އެމްޑަބްލިއުއެސްސީ ހިންގާ އިމާރާތް (ފައިލް ފޮޓޯ)

މާޗު މަހަށް ވުރެ އޭޕްރީލް މަހުގެ ފެން ބިލު ބޮޑު ނަމަ ބޮޑުވާ އަދަދުން ޑިސްކައުންޓު ދެނީ

އޭޕްރީލް މަހުގެ ބިލު، މާޗު މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓު ދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނި

ކުރިން ފޮނުވި ފެން ބިލްތަކުގެ ތެރެއިން ރޯދަ މަހުގެ ފެނުން ޑިސްކައުންޓް ނުދެވޭ ބަޔަށް ވެސް ޑިސްކައުންޓް ދޭނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ. ކުރިން ޑިސްކައުންޓު ދީީފައިވަނީ 11 މާޗުން 11 އޭޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލުތަކަށެވެ.

ވީ ކިހިނެއް؟ - ރޯދަ މަހުގެ މުއްދަތަށް ޗާޖުކޮށް، ފޮނުވާފައިވާ ޔުޓިލިޓީ ބިލުތައް ބޮޑުކަމަށް ބުނެ ބައެއް މީހުން ވަނީ ޝަކުވާކޮށްފަ އެވެ. ރޯދަ މަހު ކަސްޓަމަރުންނަށް ފޮނުވި ބިލުގައި ޑިސްކައުންޓް ހިމެނި ނަމަވެސް، އާންމުން ޝަކުވާ ކުރަން ފެށީ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު މާ ބޮޑު ކަމަށް ބުނެ އެވެ. އެ ޝަކުވާތަކާ ގުޅިގެން ރޯދަމަހު ބޭނުންކުރި ކަރަންޓާއި ފެނަށް ވެސް ޑިސްކައުންޓް ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފަ އެވެ. 

ތަފްސީލް - އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މާޗު މަހު ފޮނުވާފައިވާ ބިލަށް ވުރެ އޭޕްރީލް މަހުގެ ބިލު ބޮޑުވާ ނަމަ، އެ ބޮޑުވާ މިންވަރު އޭޕްރީލް މަހުގެ ބިލުން އުނިކުރާނެ ކަމަށެވެ.

އެގޮތުން

  • އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލުން %10 އަށް ވުރެ ކުޑަ މިންވަރެއް ނަމަ %10ގެ ޑިސްކައުންޓު ދޭނެ

  • އޭޕްރީލް މަހުގެ ބިލު، މާޗު މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓު ދޭނެ

  • އަލަށް ފެން އަދި ކަރަންޓު ލާފައިވާ މީހުންނަށް ފުރަތަމަ ފޮނުވާ ބިލަކީ އޭޕްރީލް މަހުގެ ބިލު ނަމަވެސް، އެމީހުންނަށް ވެސް އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓު ދޭނެ

އެމްޑަބްލިއުއެސްސީ އިން ބުނީ އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދާއި މިހާރު ބިލު ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލު އިސްލާހު ކުރުމުން ދެން ދައްކަން ޖެހޭ އަދަދު މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.

ފެންބިލުން ދިން ލުޔާ އެކު ލަސްނުކޮށް ބިލު ދެއްކުމަށް އެމްޑަބްލިއުއެސްސީ އިން އިން އިލްތިމާސް ކުރެ އެވެ.

ފާހަގަ ކުރެވޭ - އެމްޑަބްލިއުއެސްސީ އިން ބުނީ މާޗު-އޭޕްރީލްގެ ބިލުތަކަށް ދިން ޑިސްކައުންޓާ އެކު ޖުމްލަ 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ފެން ބިލުތަކުން ދިން ކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީތަކަށް ބިލުކޮށްފައިވާ މިންވަރުގެ %24.5 ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެނގުން މުހިންމު - ރޯދަ މަހު ކަރަންޓާއި ފެން ބިލު އެހެން މަސްތަކަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ޑިސްކައުންޓެއް ސަރުކާރުން ދޭނެ ކަން ރައީސް މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި 4 މާޗުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް