކަށް ފުރިހަމަށް އަމަލު ކުރުމަށެވެ.
"ރައްޔިތުންގެ މަޖިލިސް ނަމުގައި އަޅުގަނޑު އެދެނީ، ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން ތައްޔާރުކޮށް އާންމުކުރެވިފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަކަށް ފުރިހަމައަށް އަމަލު ކުރެވިގެން ދިޔުމުން،" އަސްލަމް ވިދާޅުވި އެވެ.
"މި ހަމަލާއާ ގުޅޭ ގޮތުން ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމިގެން ދިޔުމަކީ، މުހިންމުވެފައިވާ ބޭނުންތެރިކަމެއް ކަމަށް ވެސް ދެކެން."
އޭގެ އިތުރުން ރާއްޖެއިން ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިޔުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި އަސްލަމް ފާހަގަ ކުރެއްވި އެވެ.
އެނގުން މުހިންމު - ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި، އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.
އެ މައްސަލާގައި އިތުރު ހަ މީހަކަށް ދައުވާކޮށްފައިވެ އެވެ. އެމީހުންގެ ޝަރީއަތްތައް އަދި ނުނިމެ އެވެ.
ގުޅުން ހުރި - މަޖިލީހުން އޭރު ފާސްކުރި އިންކުއަރީ ރިޕޯޓުގައި އިދާރާތަކުން ގިނަ ކަންކަން ކުރުމަށް ލަފާ ދީފައިވެ އެވެ. އޭގެ ތެރޭގައި:
-
ސިފައިން ހަތިޔާރާ އެކު ނަޝީދު ދިރިއުޅުއްވާ ގެކޮޅު މޮނީޓާ ކުރުން
-
އިންޓެލިޖެންސް ލިބުމުގައި ހުރި ފުށު އެރުންތައް ނައްތާލުމަށް އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލުން
-
އެފަދަ ދެ ވަނަ ހަމަލާއެއް ތަކުރާރު ނުވުމަށް ސަރުކާރުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ވެސް އެޅުމަށް ލަފާ ދީފައިވޭ
ނަޝީދަށް އަދިވެސް އިންސާފު ނުލިބޭތީ ޑިމޮކްރެޓްސްގެ ކަންބޮޑުވުން
މި ހަމަލާއަށް ތިން އަހަރުވުމާ ގުޅިގެން ނަޝީދު އުފެއްދި ޑިމޮކްރެޓްސްއިން ވެސް މިއަދު ވަނީ ބަޔާނެއް ނެރަފަ އެވެ. ޝަރީއަތް ހިނގުން ލަސްވާތީ، އެ ޕާޓީން ވެސް އަކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
"އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ."
އެ ހަމަލާއިން ނަޝީދަށް ލިބުނު ޒަހަމްތައް އަދި ޝަރީއަތާ ގުޅޭ ގޮތުން ބަޔާނުގައި ބުނީ:
-
ބޮމުގެ އެ ހަމަލާގައި މާތް اللهގެ ރަހުމަތްފުޅުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވި ނަމަވެސް، ރޭޒާފުއްތައް ހަށިކޮޅުގެ އެތަން މިތަނަށް އަރައި ޒަހަމްކޮށްލާފައިވުމުން ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި
-
މިހާތަނަށް މިހަމަލާގައި އިއުތިރާފްވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތް ހިންގުން ވަނީ ލަސްވެފައި
-
ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ހޯދިފައި ނުވޭ
"ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތުލިބިދީފައި އޮތުމީ މި ޕާޓީންކަންބޮޑުވާ އަދި ކުށްވެރިކުރާ އެއްކަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
"ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިން ވެސް ރާވައި މަސައްކަތް ކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރަމެވެ."